ކ. މާލެ
|
16 އޭޕްރިލް 2021 | ހުކުރު 17:46
ޗައިނާގެ ސިނޮފަރމް ވެކްސިން- ރާއްޖެއިންވެސް ވަނީ ސިނޮފަރމް ވެކްސިން ޖަހަމުން
ޗައިނާގެ ސިނޮފަރމް ވެކްސިން- ރާއްޖެއިންވެސް ވަނީ ސިނޮފަރމް ވެކްސިން ޖަހަމުން
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން ޖެހުން
ބުރާސްފަތި ދުވަހު 5500ށް ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހައިފި
ފާއިތުވި 24 ގަޑިއިރު 2740 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 5561 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި
277،522 މީހަކު ވަނީ މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި

ކޮވިޑް-19ން ދިފާއުވުމަށް ބުރާސްފަތި ދުވަހު އެކަނިވެސް 5500ށް ވުރެ ގިނަ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 5561 މީހުން ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވާ 3901 މީހުންނާއި، އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވާ 1660 މީހެކެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު ވަނީ 34،531ށް އަރާފައެވެ.

އޭގެ އިތުރުން، ފާއިތުވި 24 ގަޑިއިރު 2740 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވާ 231 މީހަކާއި، އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވާ 2509 މީހެކެވެ. އެއާއެކު 277،522 މީހަކު ވަނީ މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މިހާރު އަންނަނީ ދެވަނަ ޑޯޒް ދެމުންނެވެ. މާލެ ސަރަހައްދުގައި ދެވަނަ ޑޯޒްދެމުން އަންނަނީ، ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ، ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުންނެވެ.

ފުރަތަމަ ޑޯޒް ޓްރީޓޮޕް ހޮސްޕިޓަލުން ޖަހައިދެމުން އަންނައިރު ފުރަތަމަ ޑޯޒްގެ ގޮތުގައި މިހާރު ދެމުން އަންނަނީ ޗައިނާގެ ސިނޮފާރމް ވެކްސިނެވެ. މި ވެކްސިން ޖަހަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. ޚާއްސަ ހާލަތުގައި ފައިޒަރ ވެކްސިން ދޭންވެސް ވަނީ ފަށާފައެވެ. ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒަރ ވެކްސިން ޖަހަން ފަށާފައިވާއިރު ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެޕޮއިންޓްމެންޓް ހަމަޖައްސައި އެކަން އަންގާނެކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ. ރާއްޖެއަށް ލިބިފައިވަނީ ފައިޒަރ ވެކްސިންގެ މަދު ސްޓޮކެއްކަމުން ވެކްސިން ޖެހުމަށްޓަކައި ކަނޑައެޅިފައިވާ ކެޓަގަރީތަކުގައި ހިމެނޭ މީހުން އަވަހަށް ރަޖިސްޓަރީ ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

- ކޮމެންޓް