ކ. މާލެ
|
18 އޭޕްރިލް 2021 | އާދީއްތަ 21:44
މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
ރައީސް އޮފީސް
ދުނިޔޭގެ ތަރިކައިގެ ދުވަސް
"ގައުމުގެ އަމިއްލަ ޝަޚްސިއްޔަތު ދެމެހެއްޓޭނީ ސަގާފީ ތަރިކަ ރައްކާތެރިކުރެވުނު މިންވަރަކުން"
އާދަކާދައާއި ސަގާފީ ތަރިކައަކީ އަގުބޮޑު 'މުދަލެއް' ކަން ދެނެގަނެ، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ބޭނުން ހިފުމަށް ގޮވާލެއްވި
މި އަހަރުގެ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ޝިޢާރަކީ "މުއްސަނދި މާޒީތަކަކުން: ތަފާތު ކުރިމަގުތަކަކަށް" މިޝިޢާރު

ގައުމުގެ އަމިއްލަ ޝަޚްސިއްޔަތު ދެމެހެއްޓޭނީ ސަގާފީ ތަރިކަ ރައްކާތެރިކުރެވުނު މިންވަރަކުންކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ މިފަދައިން ވިދާޅުވީ، ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ. މިނިސްޓަރ ޔުމްނާގެ މެސެޖުގައި ދިވެހިރާއްޖޭގެ ތަރިކަ ޙިމާޔަތްކޮށް ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާފައިވާ، އަދި ކުރައްވަމުން ގެންދަވާ ބޭބޭފުޅުންގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސަޤާފަތަކީ ގުޅިލާމެހިފައިވާ އެއްޗެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ދިވެހިރާއްޖޭގެ އެކި އަތޮޅުތަކަށާއި ރަށްތަކަށް ބަލާއިރު ދިވެހީންގެ ސަގާފީ ތަރިކައިގެ މުއްސަނދިކަމާއި ތަފާތުކަން ދޭހަވާކަމަށް ވިދާޅުވެފައެވެ. ތަރިކައިގެ ތެރެއިން ފެންނާން ހުރި ބިނާތަކާއި، އިހުގެ ތާރީޚާއި ގުޅިފައިވާ އެކިއެކި ތަކެތި މި ރާއްޖޭގެ އެކި ހިސާބުތަކުގައި ފެންނާން ހުރީ އެކި ރަށްރަށަށް، އަދި އަތޮޅަކަށްވެސް ޚާއްސަ ސިފަތާއިއެކުކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި މުއްސަނދި މާޒީތަކުން އައިސްފައިވާ ސަގާފީ ތަރިކަތައް ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމަށް ވިދާޅުވެފައެވެ. މި ފަދަ ބިނާތަކާއި ސަރަހައްދުތަކާއި ތަންތަނާއި ތަކެއްޗަކީ އެ ރަށެއްގެ އަމިއްލަވަންތަކަމާއި ސަގާފަތް ދައްކައިދޭ ތަންތަނާއި ތަކެތިކަމުގައިވާއިރު، ތަރައްޤީ ގެންނައިރު މި ފަދަ އާސާރުތަކަށް އަހަންމިއްޔަތުކަންދީގެން ތަރައްޤީ ގެންނަން ޖެހޭކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ސަގާފީ ތަރިކައަކީ އަޅުގަނޑުމެންގެ ފަޚުރަކަށްވާއިރު، ސަޤާފީ ތަރިކަ ރަނގަޅު ގޮތުގައި ރައްކާތެރިކޮށް ދެމެހެއްޓިއްޖެނަމަ، ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން ރަށަށާއި އަތޮޅަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ޖަޒީރާ ޤައުމަކަށް ގައުމުގެ އަމިއްލަ ޝަޚްސިއްޔަތު ދެމެހެއްޓޭނީ ސަގާފީ ތަރިކަ ރައްކާތެރިކުރެވުނު މިންވަރަކުންކަމަށް ވިދާޅުވިއެވެ. އަދި ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން ރަށްރަށަށް ފައިދާތައް ލިބި ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ އަހަމިއްޔަތުކަން އިތުރުކުރެވިދާނެކަމަށްވެސް ވިދާޅުވިއެވެ. އަދުގެ ދުނިޔޭގައި އާދަކާދައާއި ސަގާފީ ތަރިކައަކީ އަގުބޮޑު 'މުދަލެއް' ކަން ދެނެގަނެ، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުން މުހިންމުކަން މިނިސްޓަރ ފާހަގަކުރެެއްވިއެވެ.

މި އަހަރުގެ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ޝިޢާރަކީ "މުއްސަނދި މާޒީތަކަކުން: ތަފާތު ކުރިމަގުތަކަކަށް" ނުވަތަ "ކޮމްޕްލެކްސް ޕާސްޓްސް: ޑައިވަރސް ފިއުޗަރ" މި ޝިޢާރެވެ.

- ކޮމެންޓް