މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންތައްތަކާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭ ދިރާގުގެ ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން "ނައުއެމްވީ" ގައި މި ފަހަރު ރޯދަ މަހާ ދިމާކޮށްވެސް އައު ފީޗަރ ތަކެއް އިތުރުކޮށްފިއެވެ.
ދިރާގު ނައު އެމްވީ ގެ އެންމެ ޚާއްސަ ކަމަކީ އެކި މޮބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކޮށްލެވުމެވެ. މި ފަހަރުގެ ރޯދަޔާ ދިމާކޮށްވެސް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުން ވަނީ ދީނީ ކަންތައްތައް ފުރިހަމަ ކުރުމަށް ޚާއްސަ ފީޗަރ ތަކެއް ނައު އެޕަށް އިތުރު ކޮށްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން މިހާރު ނައު އެޕް މެދުވެރިކޮށް ކީރިތި ގުރުއާނާއި އޭގެ ދިވެހި ތަރުޖަމާ ކިޔާލެވޭނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށް ފަހު ބާއްވާ ދަރުސް ޕްރޮގްރާމާ ބޭހޭ މައުލޫމާތުތައް ކޮންމެ ދުވަހެއްގެ ހެނދުނު އެޕްގައި ފެންނަން ހުންނާނެއެވެ. އެ ދުވަހެއްގެ މައުޒޫއާއި، ދަރުސް ބާއްވާ މިސްކިތާއި، ދަރުސްދެއްވާ ބޭފުޅުންގެ ނަން ފެންނާނެއެވެ. ނައު އެޕްގެ "ވީޑިއޯ" ބައިގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މުހިންމު އެކި އެކި ދީނީ މަޢުލޫމާތު ފޯރުކޮށްދޭ ވީޑިއޯ ކްލިޕްތައްވެސް ވަނީ ހިމަނާފައެވެ.
މި ފަހަރުވެސް ނައުއެޕް މެދުވެރިކޮށް ފިތުރު ޒަކާތް ފަސޭހަކަމާއެކު ދެއްކޭނެއެވެ. ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްސަރަކަށް ވީ ހިނދު ނައުއެޕް މެދުވެރުކޮށް ޒަކާތާއި އެކީ ސަދަގާތްކޮށް، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ނައު އެޕްގައި އެކުލަވާފައިވެއެވެ. ނައު އެޕްގެ "ޑޮނޭޝަންސް" ބައިން ނައު އެޕާ ގުޅިފައިވާ ޖަމިއްޔާތައް ބަލާލެވޭނެއެވެ.
މި އެޕްގައި ރޯދަ މަހަށް ޚާއްސަ އެހެނިހެން ފީޗަރ ތަކުގެ ތެރޭގައި، ނަމާދު ގަޑިތައް ބަލައި، ނޮޓިފިކޭޝަން ސެޓްކޮށް އަދި ރޯދަ ޓްރެކް ކުރުން ފަދަ ފީޗަރތައް ހިމެނެއެވެ. ހަމައެއާކު ރޯދަ ވީއްލަން ތައްޔާރުކުރާނެ މީރު ކާއެއްޗެހީގެ ރެސިޕީތަކާއި އެކިއެކި ރެސްޓޯރެންޓާއި ކެފޭތަކުގެ ރޯދަ ވީއްލުން މެނޫތައްވެސް ނައުއެޕްގައި ހިމެނެއެވެ.
ދިރާގުން މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމަރުންނަށް މުހިންމު ފީޗަރތައް ނައު އެޕްގައި ހިމަނައި، އެޕް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.