ހިޔާ މަޝްރޫއިން ފްލެޓު ލިބުނު ފަންނީ ދާއިރާގެ މީހުން ފްލެޓު ދޫކޮށްލަން އެދޭނަމަ މި މަހުގެ 19 ވާ ހޯމަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް ޕްލޭނިން މިނިސްޓްރީން އަންގައިފިއެވެ.
މިދިޔަ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫގެ ފްލެޓުތައް ދޫކުރަން ހުޅުވާލި ކެޓެގަރީތަކުގައި ބައެއް ފަންނީ ދާއިރާތަކުގެ މުސާރަ ރަނގަޅު ވަޒީފާތައް ހިމެނޭ ފަދަ ކެޓަގަރީތައް ހުރުމުން އެ މީހުންނަށް ފެލްޓުތައް ދޫކޮށްލައި އެއަށް ވުރެ ރަނގަޅު ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު މި ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަންނީ ދާއިރާތަކުން ހިޔާ މަޝްރޫއުގެ ފްލެޓު ލިބުނު މީހުންނަށް އެ ފްލެޓުތައް ދޫކޮށްލައި އޭގެ ބަދަލުގައި ސަރުކާރުން ދެން އެންމެ އަވަހަކަށް ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓުހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެގޮތަށް އެދޭނަމަ މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެކަން ޕްލޭނިން މިނިސްޓްރީއަށް ހުށަހެޅުމަށްވެސް އެދިފައިވެއެވެ.
ފްލެޓު ދޫކޮށްލަން އެދޭނަމަ ސިޓީ މެދުވެރިކޮށް، އީމެއިލް، ވަޓްސްއެޕް އަދި އެސްއެމްއެސްގެ އިތުރަށް އެ މިނިސްޓްރީގެ ފޯން ނަމްބަރުތަކަށް ގުޅައިގެންވެސް އެކަން އެންގޭނެކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނީ ހިޔާ މަޝްރޫއުއިން ފްލެޓު ދޫކޮށްލާ ފަރާތްތަކަށް މި ސަރުކާރުން އެންމެ އަވަހަށް ހިންގާ މަޝްރޫއަކުން ބޯހިޔާވަހިކަން ދޭނެކަން ކަށަވަރުކޮށްދޭއިރު އެތަންތަނަކީ ތަނުގެ އަގު އެތަނެއްގެ ފެންވަރާ އެއްގޮތަށް ހިފެހެއްޓިފައިވާ އަދި ޖާގައިގެ ގޮތުން ތަނަވަސް ތިން ކޮޓަރީގެ ފްލެޓުތަކަށް ކަމަށެވެ.
މި ސަރުކާރުންވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ފަށަން ތައްޔާރުވެފައިވާއިރު އެތަންތަނަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި އަގުވެސް އަތްފޯރާފަށުގައި ހުންނާނެ މަޝްރޫތަކެއްކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން ދިރިއުޅުމުގެ އެކި ފަންތިތަކަށް ބަލައިގެން ބަހާލައިގެން ބޯހިޔަވާހިކަމުގެ މަޝްރޫތައް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.
ފްލެޓު ލިބުނު ފަންނީ ދާއިރާތަކުގެ މީހުންނަށް ފްލެޓު ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލައި ރައީސް އޮފީހުން ބުނީ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަކީ އާމްދަނީގެ ގޮތުންވެސް ތަނަވަސް ބަޔަކަށް ވާނެތީ މި ވަގުތު ދިރިއުޅުމުގެ ހާލަތަށް ބަލައި މިހާރު ހުރި ހިޔާ ފްލެޓުތަކުގެ ފެންވަރުގެ ތަންތަނަށް ވުރެ ފެންވަރު ރަނގަޅު ތަނަވަސް ތަންތަނަށް ބޮޑު އަގުގައި ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމީ ބައެއް މަދަނީ ޖަމިއްޔާތަކާއި އާންމުންނާވެސް މަޝްވަރާކުރުމަށްފަހުކަމަށާއި ގިނަ ބަޔަކު ބުރަ ވަނީ އެގޮތަށް ކަމަށްވެސް ބުނެފައިވެއެވެ. ބޭނުމަކީ މިވަގުތު ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުން ކަމަށްވެސް ބުނެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައްދިނުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓުގައިވެސް ހިޔާ މަޝްރޫއަކީ އިޖުތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކުރެވިފައިވާ މަޝްރޫއަކަށް ވީހިނދު އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންނަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ ބައެއްކަން ކަށަވަރު ކުރިކަމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.