ދިވެހިރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކެނެޑާ ސަރުކާރުން 1.35 ކެނޭޑިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފިއެވެ.
ކެނެޑާ ސަރުކާރުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް" ގެ ނަމުގައި ލޯންޗް ކުރެވޭ މި ޕްރޮޖެކްޓް އިފްތިތާޙް ކުރެއްވުމަށް، މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވުނު ވަރޗުއަލް ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭބޭފުޅުންނާއި، ސްރީލަންކާގައި ހުންނަ ކެނެޑާގެ ހައިކޮމިޝަނަރގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރާއްޖޭގެ އޮފީހުގެ އެކްޓިން ރެޕްރެޒެންޓެޓިވް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، އަހުމަދު ނަސީމު ވަނީ މިފަދަ މުހިންމު ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ކެނެޑާ ސަރުކާރުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަ ކުރައްވާ ދެ ފަރާތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ކެނެޑާގެ ހައި ކޮމިޝަނަރ، ޑޭވިޑް މެކިނޮން މި ޕްރޮޖެކްޓް ދިވެހިރާއްޖޭގައި ގާއިމު ކުރެއްވުމަށް ފޯރުދެއްވި އެހީތެރިކަން ފާހަގަ ކުރައްވާ އެ މަނިކުފާނަށް ވަކިން ހާއްސަކޮށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އޮފީހުން ކަމުގައިވާތީ، އެފަރާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން އުފަލާއެކު ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން އަތޮޅު ތެރޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' މަރުހަލާތައް ހަރުދަނާކުރުމަށް 40 އޮޓޯކްލޭވް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާތަނަށް މިހިދުމަތް ގާއިމު ކުރެވިފައިވާ އަތޮޅުތަކުގެ އިތުރުން، 10 އަތޮޅެއްގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' ގެ ހިދުމަތްތައް ގާއިމު ކުރެވިގެންދާނެއެވެ. ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި ރަނގަޅުގޮތުގައި ނައްތާލުމަކީ ކޮވިޑް-19 ފަދަ ގައިންގަޔަށް އަރާބަލިތަކުންނާއި، އެހެނިހެން ޖަރާސީމްތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެކެވެ. މިޚިދުމަތް ޤާއިމު ކުރުމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެއެވެ. އަދި ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި އަންދާލުން ނިމުމަކަށް ގެނެވި، މިކަމުގެ ސަބަބުން ތިމާވެށްޓަށް ފޯރާ ގެއްލުންތައް ވެސް ކުޑަވެގެންދާނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއިއެކު ދިވެހިރާއްޖޭގައި ނޭޝަނަލް ހެލްތު ކެއަރ ވޭސްޓް މެނޭޖްމަންޓް ޕޮލިސީ އަދި ސްޓްރެޓެޖީ ވަނީ އެކުލަވާލާފައެވެ. އަދި ހެލްތު ކެއަރ ވޭސްޓް ނައްތާލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ލާމު އަތޮޅުގައި ވަނީ ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށްގެންގޮސްފައެވެ.