ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ދައުވާ ފޯމު ހައިކޯޓުން ބާތިލުކުރުމުން، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި އަދި ވަކި ގޮތެއް ނުނިންމާކަމަށް އެ ކޯޓުން ބުނެފިއެވެ. މި މައްސަލައިގެ ދައުވާފޯމު ހައިކޯޓުން ބާތިލްކޮށްފައިވަނީ އަލީ ވަޙީދު އުޅުއްވާ އެޑްރެހެއް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.
މި މައްސަލައިގައި ދަޢުވާ ލިބޭ ޢަލީ ވަޙީދު މިހާރު ދިރިއުޅޭ އެޑްރެހެއް ނޭނގޭތީ މައްސަލައިގެ ދައުވާ ފޯމް ހައިކޯޓުން ބާތިލު ކޮށްފައިވަނީ މިހިނގާ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. ހައިކޯޓުން ބުނީ، ދައުވާ ފޯމް ބާޠިލު ކުރީ ޢަލީ ވަޙީދު އުޅޭ އެޑްރެހެއް އެނގުމުން އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ޕީޖީއަށް އޮންނަ ގޮތަށް ކަމަށެވެ.
އަދި ޖިނާއީ ދައުވާ އުފުލުމަށްފަހު، އެ ދައުވާއާ ގުޅިގެން ނިންމާ ނިންމުންތަކުގެ އިސްތިއުނާފް އަޑުއެހުން އިސްތިއުނާފް ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް މައްސަލަ ނިންމާ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައި ނުވާކަމަށް ސުޕްރީމް ކޯޓުގެ 2019 ވަނަ އަހަރުގެ ގަޟިއްޔާއެއްގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. ހައިކޯޓުން ބުނީ، އަލީ ވަޙީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ބޭނުންވާކަން ދައުލަތުން ފާހަގަކުރި ނަމަވެސް، ސުޕްރީމް ކޯޓުގެ ޙުކުމަށް ބަލައި، އެގޮތަށް މި މައްސަލަ ކުރިއަށް ގެންދިއުމަކީ ޤާނޫނީ ގޮތުން ހައިކޯޓަށް ހުއްދަކުރާ ކަމެއް ނޫންކަމަށެވެ. ނަމަވެސް ދައުލަތުން ވަނީ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ސުޕްރީމް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދައުލަތުން އެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެ މައްސަލައާމެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން، އިސްތިއުނާފް ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަކީ މާފަންނު ފުރަހަނި ގޭގެ 3 ވަނަ ފަންގިފިލާއެވެ. ނަމަވެސް އެ އެޑްރެހުން ވެސް އަލީ ވަޙީދަށް ކޯޓު އަމުރު ރައްދުކޮށްދެވިފައި ނުވާއިރު، އަލީ ވަޙީދާ ގުޅޭނެކަމަށް ބަޔާންކޮށް ޕީޖީ އޮފީހުން ހައިކޯޓުގައި ހިއްސާކޮށްފައިވާ ފޯނު ނަންބަރާއި އީމެއިލް މެދުވެރިކޮށް ވެސް ކޯޓު އަމުރު ރައްދުކޮށްދެވިފައެއް ނުވެއެވެ. އަދި މި މައްސަލައިގައި އަލީ ވަޙީދުގެ ފަރާތުން ޖާމިނުކޮށްފައިވާ އަސްހަދު އަލީ (އަޑުބަރޭ)އަށްވެސް އަލީ ވަޙީދު ދިރިއުޅޭ ތަނެއް ނޭނގޭކަމަށް ބަޔާންކޮށްފައިވާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ.