ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 21:41
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބު - އޭނާ ޕީއެސްގެ މަޤާމަށް އައްޔަނު ކުރީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބު - އޭނާ ޕީއެސްގެ މަޤާމަށް އައްޔަނު ކުރީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު
ޒިކުރާ މިސްކިތުގެ ކޮރަޕްޝަން
ކޮރަޕްޝަންގެ މައްސަލައެއް މަޖިލީހަށް ހުށައެޅިތާ 2 އަހަރުވީ، ޖަވާބެއް ނުލިބުނު: މުސްއަބު
 
ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުވިތާ 2 އަހަރުވެފައިވޭ
 
އޭނާ މަގާމަށް އައްޔަން ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު
 
އޭނާއާ ދެކޮޅަށް ސީރިއަސް ބޮޑެތި މައްސަލަތަކެއް ހުށަހެޅިފައިވޭ

މިއަދުގެ ރައްޔިތުންގެ މަޖިލީހުން ކޮރަޕްޝަންގެ ވާހަކަ ދައްކަމުން ގެންދަނީ ހަމައެކަނި ސިޔާސީ ބޭނުމަކަށް ކަމަށް އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގައި ނެތް މުވައްޒަފަކަށް ޤަވާއިދާ ޚިލާފަށް މުސާރަދިނުމާއި، ބައެއް ކޮންޓްރެކްޓް މުވައްޒަފުންނަށް އެއްބަސްވުމެއް ނުހަދައި މުސާރަ ދިނުމާއި، ޤަވާއިދާ ޚިލާފަށް ވަޒީފާގެ އެއްބަސްވުންތައް އެކުލަވާލުން ފަދަ ގިނަ މައްސަލަތަކާއި ގުޅިގެން މުސްއަބު ވަނީ މަޤާމުން ވަކިކޮށްފައެވެ. އެއީ އެތައް ފަހަރެއްގެ މަތިން ސަސްޕެންޑްވެސް ކުރުމަށްފަހު އެވެ. މުސްއަބު ވަނީ އޭނާ ސަސްޕެންޝަން އިތުރު ކުރި މައްސަލަ މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށާއި އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިތުރުން ރައީސް އޮފީހަށް ވެސް ހުށައަޅުއްވާފައެވެ. ނަމަވެސް އެއިން އެއްވެސް އިދާރާއަކުން އޭނާއަށް ޖަވާބެއް ލިބިވަޑައިގެންފައިނުވާ ކަމަށް އޭރުވެސް ވިދާޅުވެފައިވެއެވެ. އަދި ސަސްޕެންޑްކުރީ ޒިކުރާ މިސްކިތުގެ އެގްރިމެންޓް ބާތިލްކުރުމުން ބަދަލުހިފުމުގެ ގޮތުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ވައްކަމުގެ ލޭބަލްކުރުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި މުސްއަބު އަނެއްކާވެސް މިވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މުސްއަބު ވަނީ ބަންޑާރަނައިބުގެ ލަފައާ އެއްގޮތަށް 130 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ހުއްޓުވައި ބާތިލު ކުރުމުން އޭނާ މަޤާމުން ވަކިކުރީކަމަށް ވިދާޅުވެ، ކޮރަޕްޝަނަށް ވަނީ ވަކި ބަޔަކު ކުރީމަތޯ ސުވާލު އުފައްދަވާފައެވެ. އެގޮތުން މުސްއަބު ވަނީ ތިން ފަރާތަކުން ޕްރޮޕޯސަލް ހޯދުމަށް ފަހު ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭއާ ހަވާލުކުރީ އެ ކުންފުންޏަށް މަންފާވާ ގޮތަށްކަމަށް ވިދާޅުވެ އެކަން މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މުސްއަބު ވިދާޅުވީ، އެކަމާ ގުޅޭ ހުރިހާ ތަފްސީލެއް ހިމަނައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުވިތާ 2 އަހަރުވެފައިވާ ކަމަށާއި، އަދިވެސް އެއްވެސް ޚަބަރެއް ނުވާ ކަމަށެވެ. އަދި މަޖިލީހުގައި އެންމެ ބޮޑަށް ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުއްލަވާ މެމްބަރުންނަށްވެސް ވަކިވަކިން ގުޅާ މެސެޖު ކުރެއްވިކަން ފާހަގަ ކުރައްވައި މުސްއަބު ވިދާޅުވީ، އެއިން އެއްވެސް ބޭފުޅަކު ޖަވާބެއް ދެއްވާފައިނުވާ ކަމަށެވެ. މުސްއަބު ވަނީ ކޮރަޕްޝަނޭ ވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދަވަނީ ސިޔާސީ ބޭނުމަކަށް ކަމަށް ތުހުމަތު ކުރައްވައި އެހެން ނުހެއްދެވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ކުރެއްވި ހުވައާ އެއްގޮތަށް ޤައުމަށް ވަފާތެރިވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ޕީއެސްގެ މަގާމަށް މުސްއަބު އައްޔަން ކޮށްފައި ވަނީ މިދިޔަ ސަރުކާރުންނެވެ. އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އޭނާއާ ދެކޮޅަަށް ހުށައެޅިފައިވާ ގިނަ މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު މަޤާމުން ވަކި ކުރުމަށް ނިންމާފައިވަނީ ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މުސްއަބު ތުހުމަތު ކުރައްވާގޮތުން އޭނާއާ ދެކޮޅަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެސްޖޭ ކުންފުނީގެ އިސްފަރާތް ހުށައެޅުއްވި މައްސަލައަކީ އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރައްވާ އެޗްއާރު ޑިޕާޓްމަންޓުގެ މުއައްޒަފަކާއެކު ވައްކަމެއްގައި ބައިވެރިވެ މީގެކުރިން އޭނާއަށް ކުރި ތުހުމަތުތަކެވެ. އެމައްސަލަ އޭސީސީން ބެލުމަށްފަހު އޭނާގެ ބައިވެރިވުމެއް ނެތްކަން ނިންމާފައިވާ ކަމަށާއި އެކަން ކުރި އެޗްއާރު ޑިޕާޓްމެންޓުގެ މުއައްޒަފު އޭނާ ކުރި ކުށަށް އިއުތިރާފުވި ކަމަށް މުސްއަބު ވިދާޅުވިއެވެެ. 

އޭގެ އިތުރުންވެސް އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، މި މައްސަލައިގައި 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހު ސިވިލް ކޯޓުން ނިންމާފައިވަނީ، މި މުޅި މައްސަލައަށް ބަލާއިރު، އޭނާ މަޤާމުން ވަކިކޮށްފައިވަނީ ރަނގަޅަށްކަން އެނގެން އޮންނަ ކަމަށެވެ. އަދި އެއާއެކު އޭނާގެ ވަޒީފާ އަނބުރާ ރުޖޫޢަ ކޮށްދެން ނުޖެހޭކަން ސިވިލް ކޯޓުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އޭނާ މަޤާމުން ވަކި ކުރީ ދިވެހި ސިވިލް ސަރވިސް ޤާނޫނާ ޚިލާފަށް އަމަލު ކޮށްފައިވާތީކަން ފާހަގަކޮށް ސިވިލް ކޯޓުން ބުނީ، އޭނާ ވަގުތީ ގޮތުން މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވިއިރު، ވަޒީފާގެ މަސްއޫލިއްޔަތުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ސީއެސްސީއަށް ހުށައެޅިފައިވާތީ ކަމަށެވެ.

ޒިކްރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 9 ޖުލައި 2018 ވަނަ ދުވަހުއެވެ. ނަމަވެސް އެއްބަސްވުމުގެ މުއްދަތުގައި އެސްޖޭއިން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިނުވާކަމަށްބުނެ އެ އެއްބަސްވުން ބާތިލްކުރުމުގެ 30 ދުވަހުގެ ނޯޓިން ދިނެވެ. އަދި ނޯޓިހުގެ މުއްދަތު ހަމަވެ، 23 މެއި 2019 ވަނަ ދުވަހުގެ ކުރިން އެތަން ހުސްކުރުމަށް މި ސަރުކާރުން އެސްޖޭ ކުންފުންޏަށް އެންގިއެވެ. އެ މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއުއަށް 130 މިލިއަން ރުފިޔާ އަރާނެކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދީފައެވެ. ނަމަވެސް އިމާރާތުގެ މަސައްކަތް ކުރިއަށް ނުދާތީ އެކުންފުންޏާއެކު ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް