މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކު އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް އެދި ހުށަހެޅި ގަރާރަށް އިޖްތިމާއީ ކޮމިޓީން އިސްލާހު ހުށަހަޅައިފިއެވެ.
މި އިސްލާހުގައި ވަނީ މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކު އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށާއި ކަމާ ގުޅުންހުރި ވުޒާރާތަކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން އިސްނައިގެން މިފަދަ މަރުކަޒެއްގެ މަސައްކަތް ފެށުމަށެވެ.
ކޮމިޓީން ގަރާރު ދިރާސާ ކުރި ގޮތުގެ ރިޕޯޓު އިއްވާފައިވަނީ ކޮމިޓީގެ މުގައްރިރުގެ ނައިބު، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާނެވެ. ފިރުޝާން ވިދާޅުވީ މި ގަރާރާ ގުޅިގެން ކޮމިޓީން ޔޫތް މިނިސްޓްރީއާއި، މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަދި މާލޭ ސިޓީ ކައުންސިލްގެ ބޭފުޅުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވަނީ މިފަދަ މަރުކަޒުތައް މުޅި ދިވެހިރާއްޖޭގައި ގާއިމުކުރުމަކީ މުހިންމު ކަމެއްކަމަށާއި، މިހާރުވެސް މާލޭގައި ގާއިމުވެފައިހުރި ތަންތަން ބޭނުންކޮށްގެން ފަންނުވެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަ ކުރައްވާފަ.މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން
މި ގަރާރު ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ގަރާރު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ މިއީ މާލޭއަށް ދިމާވެފައިވާ އެންމެހައި މައްސަލަތަކުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކު އަޑުއަހާލައި އެކުވެރިންނާ ބައްދަލުކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށާއި އެމަރުކަޒަކީ ޒުވާނުންގެ މިޔުޒިކުގެ ފަންނު އިތުރަށް ތަރައްޤީކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރެވެން ހުރި ކަންކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅުއްވާ ގަރާރެއް ކަމަށެވެ.
ހަސަން ލަތީފު ވިދާޅުވީ ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކަކީ އެމައްސަލަތަކުން މުޅިން އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަަތައްކަމަށެވެ. އަދި މާލޭގައި މިއޮތް ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ ކާރޫބާރޫ ބޮޑުކަމާއި ވަޒީފާގެ ފުރުސަތުތަކުގެ މަދުކަމުގެ މައްސަލަތަކާއެކު އުޅެންޖެހިފައިވަނީ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ. ހަސަން ލަތީފު ވިދާޅުވީ ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުންނަށް އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން އިތުރުވެފައިވާ ކަމަށެވެ. އަދި ޒުވާނުންގެ ތެރޭގައި އާދަޔާ ޚިލާފު ކުޅަދާނަ ފަންނާނުން އެބަތިބި ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.