ކ. މާލެ
|
20 އޭޕްރިލް 2021 | އަންގާރަ 04:46
ލީޑްސް ޔުނައިޓެޑުގެ ކުޅުންތެރިން ސުޕަ ލީގާ ދެކޮޅު މެސެޖު ލިޔެފައިވާ ޓީޝާޓް ލައިގެން
ލީޑްސް ޔުނައިޓެޑުގެ ކުޅުންތެރިން ސުޕަ ލީގާ ދެކޮޅު މެސެޖު ލިޔެފައިވާ ޓީޝާޓް ލައިގެން
ގެޓީ އިމޭޖަސް
ޔޫރަޕިއަން ސުޕަ ލީގު
ޔޫރަޕިއަން ސުޕަ ލީގު: މަހުޖަނުންގެ ބާރާއެކު ފުޓްބޯޅަ ނިމުމަކަށް؟
ސުޕަ ލީގާއެކު ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ނުރުހުން ފާޅުކުރަމުން
އެ ކުލަބުތަކަށް އެހެން އެއްވެސް މުބާރާތެއްގައި ބައިވެރިއެއްނުވެވޭނެ
ސުޕަ ލީގުގައި ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބެއް ހިމެނޭ

ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބު ހިމެނޭ ގޮތަށް "ޔޫރަޕިއަން ސުޕަ ލީގު" ވުޖޫދުކުރުމާއެކު ދުނިޔޭގެ ފުޓްބޯޅައަށް މި ވަނީ ގުޑުން އަރާފައެވެ. އެމެރިކާގެ މަހުޖަނުން އިސްވެ، ސުޕަ ލީގެއްގެ ވާހަކަތައް ފެށިގެންދިޔައީ މީގެ 13 ވަރަކަށް އަހަރު ކުރިންންނެވެ. ބޭނުމަކަށްވީ ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގަށްވުރެ ބޮޑު މުބާރާތެއް އުފައްދައި، ވަރުގަދަ ކުލަބުތަކުން ފައިދާ ހޯދުމެވެ.

އެކަން ހަގީގަތަކަށް ވެގެންދިޔައީ އާދީއްތަ ދުވަހުގެރޭ ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބު ހިމެނޭ ގޮތަށް ސުޕަ ލީގު ރަސްމީކޮށް އިއުލާންކުރި ހިސާބުންނެވެ. މި މުބާރާތް އިއުލާންކުރި ކުލަބުތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އާއި، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްޕާ އާއި، ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑާއި، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން އިޓާލިއަން ލީގުގެ އިންޓަ މިލާނާއި، އޭސީ މިލާން އަދި ޔުވެންޓަސްއެވެ. މި ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒެވެ. އަދި ވައިސް ޗެއާމަނުންނަކީ ލިވަޕޫލުގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ޖޯލް ގްލޭޒާއެވެ.

ޔޫރަޕިއަން ސުޕަ ލީގުގެ ފޯމެޓް:

މި މުބާރާތުގެ ފޯމެޓް ރާވާފައިވާ ގޮތުން މުބާރާތުގައި ޖުމްލަ 20 ޓީމެއް ވާދަކުރާނެއެވެ. އޭގެ ތެރެއިން 15 ޓީމަކީ ފައުންޑާ ކުލަބުތަކެވެ. އެގޮތުން މިހާތަނަށް 12 ކުލަބެއް ހިމެނޭއިރު، އަވަސް މުސްތަގުބަލެއްގައި އިތުރު ތިން ކުލަބެއް ފައުންޑަ ކުލަބުތަކުގެ ލިސްޓަށް އިތުރު ވެގެންދާނެއެވެ. ދެން މި މުބާރާތުގައި ވާދަކުރާ އަނެއް ފަސް ޓީމު ކޮލިފައިވާނީ އެ ޓީމުތަކުން ހޯދާ ކާމިޔާބީތަކަށް ބެލުމަށްފަހުއެވެ. އެހެންކަމުން މި މުބާރާތުގައި ހިމެނޭ ފައުންޑާ ކުލަބުތައް ރެލިގޭޓެއް ނުވާނެއެވެ.

ސުޕަ ލީގުގެ ކުޅުން ކުރިއަށްދާނީ ހަފުތާގެ މެދުތެރޭގައި ކަމަށް މި މުބާރާތުގައި ހިމެނޭ ކުލަބުތަކުން ވަނީ ބުނެފައެވެ. އަދި މި މުބާރާތް ތައާރަފުކުރުމުގެ ބޭނުމަކީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގެ މެޗުގައި ގިނަ މެޗުތަކެއް ކުޅެ، ސަޕޯޓަރުންނަށް ފޯރިގަދަ ގިނަ މެޗުތަކެއް ބަލާލުމުގެ ފުރުސަތު ދިނުން ކަމަށްވެސް އެ ކުލަބުތަކުން ވަނީ ބުނެފައެވެ.

ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން - ގެޓީ އިމޭޖަސް

ސުޕަ ލީގު ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމަށް ނުކުޅެވޭނެ!

ސުޕަ ލީގު އިއުލާންކޮށްފައިވަނީ ޔުއެފާ އާއި ފީފާއިން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަނިކޮށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ފީފާއިން ވަނީ ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ކުލަބެއް އަދި ކޮންމެ ކުޅުންތެރިއަކުވެސް ފީފާއިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ އިންޒާރެއް ދީފައެވެ. އެކަމަށް ޔުއެފާގެ އިތުރުން ދުނިޔޭގެ އެހެން ހުރިހާ ބައްރުތަކަކުންވެސް ވަނީ ތާއީދުކޮށްފައެވެ.

އެކަމަކު އެ އިންޒާރުތަކަށް ބެލުމެއް ނެތި ސުޕަ ލީގު ތައާރަފުކުރިއިރު، އެ މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމުގެ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ހޯމަ ދުވަހުގެރޭ ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވަނީ ވިދާޅުވެފައެވެ.

ސުޕަ ލީގަކީ ސަޕޯޓަރުންގެ މޫނަށް ޖެހި ކުޅެއް: ކެފެރިން

ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ ސުޕަ ލީގަކީ ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް ކުރެވުނު އިހުތިރާމު ކުޑަ އަމަލެއް ކަމަށާއި، ފުޓްބޯޅައިގެ އިންސާފަށް ލޯބިކުރާ އެއްވެސް ބަޔަކު އެއަށް އެއްބަސްނުވާނެ ކަމަށެވެ.

މިއީ ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ މޫނަށް ކުޅު ޖެހުން ފަދަ އަމަލެއް. މިއަށް ތާއީދުކުރާނެ ފުޓްބޯޅައިގެ އިންސާފަށް ލޯބިކުރާނެ މީހެއް ހުންނާނެ ކަމަށް ނުދެކެން.
ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން
ޔުނައިޓެޑުގެ ސަޕޯޓަރުން އެ ކުލަބުގެ ދަނޑު ކައިރީ މުޒާހަރާކުރަނިކޮށް - ގެޓީ އިމޭޖަސް

ސުޕަ ލީގާއެކު ސަޕޯޓަރުން ރަތަށް!

ޔޫރަޕިއަން ސުޕަ ލީގު އިއުލާންކުރުމާއެކު ފުޓްބޯޅައަށް ލޯބިކުރާ އެތައް ބަޔަކު އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ސަޕޯޓަރުންނާއި، ފުޓްބޯޅަ އެނަލިސްޓުންގެ އިތުރުން ކުރީގެ ލެޖެންޑުންވެސް ހިމެނެއެވެ. ސޯޝަލް މީޑިއާގައި ސަޕޯޓަރުން ނުރުހުން ފާޅުކުރަމުންދާއިރު، ބައެއް ސަޕޯޓަރުން އަންނަނީ އެ މީހަކު ނިސްބަތްވާ ކުލަބުތަކާއެކު ހަދާފައިވާ މެމްބަޝިޕްތައްވެސް ކެންސަލް ކުރަމުންނެވެ. އަދި ފުޓްބޯޅަ ބޭނުންކޮށްގެން މަހުޖަނުން ވައްކަންކުރަމުންދާ ކަމަށްބުނެ ބައެއް ޓީމުތަކުގެ ސަޕޯޓަރުން އަންނަނީ އެ ސަޕޯޓަރަކު ނިސްބަތްވާ ޓީމެއްގެ ދަނޑު ކައިރީގައި މުޒާހަރާވެސް ކުރަމުންނެވެ.

ސުޕަ ލީގުގައި ހިމެނޭ ލިވަޕޫލް ލަދުގަންނަން ޖެހޭ. މިއީ ސަޕޯޓަރުންގެ ކުލަބު؟ ހަމަ އެގޮތަށް މެންޗެސްޓާ ޔުނައިޓެޑުވެސް. މިއީ ފުޓްބޯޅަ މެދުވެރިކޮށް މަހުޖަނުން ހިންގާ ބޮޑު ޖަރީމާއެއް!
ކުރީގެ ޑިފެންޑަރު ގެރީ ނެވިލް

ބައެއް ކުލަބުތަކާއި ކުޅުންތެރިންވެސް ސުޕަ ލީގާ ދެކޮޅު

ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބު ހިމެނޭ ގޮތަށް ސުޕަ ލީގު ވުޖޫދުކުރިއިރު، މި ލީގުގައި ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ޖަރުމަން ލީގާއި ފްރެންޗް ލީގުގެ ކުލަބެއް ނުހިމެނެއެވެ. އެގޮތުން މިހާތަނަށް ސުޕަ ލީގާ ދެކޮޅުކަން ހާމަކޮށްފައިވާ ކުލަބުތަކުގެ ތެރޭގައި ޖަރުމަނުގެ ގަދަ ދެ ބާރު ބަޔާން މިއުނިކާއި، ބޮރޫޝިއާ ޑޯޓްމުންޑް ހިމެނެއެވެ. އަދި ސްޕެއިނުގެ ސެވިއްޔާ އާއި ޕޯޗުގަލުގެ ޕޯޓޯއިންވެސް ވަނީ ސުޕަ ލީގުގައި ބައިވެރިނުވާނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ އައު ފޯމެޓަށް ޕީއެސްޖީގެ ރައީސް ގަތަރުގެ ވިޔަފާރިވެރިޔާ ނާސިރު އެލް-ޚެއްލާފީ ވަނީ ތާއީދުކުރައްވާފައިވާތީ، އެ ކުލަބުންވެސް މި މުބާރާތުގައި ބައިވެރިނުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވަރުގަދަ ކުލަބުތަކުން ސުޕަ ލީގާ ދެކޮޅަށް އަޑުއުފުލާފައިވާއިރު، ނަން މަޝްހޫރު ބައެއް ކުޅުންތެރިންވެސް ވަނީ ސުޕަ ލީގަކީ ފުޓްބޯޅައިގެ ހަލާކުކަމަށް ސިފަކޮށްފައެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ތަރި މެސުޓް އޮޒިލް އާއި، ޕީއެސްޖީއަށް ކުޅެމުން އަންނަ އަންޑަ ހެރޭރާ އާއި، މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ބްރޫނޯ ފެނާންޑޭޒްވެސް ހިމެނެއެވެ. އަދި ބައެއް ކޯޗުންވެސް ސުޕަ ލީގާ ދެކޮޅަށް ވާހަކަދައްކާފައިވާއިރު، އޭގެ ތެރޭގައި ސުޕަ ލީގުގައި ހިމެނޭ ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕުވެސް ހިމެނެއެވެ.

ސުޕަ ލީގުގެ ޗެއާމަން ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް - ގެޓީ އިމޭޖަސް

ބޮޑެތި ކުލަބުތައް މުއްސަނދިވެ، ކުދި ކުލަބުތައް ދަށަށް!

ސުޕަ ލީގު އުފެއްދުމުގެ ބޭނުމަކީ ޔޫރަޕުގެ ވަރުގަދަ ކުލަބުތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމެވެ. ސުޕަ ލީގުގެ ޗެއާމަން ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރެއާލުގެ ދަރަނި ބޮޑުވެގެންދިޔަ ކަމަށާއި، ހަމަ އެ ހާލު އެހެން ކުލަބުތަކަށްވެސް ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން މި ލީގު އުފެއްދުމުގެ ބޭނުމަކީ ކުލަބުތަކުގެ މާލީ ހާލަތު ރަނގަޅުކޮށް ކުލަބުތައް އިތުރަށް ހަރުދަނާކުރުން ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި ފުޓްބޯޅައަށް ބަދަލެއް އަންނަން ޖެހޭ ކަމަށްވެސް ޕެރޭޒް ވަނީ ވިދާޅުވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސުޕަ ލީގު ފަށަން ފުރަތަމަ ޚަރަދުކުރަނީ އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަންއިންނެވެ. އެގޮތުން ލީގު ފެށުމަށް ކޮންމެ ކުލަބަކަށް 3.5 ބިލިޔަން ޔޫރޯ ލިބިގެންދާނެއެވެ. އަދި ލީގު ކާމިޔާބުކުރާ ޓީމަކަށް 400 މިލިޔަން ޔޫރޯ ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިއީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ޓީމަކަށްވެސް ލިބޭ ފައިސާގެ އިނާމަށްވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.

އެހެންކަމުން މި ލީގާއެކު ޔޫރަޕުގެ ނަން މަޝްހޫރު ކުލަބުތައް މުއްސަނދިވެގެންދާއިރު، ކުދި ކުލަބުތައް އިނދަޖެހޭނެ ކަމަށް ކުޅިވަރުގެ މާހިރުން ލަފާކުރެއެވެ.

ސުޕަ ލީގާއެކު ފުޓްބޯޅައަށް ވާނީ ކިހިނެއް؟

ސުޕަ ލީގު އިއުލާންކޮށްފައިވާއިރު ޔުއެފާއިން މި ވަނީ ހޯމަ ދުވަހު ޗެމްޕިއަންސް ލީގުގެ އައު ފޯމެޓް ފާސްކޮށްފައެވެ. ޔުއެފާއިން އިއުލާންކުރި ޗެމްޕިއަންސް ލީގުގެ އައު ފޯމެޓުގައިވާ ގޮތުން ގްރޫޕް ސްޓޭޖުގައި 32 ޓީމުގެ ބަދަލުގައި 36 ޓީމު ވާދަކުރާނެއެވެ. އަދި ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް 10 މެޗު ކުޅެން ލިބޭނެއެވެ. ސުޕަ ލީގު ކާމިޔާބުވިޔަ ނުދޭން ޔުއެފާއިން އަމާޒުހިފާފައިވާއިރު، ސުޕަ ލީގުގައި ހިމެނޭ ކުލަބުތަކުގެ ކުޅުންތެރިންނަށް ބޮޑު ގެއްލުމެއް ލިބިގެންދާނެއެވެ. އެގޮތުން އެ ކުޅުންތެރިންނަށް އަމިއްލަ ގައުމީ ޓީމު ތަމްސީލުކުރުމުގެ ފުރުސަތު ގެއްލިގެންދިޔުމުގެ ބިރު މިހާރު ވަނީ ކުރިމަތިވެފައެވެ.

ސުޕަ ލީގު ފަށާނެ ސީދާ ތާރީޚެއް އަދި ރަސްމީކޮށް ފައިނަލް ކޮށްފައިނުވާއިރު، މި އަހަރުގެ ހޫނު މޫސުމަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ވަނީ ތާވަލުކޮށްފައެވެ. އަދި އަންނަ އަހަރުގެ ހޫނު މޫސުމުގައި ފީފާ ވޯލްޑް ކަޕް ބޭއްވިގެންދާނެއެވެ. އެހެންކަމުން ސުޕަ ލީގާއެކު މި ދެ މުބާރާތަށްވެސް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ސުޕަ ލީގު އިއުލާންކުރި 12 ކުލަބަށް ޑޮމެސްޓިކް ލީގުތަކުގައި ކުޅުމުގެ ފުރުސަތު ގެއްލިގެންދާއިރު، އެއްވެސް ކުލަބަކުން އެ ކުލަބެއް ކުޅެމުން އަންނަ ގައުމެއްގެ ލީގުން ވަކިވުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. އެހެންކަމުން ސުޕަ ލީގުގެ ކަންތައްތަކަށް ހައްލެއް ހޯދަން ވަރަށް އަވަހަށް ޔުއެފާ އާއި ފީފާއާއެކު މަޝްވަރާކުރާނެ ކަމަށް 12 ކުލަބުން ބުނި ނަމަވެސް، ޔުއެފާއިން އެކަމަށް އެއްބާރުލުން ނުދޭނެ ކަމަށް ވަނީ ބުނެފައެވެ.

މަހުޖަނުންތަކެއް އިސްވެ ފުޓްބޯޅައަށް ބޮޑު އިންގިލާބެއް ގެންނަށް އަމާޒުހިފާފައިވާއިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ފުޓްބޯޅައިގެ ނިމުމެވެ. އެހެންކަމުން ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު އަންނަނީ ފުޓްބޯޅައިން މަހުޖަނުން އެއް ފަރާތްވެ، ކުލަބުތައް ސަޕޯޓަރުންނާ ހަވާލުކުރުމަށް ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް
20 އޭޕްރިލް 2021 | އަންގާރަ 11:03
ޕާޕާ ޕެރޭޒް
ސުޕަލީގު އައިސްގެން ގެއްލުމެއް ނުވާނެ. ކުލަބްތަކައްވެސް އަދި ސަޕޯޓަރުންނައްވެސް ވާނީ ފައިދާ. އަސްލް ތި ވާގޮތަކީ ޔުއެފާ އައް ލިބޭ ލާރި މަދުވާނެތީ އެކަން ބަލައިނުގަނެވިގެން އެ އުޅެނީ. ޔޫއެފާ އެ ކަންތައް ބޮޑުކުރަނީ. "އެމެރިކާގެ މަހުޖަނުން" ފައިދާ ހޯދަން ކުރާކަމެއް ކަމައް ބުނާއިރު މިހާރުވެސް އެ ފައިދާ ލިބެނީ ހަމަ އެމީހުނަށޭ. ކީއްވެ އެވާހަކަ އޭރު ނުދެއްކީ، އޭރު ޔޫއެފާ ގަ ތިބި މީހުނައް އެމީހުން ބޭނުންކަމެއް ކުރަން ލާރި ލިބޭ. ސްޕަކަޕާއެކު އެލާރި އެމީހުނައް ނުލިބޭނެތީ ޖެހޭ މައްސަލަތީ. ސުޕަކަޕުން ލިބޭ ފައިދާ ބެހިގެން ދާނީ ފައުންޑާ ކުލަބްތަކުގެ މެދުގަ ހަމަހަމަ އަށް. ފުޓްބޯޅަ ހަލާކު ކުރަނީ ޔޫއެފާ އާއި ފީފާ ގުޅިގެން، އެތަންތާ ތިބީ ހުސް ކޮރަޕްޓް މީހުން. ޔޫއެފާ މިކަމުގަ ފިއްތުންތައް ކުރިމަތި ކުުރިވަރަކައް ބޭލޭނީ ސޯޓް. "ސްޕަކަޕް ނުބޭއްވިއްޖެ ނަމަ ފްޓްބޯޅަ ހަލާކުވެދާކައް ގިނަ ދުވަހެއް ނުވާނެ".