ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށައިފިއެވެ.
ވީއައިއޭ ހިންގުމާއި ހަވާލުވެފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ވީއައިއޭގައި ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައި ވަނީ އޭޕްރިލް ހަ ވަނަ ދުވަހު ކަމަށެވެ. އެގޮތުން ފެބްރުއަރީ އެއްވަނަ ދުވަހާއި އަށްވަނަ ދުވަހާއި ދެމެދު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އެމްއޭސީއެލްއިން އިސްނަގައިގެން ވީއައިއޭގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައި ވަނީ މާރޗް އެއްވަނަ ދުވަހުއެވެ. އެގޮތުން އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރުގައި ވެކްސިންޖެހުމުގެ ކަންތައްތައް ކުރިއަށް ދާނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް، ހެނދުނު 09:00ން ހަވީރު 04:00ށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:00ން ހަވީރު 03:00ށް ށެވެ. އަދި ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް ކިއުބީ އެޕް މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.
އެއަރޕޯޓް ފާސް އޮންނަ ކޮންމެ ފަރާތަކަށްވެސް ވެކްސިން ޖެހޭނެކަން ހާމަކޮށްފައިވާއިރު، އެއަރޕޯޓް ފާސް އޮތް ހުރިހާ ފަރާތްތަކުން ވެކްސިންޖެހުމަށް އެމްއޭސީއެލްއިން އިލްތިމާސްކުރެއެވެ. އެއަރޕޯޓް ވައިޑްކޮށް މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މަޤްސަދަކީ ވީއައިއޭގެ އޮޕަރޭޝަންތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންގޮސް، މުވައްޒަފުންނާއި ދަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުން ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ މައި އެއަރޕޯޓަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެމްއޭސީއެލްއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. ބަލިމަޑުކަމާއެކު އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫނާރާނެ ގޮތަށް އޮޕަރޭޓްކުރަމުން ދިޔަނަމަވެސް، އެއަރޕޯޓްގެ މުވައްޒަފުންނާއި ދަތުރުވެރިންގެ ރައްކާތެރިކަމަށް އެމްއޭސީއެލްއިން ޚާއްސަ ސަމާލުކަމެއްދެއެވެ.