ސަރުކާރުން ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށާއި ކުރިއަށް އޮތްތާގައިވެސް ސޮއި ނުކުރާނެ ކަމަށް ރައީސުލްޖުމް ހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ހައިޑްރޯގްރަފީ އަދި އުތުރު ތިލަފަޅު ތަރައްގީކުރުމަށް ވެވިފައިވާ އެއްބަސްވުންތަކަކީ މީގެ ކުރީ ސަރުކާރުތަކުން ވަމުން އައި އެއްބަސްވުންތަކާއި އެއްގޮތަށް ކޮށްފައިވާ އެއްބަސްވުންތަކެއް ކަމަށެވެ. އޭގެތެރޭގައި ރާއްޖެގެ އިސްތިގްލާލަށް އަސަރުކުރާފަދަ އެއްވެސް ކަމެއް ނުހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މިގޮތަށް ކުރެވޭ އެއްބަސްވުންތައް ސީދާ ހުރިގޮތަށް އެއްވެސް ސަރުކާރަކުން މިހާތަނަށް އާންމުކޮށްފައި ނުވާކަމަށާއި އެހެންނަމަވެސް އެއްބަސްވުމުގައި ހުރި ހާމަކުރަންޖެހޭ ކަންތައްތައް ސަރުކާރުން މިގެންދަނީ ހާމަކުރަމުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށްވިޔަސް އަދި ސީދާ މަޖިލީހަށް ދޭންޖެހޭ ހުރިހާ މައުލޫމާތެއް މިއަންނަނީ ފޯރުކޮށްދެމުން ކަމަށް ރައީސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ތަކުރާރުކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫ އަރާފަދަ އެއްވެސް އެއްބަސްވުމެއް އެއްވެސް ގައުމަކާއި އެކު ނުވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ވެވިފައިވާ އަސްކަރީ އެއްބަސްވުންތަކާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭގޮތަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތައް އިތުރުވެފައިވަނިކޮށެވެ.