މިސްރުން ޗައިނާގެ ސިނޮފަރމް ވެކްސިނުގެ 20 މިލިއަން ޑޯޒް ގަތުމަށް ނިންމާފައިވާ ކަަމަށާއި އޭޕްރިލް މަހުގެ ތެރޭގައި ވެކްސިނުގެ ފުރަތަމަ ބެޗް ލިބޭނެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިއިން ކޮންމެ ބެޗެއްގައި 50،000 ޑޯޒް ހިމެނެއެވެ. ސިނޯފަރމް ވެކްސިންގެ 40 މިލިއަން ޑޯޒް މިސްރުން ގަންނާނެކަމަށް އެގައުމުން ވަނީ ބުނެފައެވެ. 100 މިލިއަނެއްހާ އާބާދީއެއް އޮންނަ މިސްރަށް މިހާތަނަށް ސިނޮފަރމް އަދި އެސްޓްރަޒެނެކާ ވެކްސިނުގެ 1.5 މިލިއަން ޑޯޒް ލިބިފައިވެއެވެ. މިސްރުގައި ކޮވިޑުގެ ހާލަތު ގޯސްވަމުން ދާއިރު ރަމަޟާންމަހު މިސްރުގައި ކޮވިޑް-19ގެ ތިން ވަނަ ރާޅު ފެށޭނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
އަރަބް ނިއުސްގައި ރިޕޯޓްކޮށްފައިވާ ގޮތުން މިސްރުގެ ސިއްހަތާބެހޭ ވުޒާރާގެ އޮފިޝަލެއްކަމަށްވާ ނޫހާ އައްސަމް ވަނީ އާންމު އެއްވުންތައް އިތުރުވެ ކޭސްތައް އިތުރުވެގެންދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ރަމަޟާން މަހަކީ ރޯދަ ވިއްލުމަށާއި ތަފާތު އެކި ކަންކަމަށް އާއިލާ ބައްދަލުވުންތަކާއި އާންމު އެއްވުންތައް އިތުރުވެގެންދާ މަހެކެވެ.
ކޮވިޑްގެ ތިން ވަނަ ރާޅު ކޮންޓްރޯލްކުރުން އޮތީ ރައްޔިތުންގެ އަތުގައި ކަމަށް ވިދާޅުވެ ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކޮށް މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ނޫހާ ވަނީ އިލްތިމާސްކުރައްވާފައެވެ. ރައްޔިތުން މިހާރު ތިބީ ކޮވިޑަށް މާބޮޑަށް ހޭނިފައި ކަމަށާއި މީގެ ސަބަބުން މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާ ދުރުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.