ކ. މާލެ
|
28 އޭޕްރިލް 2021 | ބުދަ 18:17
ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު
ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު
ރައްޔިތުންގެ މަޖިލިސް
ވ.އަތޮޅުގައި އިމާރާތްކުރާ މަލްޓިޕާރޕަސް ހޯލް
ވ.އަތޮޅުގެ ދެރަށެއްގައި އިމާރާތްކުރާ މަލްޓިޕާރޕަސް ހޯލާ ގުޅޭ ގަރާރު ބޭރުކޮށްލައިފި
 
ގަރާރު ހުށައެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު
 
26 މެންބަރުންގެ ތެރެއިން 25 މެންބަރަކު ގަރާރު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވި

ވ.އަތޮޅު ތައުލީމީ މަރުކަޒު (ފެލިދޫ) އަދި ވ.އަތޮޅު މަދަރުސާ (ފުލިދޫ)ގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މަލްޓިޕާރޕަސް ހޯލުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ހުށައެޅި ގަރާރު މަޖިލީހުގެ ތަޅުމުން ބޭރު ކޮށްލައިފިއެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ގަރާރު ބަލައިގަންނަން ފެނޭތޯ ނެގުނު ވޯޓުގައި 36 މެންބަރުން ބައިވެރިވެފައިވެއެވެ. މި 36 މެންބަރުންގެ ތެރެއިން 25 މެންބަރަކު ނުފެންނަ ކަމަށް ވޯޓު ދެއްވިއެވެ. އަދި 3 މެންބަރަކު ފެންނަ ކަމަށް ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ 8 މެންބަރަކު ތިއްބެވިއެވެ.

ގަރާރު ހުށައަޅުއްވަމުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ ވ.އަތޮޅު ތައުލީމީ މަރުކަޒު (ވ.ފެލިދޫ)ގައި އިމާރާތް ކުރުމަށް 2019 ވަނަ އަހަރާއި 2020 ވަނަ އަހަރާއި އަދި މިއަހަރުވެސް ބަޖެޓް ކުރެވިފައިވާ މަލްޓިޕާރޕަސް ހޯލުގެ މަސައްކަތް ފެށުމަށްފަހު ހުއްޓިފައިވާ ކަމަށެވެ. އަދި 2 ފަހަރެއްގެ މަތިން ކޮންޓްރެކްޓަރުން އައްޔަން ކުރެވިގެންވެސް މި މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ކަމަށެވެ.

މެންބަރު ވިދާޅުވީ ވ.އަތޮޅު މަދަރުސާ (ވ.ފުލިދޫ)ގެ މަލްޓިޕާރޕަސް ހޯލު އިމާރާތް ކުރުމަށް 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ވެސް ބަޖެޓް ކުރެވިފައިވާ ކަމަށާއި އެކަމަކު މަސައްކަތް ފެށިފައި ނުވާ ކަމަށެވެ. އަދި ސްކޫލަށާއި ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށްޓަކައި މި މަސައްކަތް ވީހާވެސް އަވަހަށް ފަށައިދިނުމަށް ސަރުކާރަށް އިލްތިމާސްކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
100%
0%
0%
0%
0%
0%
ކޮމެންޓް