ކ. މާލެ
|
23 އޭޕްރިލް 2021 | ހުކުރު 14:04
ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން އާދިއްތަ ދުވަހު
ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން އާދިއްތަ ދުވަހު
ރާއްޖެއެމްވީ
ހިޔާ ފްލެޓް ގުރުއަތުލުން ފަށަނީ
ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން އާދީއްތަ ދުވަހު ފަށަނީ
 
އެ މީހަކަށް ލިބޭ ފްލޯރ އަދި އެޕާރޓްމެންޓް އެނގޭގޮތަށް ޓީވީ ސްކްރީނުން ފެންނަން ހުންނާނެ
 
ގުރުއަތު ނަގާނީ ފްލެޓް ލިސްޓުގައި ހިމެނޭ މީހުންގެ އައިޑީ ކާޑު ތަރުތީބުން
 
ގުރުއަތުލުން ޓީވީން ވަގުތުން ދައްކާނެ

ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން އާދީއްތަ ދުވަހު ފަށަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ތައްޔާރުވެއްޖެއެވެ.

މި ގުރުއަތުލުމަކީ ހިޔާ ފްލެޓުތައް ލިބިފައިވާ މީހުންނަށް ލިބެނީ ކޮން އެޕާރޓްމެންޓެއްތޯ ކަނޑައަޅަން ބާއްވާ ގުރުއަތުލުމެވެ. މީގެ ކުރިންވަނީ އެޗް-10 ކެޓެގަރީގެ ގުރުއަތުލުން ބާއްވާފައެވެ. އެ ކެޓެގަރީއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ މީހުންގެ ކެޓެގަރީއެވެ. އެޗްޑީސީން ގުރުއަތުލުން މެދުކަނޑާލާފައިވަނީ ހައުސިން މިނިސްޓްރީން ފައިނަލް ލިސްޓު ނުލިބިގެންކަމަށް އޭރުވަނީ ބުނެފައެވެ.

ޓީވީން ލައިވްކޮށް ދުރަށް ދައްކާ މި ގުރުއަތުލުން ފެންނާނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އިންނެވެ. އެޗްޑީސީން ބުނީ، ބާކީ ހުރި ކެޓެގަރީތަކުގެ ގުރުއަތުލުން އާދިއްތަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ފަށާނެ ކަމަށާއި، ގުރުއަތުލުން ކުރިއަށްދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. ގުރުއަތު ނެގުމުގެ ފުރަތަމަ ދަންފަޅި ކުރިއަށް ދާނީ ހެނދުނު 9:00 ން ފެށިގެން މެންދުރު 12:00 އަށެވެ. އަދި ދެވަނަ ދަންފަޅި ކުރިއަށް ދާނީ މެންދުރުފަހު 13:00 ން ފެށިގެން 15:00 އަށެވެ.

އެޗްޑީސީން ބުނީ ގުރުއަތު ނަގާނީ އެ ކޯޕަރޭޝަނަށް ލިބިފައިވާ ފްލެޓް ލިސްޓުގައި ހިމެނޭ މީހުންގެ އައިޑީ ކާޑު ނަންބަރު ތަރުތީބުން ކަމަށެވެ. އަދި މި ގުރުއަތުލުން ކުރިއަށްދާ ވަގުތު އެ މީހަކަށް ލިބުނު ފްލެޓް ހުންނަ ޓަވަރާއި. ފްލޯރ އަދި އެޕާރޓްމެންޓް އެނގޭގޮތަށް ޓީވީ ސްކްރީނުން ފެންނަން ހުންނާނެ ކަމަަށް އެޗްޑީސީން ބުނެއެވެ. އެއަށްފަހު ފޯމުގައިވާ އެ މީހެއްގެ ފޯނު ނަމްބަރަށް މެސެޖަކުން މި މައުލޫމާތު ފޮނުވާނެ ކަމަށް އެޗްޑީސިން ބުނެއެވެ.

ފްލެޓް ލިބުނު އެންމެންނަށް ފްލެޓްތައް ހަވާލުކޮށް ނިމެންދެން، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ގުރުއަތުލުން ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފައެވެ.

ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ކެޓެގަރީ ތަކަކީ:

އެޗް-4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ)،

އެޗް-5 (ޓީޗަރުންނަށް ހާއްސަ)،

އެޗް-6 (އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ)،

އެޗް-7 (18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ)،

އެޗް-8 (މާލޭ ރަށްވެހިންނަށް ޙާއްސަ)

އެޗް-9 (މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޙާއްސަ)

ސިވިލް ސަރވިސް މުވައްޒަފުންނަށް ޙާއްސަ (ފަންނީ، އިދާރީ، ސަޕޯޓް)

މީގެ އިތުރުން އަރަބިއްޔާ އަދި ގާކޮށިން ފުލެޓު ލިބި، ފައިސާ ނުދެއްކުނު ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫއިން ފްލެޓް ބޭނުންވި މީހުންނާއި، ގުޅީފަޅުން ފުލެޓް ގަނެފައިވާ މީހުންގެ ތެރެއިން ހިޔާ ފުލެޓް އިޚްތިޔާރުކުރި މީހުންގެ ގުރުއަތުލުން ވެސް އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ފްލެޓްތަކުގެ އެގްރީމަންޓުގައި ސޮއިކޮށް، ތަޅުދަނޑިތައް ހަވާލުކުރާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ. ހިޔާ ފްލެޓްތައް ލިބެނީ ދޮރާއި ބޮއްކާއި ޓައިލްސް ހަރު ނުކޮށެވެ. އެހެންކަމުން މި ފްލެެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާ ދުވަހުން ފެށިގެން ތިން މަސް ދުވަސް މި މަސައްކަތް ކުރަން ލިބޭނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ. މި މުއްދަތުގައި ކުލި ނުނަގާނެ ކަމަށް ސަރުކާރުން އިއުލާނު ކޮށްފައިވާއިރު، ހިޔާ ފްލެޓެއްގެ ކުލި 7000ރ. އަށް ވުރެ ބޮޑު ނުވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް
23 އޭޕްރިލް 2021 | ހުކުރު 15:21
Muhammad Ahmad
ނުޖެހޭ ގުރުލާކައް! ތީ ފަޅެއް ހިއްކާގެން ނިމިދިޔަ ސަރުކާރުން ރައްޔިތުންނައް އަޅާ އޭގެ ހައްގު ވެރިން ކަނޱަ އަޅާފަ ހުރި ތަންތަން. ގެދޮރާ ނުކުޅޭ ބޮޑުތަނުން ސަރުކާރު ތިޔަވަނީ ފޭލި!