ކ. މާލެ
|
6 އޭޕްރިލް 2021 | އަންގާރަ 10:29
މ.މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަސްބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
މ.މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަސްބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
މ. މުލަކުގެ މަޝްރޫއުތައް
މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަސްބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި
 
މ. މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަގަކީ 17.6 މިލިއަން ރުފިޔާ

މ. މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަސްބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަސްބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ބޮޑު ޒިންމާއެއް ކަމަށާއި މިއަދު އެމްޓީސީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކަމަށެވެ.

އެމްޓީސީސީއަކީ މަސައްކަތް ފަށައިގެން ބުނާ ތާރީޚަށް ނިންމާ ބައެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މި ދެ މަޝްރޫއު ވެސް ކަނޑައެޅިފައިވާ ތާރީޚަށް ނިމިގެންދާނެ ކަމަށެވެ. އެމްޓީސީސީން އަމާޒު ހިފާފައިވަނީ އަވަސް ތަރައްގީ ގެންނަން ކަމަށާއި އެމްޓީސީސީން މި މަސައްކަތް އެހެން ހަރުފަތަކަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެމްޓީސީސީއަށް އިތުބާރުކޮށް ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ހަވާލު ކުރާ ކަމަށާއި އެ އިތުބާރު ކުންފުނިން ގެއްލުވާ ނުލާނެ ކަމަށެވެ. އާޒިމް ވިދާޅުވީ މީގެ ކުރިން ބަނދަރުގެ މަސައްކަތްތައް ނިމެނީ ދެ އަހަރުން ކަމަށާއި ނަމަވެސް މިހާރު އެމްޓީސީސީން އަހަރެއްހާ ދުވަހުގެ ތެރޭގައި ބަނދަރުގެ މަަސައްކަތް ނިންމާ ކަމަށެވެ.

މަސް ކިރުމުގައި މުލަކުގެ ރައްޔިތުންނަށް ދަތިތަކާއި ދިމާވާ ކަމަށް އެރަށު މަސްވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަސް ކިރުމަށްޓަކައި ގިނަ ފަހަރަށް މާލެ ދާން ޖެހޭ ކަމަށާއި މިކަމަށް ހައްލެއް އައުމުން މުޅި މ. އަތޮޅުގެ ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމަށް މަސްވެރިން ބުންޏެވެ.

މ. މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްްޓްރީން 29 މާރޗް 2021 ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއަކަށްވާއިރު މި މަޝްރޫއުގެ ދަށުން 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގްް ރިވެޓްމަންޓް ޖެހުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއު 105 ދުވަސް ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާއިރު މަޝްރޫއުގެ އަގަކީ 17.66 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން މަސްބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ 11 ފެބްރުއަރީ 2021 ގައި ހަވާލުކޮށްފައިވާއިރު މި މަޝްރޫއުގެ ދަށުން 22،240 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 8،640 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 160 މީޓަރު ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 68.90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 3،200 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ނިންމާފައިވާ ކަަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ އަގަކީ 56.14 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 300 ދުވަހުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް