ޖަރުމަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބޮރޫޝިއާ ޑޯޓްމުންޑުން ފަހަތުން އަރައި ވާޑާ ބްރެމެން ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޑޯޓްމުންޑުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ވަރަށް ކުރީކޮޅު ބްރެމެނުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިލޮޓް ރަޝިކާއެވެ. އެކަމަކު އޭގެ ފަހުން ޑޯޓްމުންޑުން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ތިން ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.
އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ޖިއޮވާނީ ރޭނާ ވަނީ ލަނޑެއް ޖަހައި، ޑޯޓްމުންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ޑޯޓްމުންޑަށް ލީޑު ނަގައިދިނީ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑެވެ. މިއީ އޭރިއާ ތެރެއިން ޑޯޓްމުންޑުގެ މާކޯ ރެއުސްއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހައި، ޑޯޓްމުންޑުގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ޑޯޓްމުންޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ތޯގަން ހަޒާޑް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޓްސް ހަމެލްސްއެވެ.
މި މޮޅާއެކު ޑޯޓްމުންޑް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު 29 މެޗުން ލިބުނު 49 ޕޮއިންޓާއެކުއެވެ. އަދި މި މެޗުން ބަލިވި ބްރެމެން އޮތީ ތާވަލުގެ 13 ވަނައިގައި 29 މެޗުން ލިބުނު 30 ޕޮއިންޓާއެކުއެވެ.