ކ. މާލެ
|
28 އޭޕްރިލް 2021 | ބުދަ 14:45
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން
ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން، ރާއްޖެއިން ތަސްދީގު ކުރުމަށް ފެންނަ ކަމަށް ފާސްކޮށްފި
 
މުއާހަދާގައިވާ ގޮތުން މުއާހަދާގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހި ކުރާއިރު ހިފަހައްޓަންޖެހޭ ހަމަތައް ކަނޑައަޅާފައިވޭ
 
މައްސަލަ ދިރާސާ ކުރުމުގައި ކޮމީޓިން އެޓަރނީ ޖެނެރަލްގެ އޮފީސް، ފޮރިން މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުންނާ ބައްދަލު ކޮށްފައިވޭ
 
ފާސް ކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 47 މެންބަރުންގެ އިއްތިފާގުން

"ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތް އީސްޓް އޭޝިއާ" (ޓީއޭސީ) ދިވެހިރާއްޖެއިން ތަސްދީގު ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ކަން ފާސް ކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 47 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގައި މި ސިޓީ އިއްވާފައިވަނީ މަޖިލީހުގެ އަމީންއާއްމެވެ. މިސިޓީގައި ބަޔާން ކޮށްފައިވަނީ ސައުތު އީސްޓް އޭޝިޔާގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އެ ސަރަހައްދުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ޓީއޭސީ ދިވެހިރާއްޖެއިން ތަސްދީގުކުރުމާ ގުޅޭގޮތުން، 2021 ވަނަ އަހަރުގެ ފެބްރުއަރީ 2 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، މި ޓްރީޓީ ދިވެހިރާއްޖެއިން ތަސްދީގުކުރަން ފެނިވަޑައިގަންނަވާ ކަމަށް ނިންމަވައިފައިވާ ކަމަށެވެ.

އަދި މި ޓްރީޓީ ދިވެހިރާއްޖެއިން ތަސްދީގު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ނިންމަވާ ގޮތެއް އަންގަަވައިދެއްވުމަށް ވެސް ރައީސްގެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

ޓީއޭސީ ދިވެހިރާއްޖެއިން ތަސްދީގުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކޮށްފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. އެ ކޮމިޓީން މިކަން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު އިއްވާފައިވަނީ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

މެންބަރު ވިދާޅުވީ މި މައްސަލަ ދިރާސާ ކުރުމުގައި ކޮމީޓިން އެޓަރނީ ޖެނެރަލްގެ އޮފީސް، ފޮރިން މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުންނާ ބައްދަލު ކޮށްފައިވާ ކަަމަށެވެ.

ކޮމިޓީން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި މި ޓްރީޓީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އުފުލަންޖެހޭ އެއްވެސް އިލްތިޒާމެއް، ދިވެހި ސަރުކާރުން ސީދާ ގޮތެއްގައި ކުރަން ޖެހޭ އެއްވެސް ޚަރަދެއް ނެތްކަން. ހަމަ އެއާއެކު ރާއްޖޭގެ ސަގާފަތަށް، ދީނަށް އަދި އެ ނޫންވެސް ކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް މި މައްސަލައިގަ ނެތްކަން އިސްލާމިކް މިނިސްޓްރީގެ ކަމާބެހޭ ޝޭޚުން ވަނީ ކަށަވަރު ކޮށްދީފަ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

މި މުއާހަދާގައިވާ ގޮތުން މުއާހަދާގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހި ކުރާއިރު ހިފަހައްޓަންޖެހޭ ހަމަތަކެއް ކަނޑައަޅާފައިވެއެވެ. އަދި މުއާހަދާގެ އެއްވެސް ބައިވެރިއަކު އަނެއް ބައިވެރިއެއްގެ ސިޔާސީ، އިގްތިސާދީ ހަމަޖެހުން ސިޔާދަތު ނުވަތަ ޓެރިޓޮރިއަލް އިންޓެގްރިޓީއާ ގުޅޭ އެއްވެސް ކަމަކަށް ނުރައްކަލެއް ކުރިމަތި ކުރުވާފަދަ އެއްވެސް އަމަލެއްގައި ބައިވެރިވެގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް