ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 12:59
އެސްއޯއީ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
އެސްއޯއީ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
ރައްޔިތުންގެ މަޖިލިސް
އިންޝުއަރެންސް ނިޒާމުގެ ތެރެއިން ޚިދުމަތްދިނުން
ރާއްޖޭގައި ގާއިމުވެފައިވާ އިންޝުއަރެންސް ނިޒާމުގެ ތެރެއިން އެ ޚިދުމަތް ދިނުމަށް ސްޓެލްކޯއަށް އެންގުމަށް ކޮމިޓީން ފާސްކޮށްފި
 
ކުންފުނިތަކުގެ ޕޮލިސީތައް ރިވިއުކޮށް، އެއްހަމަކުރާނެ ގައިޑްލައިނެއް އެކުލަވާލުމަށް ފަހު ކޮމިޓީއަށް ހުށަހެޅުމަށް އެންގުމަށް ނިންމާފައިވޭ
 
ކުންފުނީގެ މެނޭޖުމަންޓުން މުވައްޒަފުންނާ ވިހާވެސް ގާތުން މަސައްކަތް ކުރުމަށް އެންގުމަށް ކޮމިޓީން ފާސްކޮށްފައިވޭ

ރާއްޖޭގައި ގާއިމުވެފައިވާ އިންޝުއަރެންސް ނިޒާމުގެ ތެރެއިން އެ ޚިދުމަތް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން ފާސްކޮށްފިއެވެ.

ސްޓެލްކޯގެ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އިއްވަމުން އެ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ސްޓެކްލޯއާ ގުޅުންހުރި ވަރަށް ގިނަ މައްސަލަތަކެއް އެ ކޮމިޓީއަށް ލިބެމުން ދާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް މަދުކުރުމަށް އެ ކުންފުނީގެ މެނޭޖުމަންޓުން މުވައްޒަފުންނާ ވިހާވެސް ގާތުން މަސައްކަތް ކުރުމަށް އެންގުމަށް ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓުގައި ބުނީ ކުންފުނީގެ ގްރީންސް ޕްރޮސީޖަރތައް އިތުބާރު ކުރެވޭނެ ގޮތަކަށް ހަދައި، މި ނިޒާމު ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށް ސްޓެލްކޯއަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިންޝުއަރެންސް ޚިދުމަތަކީ ރެޖިސްޓަރ ކުރެވިގެން ކުންފުނިތަކުން ދޭ ޚިދުމަތަކަށް ވުމުން، އިން-ހައުސްކޮށް ހެލްތް އިންޝުއަރެންސް ޚިދުމަތް ދިނުމަކީ ބެސްޓް-ޕްރެކްޓިސް ނޫންކަމަށް ކޮމިޓީއަށް ފެންނަ ކަމަށެވެ. ވުމާއެކު އިން- ހައުސްކޮށް ހެލްތް އިންޝުއަރެންސް ޚިދުމަތް ދިނުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އިންޝުއަރެންސް ނިޒާމުގެ ތެރެއިން އިންޝުއަރެންސްގެ ޚިދުމަތް ކުރިޔަށް ގެންދިއުމަށް އެންގުމަށް ނިންމާފައިވެއެވެ.

މި ރިޕޯޓުގައި ބުނީ އެ ކުންފުނިން އެކުލަވާލާފައިވާ، މުވައްޒަފުންނާ ގުޅުންހުރި އަދި ވަޒީފާއާ ގުޅިގެން ކުންފުނިން އަމަލުކުރަމުން ގެންދާ ގަވާއިދުތަކާއި އުސޫލުތަކަކީ، ވަޒީފާއާބެހޭ ގާނޫނާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެމަތިން ހެދިފައިވާ އުސޫލުތަކެއް ނޫންކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މުވައްޒަފުންނާ އާއިލީގޮތުން ގުޅުންހުރި ފަރާތްތަކަށް ވަޒީފާ ދިނުމުގައި ގެންގުޅޭ އުސޫލާއި ރިޓަޔަރމަންޓް ބެނެފިޓް ފަދަ ޕޮލިސީތައް ރާއްޖޭގެ ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ހަދާފައިވާ ޕޮލިސީތަކާ ތަފާތުކަމަށް ފާހަގަ ކުރެވެ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކަށް ރިއާޔަތް ކުރުމަށްފަހު ކުންފުނީގެ މުވައްޒަފުންނާއި ވަޒީފާއާ ގުޅުންހުރި ޕޮލިސީތައް އެކުލަވާލުމަށް ސްޓެލްކޯއަށް އެންގުމަށް ވެސް ނިންމާފައިވެއެވެ. އަދި ކުންފުނިތަކުން ގެންގުޅޭ އެންމެހައި އުސޫލުތައް ދިރާސާކޮށް، ރަނގަޅު ކުރަންޖެހޭ ފިޔަވަޅުތައް ހިމެނޭ ގޮތަށް ކުންފުނިތަކުގެ ޕޮލިސީތައް ރިވިއުކޮށް، އެއްހަމަކުރާނެ ގައިޑްލައިނެއް އެކުލަވާލުމަށް ފަހު، މި މަސައްކަތް ނިންމިގޮތުގެ ރިޕޯޓެއް އެ ކޮމިޓީއަށް 30 ޖޫން 2021 ކުރިން ހުށަހެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ދެންނެވުމަށް ވެސް ކޮމިޓީން ނިންމާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
33%
0%
0%
67%
0%
0%
ކޮމެންޓް