ޗައިނާއިން އުފައްދާފައިވާ ސިނޮވެކް ވެކްސިން ސިމްޕްޓްމޮޓިކް އިންފެންޝަންތަކާއި ދެކޮޅަށް 67 އިންސައްތަ މަސައްކަތް ކުރާ ކަމަށް ޗިލީގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.
ޗިލީގައި މި ދިރާސާ ވަރަށް ފުޅާކޮށް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ވައިރަސް އިން ދިފާއުކޮށްދޭ ކަމަށް ވެސް މި ދިރާސާގައި ވަނީ ބުނެފައެވެ. ކްރޯނާވެކް ނުވަތަ ސިނޮވެކް ވެކްސިންގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ނިސްބަތް 85 އިންސައްތައަށް ކުޑަކޮށްދީފައިވެއެވެ. މި ދިރާސާގައި ބުނެފައިވަނީ މީހުން މަރުވުމުން 80 އިންސައްތަ ދުރުކޮށްދޭ އިރު، މި ވެކްސިންގެ ސަބަބުން އާ މަންޒަރުތަކެއް ފެނިގެންދާނެކަމަށް ވެސް ބުނެފައިވެއެވެ.
ޗިލީގެ ޓްރޭޑް މިނިސްޓަރުގެ ނައިބް ރޮޑްރިގޯ ޔަނޭޒް ވަނީ ސިނޮވެކާއެކު އެއްބަސްވުމެއް ހަދާފައެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ކްލިނިކަލް ޓްރައަލްގައި ބޭނުން ކުރުމަށް 60 މިލިއަން ޑޯޒްގެ ވެކްސިން ގަތުމަށް ނިންމާފައިވާ އިރު، މިއީ ނިންމި ރަނގަޅު ނިންމުމުއް ކަމަށް ޔަނޭޒް ވަނީ ވިދާޅުވެފައެވެ.
ޗިލީގައި ރައްކާކޮށްފައިވާ ވެކްސިންގެ ސްޓޮކް ހުސްވަމުން ދާކަމަށް އެގައުމުން ވަނީ ބުނެފައެވެ. އަދި އަންނަ މަހުގެ ފަހުކޮޅު އިތުރު 14.2 މިލިއަން ޑޯޒް ލިބޭނެ ކަމަށް އެގައުމުން ބުނެއެވެ.