އެމެރިކާގެ ވެރިކަމާ ޖެނުއަރީ މަހު ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަސް ހަމަވި ދުވަހާ ދިމާކޮށް ކޮންގްރެސްގައި ފުރަތަމަ ރިޔާސީ ބަޔާން އިއްވަވައިފިއެވެ.
ރައީސް ޖޯބައިޑަން ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި، އެމެރިކާގެ ރައްޔިތުންނަށް އުންމީދީ ވާހކަތަކެއް ހިއްސާކުރެއްވިއެވެ. ބައިޑްންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، އޭނާއާ ހަވާލުވި އެމެރިކާއަކީ، ތަފާތު އެތައް ސަބަބުތަކާހެދި، ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އެމެރިކާއެއް ކަމަށެވެ. އަދި ވިދާޅުވީ މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19 ކާރިސާގެ ސަބަބުން އެގައުމުގެ އިގްތިސާދު ބޮޑު ފުން ވަޅުގަނޑަކަށް ވެއްޓިގެން ގޮސްފައިވާ ކަމަށާއި، އަދި އެތައް ބައެއްގެ ވަޒީފާ ގެއްލި ބިކަ ވެފައިވާ ކަމަށެވެ.
ބައިޑަން ވިދާޅުވީ އޭނާގެ ރިޔާސަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމެރިކާގައި 1.3 މިލިއަން ވަޒީފާ މުޅިން އަލަށް އުފައްދާފައިވާ ކަމަށެވެ. އަދި ބައިޑަން ވިދާޅުވި ގޮތުގައި މިއީ އެގައުމުގެ އެއްވެސް ރައީސަކަށް މިހާތަނަަށް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރެވިފައިވާ ކާމިޔާބީއެއް ނޫންކަމުގައެވެ.
ބައިޑަން ވިދާޅުވި ގޮތުގައި، އެމެރިކާގެ އިގްތިސާދު މިއަަހަރު ކުރިއަރަމުންދާނީ %6 އަށްވުރެ މަތީގައެވެ.
ބައިޑަންވަނީ ރިޔާސީ ބަޔާނުގައި ޗައިނާއާއި އެގައުމުގެ ގުޅުން ދެން ބަދަހި ވެގެންދާނެ ގޮތުގެ މައްޗަށް ވެސް އަލި އަޅުއްވާލައްވާފައެވެ. ޗައިނާއާ އެކީ އޮތް "ވާދަވެރިކަމަށް" އެމެރިކާއިން މަރުހަބާ ކިޔާކަމަށް ވިދާޅުވަމުން ބައިޑްން ވިދާޅުވެފައިވަނީ، ޗައިނާއާއެކު ހަމަނުޖެހުމަކަށްދާން ބޭނުންނުވާ ކަމަށެވެ. އަދި އެމެރިކާގެ މަސްލަހަތުތައް އެތެރެއާއި ބޭރުންވެސް ހިމާޔަތް ކުރައްވާނެކަމަށް ޗައިނާގެ ރައީސް ޝީ ޖިންގ ޕިންއަށް ދަންނަވާފައިވާނެ ކަމަށްވެސް ބައިޑްން އޭނާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ހަމަހަމަ ކަމެއްނެތް ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން އެމެރިކާގެ އިންޑަސްޓްރީސްތަކާއި އަދި މަސައްކަތްތެރިންނަށް ލިބޭ ގެއްލުންތަކާ އެމެރިކާއިން ދެކޮޅު ހަދާނެކަމަށެވެ. އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި، އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ވެފައިވާ ވައްދުތަކަށް ފުރަގަސް ނުދޭނެކަން ޗައިނާ ހިމެނޭގޮތަށް އެހެން ގައުމުތަކުގެ ލީޑަރުންނަށް ވެސް ހިއްސާކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ރަޝިއާއި އެެމެރިކާގެ ގުޅުމާ ގުޅޭގޮތުން ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލައްވަމުން ބައިޑަން ވިދާޅުވެފައިވަނީ، ރަޝިއާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވި ނަމަވެސް، އެގައުމާއި އަދި އެގައުމުގެ ރައީސް ވްލަޑްމިއަރަ ޕުޓިންއާ ކުރިމަތިލުމަކަށް ދާން އޭނާ ބޭނުންފުޅު ވެވަޑައިނުގަންނަވާކަމަށެވެ.
ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް ކުރެވޭ ހަނގުރާމައަކީ ހަމައެކަނި އެމެރިކާގެ ހަނގުރާމައެއް ނޫން ކަމަށާއި، އަދީ އެއީ މުޅި ދުނިޔޭގެ ހަނގުރާމައަކަށް ހަދަން ޖެހިފައިވާ ކަމަށެވެ.
ވެރިކަމާ ހަވާލުވުމަށްފަހު، ކޮންގްރެސްއަށް ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ޖޯ ބައިޑަން ވިދާޅުވީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމަށްފަހު، އައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި، އެމެރިކާގެ ޑިމޮކްރަސީއަށް އަލުން ރައްޔިތުންގެ އިތުބާރު ހޯދިފައިވާ ކަމަށާއި، އަދި 1.8 ޓްރިލިއަންގެ ޓެކްސް ކްރެޑިޓް ޕްލޭންއެއް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށެވެ.