ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 16:53
އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް
އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް
ގެޓީ އިމޭޖަސް
އިބްރަހިމޮވިޗުގެ މައްސަލަ ތަހުގީގުކުރުން
ޔުއެފާއިން އިބްރަހިމޮވިޗުގެ މައްސަލަ ތަހުގީގުކުރަނީ
 
އިބްރަހިމޮވިޗަށް ތިން އަހަރުގެ ސަސްޕެންޝަނެއް އައުން ގާތް
 
ބެޓިން ކުންފުންޏެއްގެ ހިއްސާ އިބްރަހިމޮވިޗުގެ އަތުގައި އޮވޭ

ބެޓިން ކުންފުންޏެއްގައި ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗުގެ ކުންފުންޏެއްގެ ހިއްސާއެއް އޮންނަ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކުރަން ޔުއެފާއިން ނިންމައިފިއެވެ.

ދާދި ފަހުން ސްވިޑެންގެ މީޑިއާއަކުން ބަނީ ބެޓިން ކުންފުންޏެއް ކަމަށްވާ "ބެޓްހާޑް" ގެ 10 އިންސައްތަ ހިއްސާ އިބްރަހިމޮވިޗުގެ ކުންފުންޏެއް އަތުގައި އޮންނަ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި މިކަމަށް ބާރުލިބޭ އެއް ހެއްކަކީ 2018 ވަނަ އަހަރު ބެޓްހާޑުން އެ ކުންފުނީގެ އެމްބެސަޑަރެއްގެ ގޮތުގައި އިބްރަހިމޮވިޗް ތައާރަފުކުރުން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޔުއެފާގެ ގަވާއިދު ބުނާ ގޮތުން މުބާރާތެއްގައި ކުޅޭ ކުޅުންތެރިއަކަށް ބެޓް ކުރާ އެއްވެސް ކުންފުންޏަކުން މާލީ މަންފާ ލިބޭގޮތަށް އެއްބަސްވުމެއް ނެހެދޭނެއެވެ. ދާދި ފަހުން ޔުއެފާއިން ނެރުނު ބަޔާނެއްގައި ވަނީ އިބްރަހިމޮވިޗަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކުރަން އެ އިދާރާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ އިންސްޕެކްޓަރެއް އައްޔަންކޮށްފައިވާ ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި މައްސަލަ އިބްރަހިމޮވިޗުގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާއަށް ތިން އަހަރުގެ ސަސްޕެންޝަނެއް އައުން ގާތެވެ.

ޔުއެފާއިން އިބްރަހިމޮވިޗުގެ މައްސަލަ ތަހުގީގުކުރަން ފެށިއިރު، ދާދި ފަހުން އޭނާ ވަނީ މިލާނާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އަލުން އަނބުރާ މިލާނަށް ބަދަލުވުމަށްފަހު، އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް މިލާނުގެ އެއްބަސްވުން އާކުރި ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ އިބްރަހިމޮވިޗް މިލާނާ ގުޅުނީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިބްރަހިމޮވިޗް ވަނީ މި ސީޒަނުގެ ނިޔަލަށް އެއްބަސްވުން އާކޮށްފައެވެ. އައު އެއްބަސްވުމާއެކު އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އިބްރަހިމޮވިޗް މިލާނުގައި މަޑުކުރާނެއެވެ.

މިލާނުގެ އެއްބަސްވުން އިބްރަހިމޮވިޗް އާކުރިއިރު، އޭނާ އަންނަނީ މިލާނަށް ބަދަލުވުމަށްފަހު ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ފަހުން މިލާނަށް ބަދަލުވުމަށްފަހު، އޭނާ ވަނީ މިހާތަނަށް މިލާނަށް ކުޅެދިން 45 މެޗުގައި 28 ލަނޑު ޖަހާފައެވެ. އަދި މި ފަހަކަށް އައިސް އިބްރަހިމޮވިޗުގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވެގެންދިޔައިރު، 2016 ވަނަ އަހަރު ސްވިޑެންގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި ފޯވާޑް ދާދި ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް އަލުން ގައުމީ ޓީމަށް ކުޅެން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް