ޗައިނާގެ ސިނޮފަރމްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ދެވަނަ ޑޯޒް ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ސިނޮފަރމްގެ ވެކްސިނަކީ ރާއްޖޭގައި ކޮވިޑާއި ދެކޮޅަށް ދެމުން އަންނަ 3 ވެކްސިންގެ ތެރެއިން ދެވަނައަށް ދޭން ފެށި ވެކްސިނެވެ. އެގޮތުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައިވާ އިރު، އަންގާރަ ދުވަހު ދެވަނަ ޑޯޒް ޖަހަން ނިންމާފައިވަނީ 22 އަދި 23 މާޗުގައި ވެކްސިން ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ.
މާލެ ސަރަހައްދުގައި ސިނޮފަރމްގެ ދެވަނަ ޑޯޒް ޖަހަން ފަށާއިރު، ދެވަނަ ޑޯޒް ޖަހާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައާއި، ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. ޓްރީޓޮޕްގައި އަންގާރަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ދެ ގަޑިއެއްގައި ދިނުމަށް ވަނީ ނިންމާފައެވެ. ރޯދަ ނޫން މީހުންނަށް ހެނދުނު 10:00ން މެންދުރު 12:00ށް އަދި ފުރަތަމަ ޑޯޒަށްފަހު ދެވަނަ ޑޯޒް ޖަހަން މުއްދަތު ހަމަވާ އެންމެނަށް ރޭގަނޑު 8:30ން 11:00ށް ވެކްސިން ޖެހޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ ރައްޔިތުންގެ މަޖިލީހުގައި ސިނޮފަރމްގެ ދެވަނަ ޑޯޒް ޖަހާނީ ހަމައެކަނި ރޭގަނޑު 9:00ން 11:30ށް ކަމަށެވެ.
މާލެ ސަރަހައްދުގައި މިހާރު ދެވަނަ ޑޯޒް ޖަހަން ފަށާފައިވަނީ އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ކޮވިޝީލްޑް ވެކްސިންގެއެވެ. ކޮވިޝީލްގެ ވެކްސިން ޖެހުމަށް މާލޭގައި 4 ސެންޓަރެއް ވަނީ ހަމަޖައްސާފައެވެ. އެއީ ރައްޔިތުންގެ މަޖިލީހާއި، އާރޓް ގެލަރީއާއި، ސޯޝަލް ސެންޓަރުގެ އިތުރުން ސެނަހިޔާގައެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ފުލޫ ކްލިނިކާއި، ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެސް ވެކްސިންގެ ދެވަނަ ޑޯޒް އަންނަނީ ދެމުންނެވެ.
ރާއްޖޭގައި ތިން ވެކްސިނަކަށް ވަނީ ހުއްދަ ދީފައެވެ. އެއީ ސިނޯފާމް ވެކްސިނާއި ކޮވިޝީލްޑް ވެކްސިން އަދި ފައިޒާ ވެކްސިނެވެ. ކޮވިޝީލްޑްގެ ދެވަނަ ޑޯޒްވެސް މިހާރު ވަނީ ދޭން ފަށާފައެވެ. ނަމަވެސް ފައިޒާ ވެކްސިން ދޭނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަންޏެވެ.