ކ. މާލެ
|
28 އޭޕްރިލް 2021 | ބުދަ 18:03
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލިސް
ކަނޑު ދަތުރުކުރުމުގެ ރައްކާތެރިކަން
ކަނޑު ދަތުރުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމާ ގުޅޭ ގަރާރަށް ކޮމިޓީން ހުށައެޅި އިސްލާހު ފާސްކޮށްފި
 
ފާސް ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ އިއްތިފާގުން
 
ގަރާރަކީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅާފައިވާ ގަރާރެއް

ކަނޑު ދަތުރުކުރުމުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ހުށައެޅި އިސްލާހު މަޖިލީހުން ފާސް ކޮށްފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މިކަން ފާސް ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

ކަނޑު ދަތުރުކުރުމުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން އިތުރުކުރުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅާފައިވާ ގަރާރު ދިރާސާ ކުރުމަށްފަހު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ހުށަހެޅި ރިޕޯޓު އިއްވަވަމުން ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ގަރާރު އަލުން ދިރާސާ ކުރުމަށްފަހު އިސްލާހުތަކެއް ހުށައަޅާފައިވާ ނުވާ ކަމަށެވެ.

މި މައްސަލައިގައި ކޮމިޓީން ނިންމީ ކުރިންވެސް ނިންމާފައިވާ ގޮތް އެއީ ހަމަ މި މައްސަލައިގެ ތެރެއަށް ވަރަށް ރަނގަޅަށް ބަލައި، ސަރުކާރާ އަމިއްލަ ފަރާތްތަކުން ވެސް މިކަމާ ގުޅޭ މައުލޫމާތު ހޯދާ، އެ މައުލޫމާތު ތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓެއް ކަމަށްވާތީ، އެ އޮތް ގޮތަށް މަޖިލީހަށް ފޮނުވަން
ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ

ދިވެހިރާއްޖޭގެ ވަށައިގެންވަނީ ކަނޑުކަމަށްވެފައި ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނާތީ، ރާއްޖޭގެ ކަނޑުދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން ކޮމިޓީން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން، އެފަދަ ހާދިސާތައް ހިނގުމުގައި ދައުލަތާއި ރައްޔިތުންގެ އިހުމާލު ވެސް އޮންނަކަމާއި، ކަނޑު ދަތުރުފަތުރުގެ ސަލާމަތާ ގުޅޭގޮތުން ދައުލަތުގެ ފަރާތުން ހަރުދަނާ ގަވާއިދުތަކެއް ހަދައި، އެގަވާއިދުތަކަށް ތަންފީޒު ކުރެވެމުންދާކަން ކަށަވަރު ކުރަންޖެހޭކަމަށް ކޮމިޓީން ބުނެއެވެ.

އަދި އުޅަނދުފަހަރު ދުއްވުމުގެ ހުއްދައާއި ސީވަރދިނަސް ފަދަ ހުއްދަތައް ދިނުމުގައި ޢަމަލުކުރެވޭ އުސޫލުތައް ހަރުދަނާކުރުމާއެކު އެ ހުއްދަތައް ދޫކުރާ ފަރާތްތަކުން އިތުރަށް ޒިންމާދާރުވުން މުހިންމުކަން ވެސް ކޮމިޓީން ފާހަގަ ކުރެއެވެ. މީގެ އިތުރުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގައި ބޭނުންކުރާ ވަސީލަތްތައް އެ އުޅަނދުފަހަރުގައި ހަމައަށް ހުރިކަން ކަށަވަރު ކުރުމާއެކު އެތަކެއްޗަކީ ޒަމާނަށް އެކަށީގެންވާގޮތަށް ތައްޔާރުކުރެވިފައިވާ ތަކެތިކަން ކަށަވަރުކުރަން ޖެހޭކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް