ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 25،000ން މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މައުލޫމާތުތައް ދައްކާގޮތުން ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 25،053ށް އަރާފައެވެ. އެގޮތުން އަންގާރަ ދަވަހު 145 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 85 މީހުންނާއި އަތޮޅުތެރޭގެ އެކި ހިސާބުތަކުން ޕޮޒިޓިވްވި 39 މީހުންނެވެ. އޭގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށުން ދެ މީހުންނާއި ފަތުރުވެރިންނަށް ހިދުމަތްދެމުންދާ ރިސޯޓްތަކުން 19 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 21،898 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 3،079 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 73 މީހުންނަށެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 67 މީހުން ވަނީ ނިޔާވެފައެވެ.
ކޮވިޑް-19ގެ ތިން ރާޅާ ދިވެހިން ކުރިމަތިލާފައިވާއިރު މި ފަހުން މާލެ ސަރަހައްދުން ކޭސްތައް ވަރަށް ބޮޑަށް މައްޗަށްގޮސް ފިޔަވަޅުތައްވެސް ހަރުކަށި ކުރިއެވެ. ކޭސްތައް މަދުވާން ފެށުމުން ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ކޭސްތަކުގެ ޖުމްލަ އަދަދަކަށް ބަދަލެެއް ނާދެވެ. އެއީ އަތޮޅުތެރެއިން ފެންނަ ކޭސްތަކުގެ އަދަދު އިތުރުވެފައިވާތީ އެވެ.
އެގޮތުން އަތޮޅުތެރޭގައި ބޮޑު ދެތިން ކްލަސްޓަރއެއް އުޅޭއިރު ކ. އަތޮޅާއި ޅ. އަތޮޅު އަދި ރ. އަތޮޅުގައިވެސް މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.
މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިންނަމަވެސް، ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ދިގުދަންމާލާފައެވެ.