ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްގީކޮށް ހުޅުވުމާ ގާތަށް ގޮސްފައިވާކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހާމަކޮށްފިއެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ %95 މަސައްކަތް މިހާރުވަނީ ނިމިފައިކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ވައި.އެލް ސަޕްލައި ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2 ޑިސެންބަރު 2020ގައެވެ. މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ހެރިޓޭޖް ޓްރަސްޓް ފަންޑުންނެވެ. ހެރިޓޭޖް މިނިސްޓްރީން ވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވެފައިމިވާ ދަތި ދަނޑިވަޅުގައިވެސް ރާއްޖޭގެ އާސާރުތައް ހިމާޔަރްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަން ހާމަކޮށްފައެވެ.
އެގޮތުން ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް، މިހާރު ރާއްޖެ ކުރިމަތިލާފައިވާ ބަލިމަޑުކަމުގެ ސަބަބުން މިފަދަ ކަންކަމަށް ބަޖެޓް ލިބުން ދަތިވުމަކީ ހުރަހެއްކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2019 ތެރޭގައި ދާރުލްއާސާރަކާއެކު އުތީމު ހަނދާނީ މަރުކަޒު އިތުރަށް ތަރައްގީކުރަަން ނިންމާ މިއަހަރުގެ ބަޖެޓްގައި 1.6 މިލިއަން ރުފިޔާ ކަނޑައެޅިނަމަވެސް މިވަގުތު އެޚަރަދުވެސް ކުރެވެން ނެތްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، މި މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދިއުމަށްޓަކައި، ހެރިޓޭޖް ގާނޫނުގެ ދަށުން ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް ހެރިޓޭޖް ޓްރަސްޓް ފަންޑުން ކުރަމުންދާކަން ވަނީ ހާމަކޮށްފައެވެ.
މި މަސައްކަތް އިތުރަށް އަވަސްކުރުމައްޓަކައި ޓްރަސްޓް ފަންޑަށް ދެމެހެއްޓެނިވި އާމްދަނީްއެއް ލިބޭނެ މަގު ހެރިޓޭޖް މިނިސްޓްރީން ދަނީ ފަހިކުރަމުންނެވެ. އެގޮތުން އާސާރީތަންނަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާންމުންގެ އަތުން ވިޒިޓިން ފީ ނަގާ، މިފަދަ ތަންތަނުގައި އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މި މަރުކަޒުގެ ބީއެމްސީ ކޮމްޕްލެކްސްގައި އިތުރު އެކޮމޮޑޭޝަންތައް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ވެސް މިނިސްޓްރީން ވަނީ ފަށާފައެވެ. އެކޮމޮޑޭޝަން ބްލޮކްގައި ހިމެނޭ 4 ކޮޓަރިއާއި 5 ފާޚާނާ ތަރައްގީ ކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީގެ އަމާޒަކީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ފުރިހަމަ ޒަމާނީ ކޮމްޕްލެކްސްއެއްގެ ގޮތުގައި ތަރައްގީކުރުމެވެ. މި ކޮމްޕްލެކްސްގައި ދާރުލްއާސާރަކާއި، ޖަލްސާތައް ބޭއްވޭނެ މަލްޓި ޕާޕަސް ހޯލަކާއި ސުވެނިއަރ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ހިންގުމަށް ވަނީ ނިންމާފައެވެ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނަށް ނިސްބަތްވާ ތާރީޚީ ގަނޑުވަރު މިހާރު ހިންގަމުންދަނީ އުތީމު ހަނދާނީ މަރުކަޒުންނެވެ. އެ މަރުކަޒުގައި ހޯލަކާއި އޮފީހަކާއި ލައިބްރަރީއެއްވެސް ހުރެއެވެ.