ކ. މާލެ
|
5 އޭޕްރިލް 2021 | ހޯމަ 13:10
އދ. ހަންޏާމީދޫ ކުނިކޮށި ސަރަހައްދު
އދ. ހަންޏާމީދޫ ކުނިކޮށި ސަރަހައްދު
ވެމްކޯ
ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުން
މަސްދުވަހުގެ ތެރޭގައި 13،350 ޓަނުގެ ކުނި ސާފުކޮށް ރަށްރަށުގެ މަލަމަތި ބަދަލުކޮށްލައިފި
 
ބާކީއޮތް 6 ރަށުގެ މަސައްކަތް ޖޫން މަހާއި ސެޕްޓެމްބަރުމަހާއި ދޭތެރޭގައި ފަށާނެ
 
މިވަގުތުވެސް 6 ރަށެއްގެ ކުނި ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުން
 
މިހާތަނަށް އައިރު ވެމްކޯއިން ވަނީ 8 ރަށަކުން ކުނި ނެގުމުގެ މަސައްކަތް ނިންމާފައި

މަސްދުވަހުގެ ތެރޭގައި 13،350 ޓަނުގެ ކުނި ސާފުކޮށް ގިނަ ރަށްރަށުގެ މަލަމަތި ބަދަލުކޮށްލައިފިއެވެ.

އަތޮޅުތެރޭގައި ކުނި އެންމެ ގިނައިން ޖަމާވެފައިވާ 20 ރަށުގެ ކުނީގެ މައްސަލައަށް ކުރިއަށް އޮތް 7 މަސް ދުވަހުގެ ތެރޭގައި ހައްލު ލިބޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިމަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާއި މާރޗް 1 ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ. ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ވެމްކޯގެ ޓުވިޓަރ މެދުވެރިކޮށް ދަނީ ހާމަކުރަމުންނެވެ.

މިހާތަނަށް އައިރު ވެމްކޯއިން ވަނީ 8 ރަށަކުން ކުނި ނެގުމުގެ މަސައްކަތް މުޅިން ނިންމާލާފައެވެ. މިހާތަނަށް މަސައްކަތް ފުރިހަމަކޮށްފައިވާ ރަށްރަށަކީ، ކ. ގުރައިދޫ، ކ. ތުލުސްދޫ، ކ. ކާށިދޫ، ކ. ގުޅި، އއ. މާޅޮސް، އދ. ހަންޏާމީދޫ، އދ.މަހިބަދޫ އަދި ލ ފޮނަދޫއެވެ. މި ރަށްރަށުގައި ކުނި ނެގުމާއި، ކުނި ނެގި ސަރަހައްދު ސާފުކުރުން އަދި ކުނި ޓްރާންސްފަރކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އެގޮތުން ކ. ގުރައިދޫން 1850 ޓަނުގެ ކުންޏާއި، ކ. ތުލުސްދޫއިން 2800 ޓަނުގެ ކުންޏާއި، ކ. ކާށިދޫން 1700 ޓަނުގެ ކުންޏާއި، ކ. ގުޅިން 650 ޓަނުގެ ކުންޏާއި، އއ. މާޅޮހުން 400 ޓަނުގެ ކުންޏާއި، އދ. ހަންޏާމީދޫން 250 ޓަނުގެ ކުންޏާއި، އދ.މަހިބަދޫން 800 ޓަނުގެ ކުނި އަދި ލ ފޮނަދޫން 800 ޓަނުގެ ކުނި ވަނީ ޓްރާންސްފަރކޮށްފައެވެ.

މީގެ އިތުރުން ވެމްކޯއިން މިހާރުވެސް ދަނީ އިތުރު 6 ރަށެއްގައި ކުނި ސާފުކުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލ ގަމުގައި ޖަމާވެފައިވާކަމަށް ލަފާކޮށްފައިވާ 110 ޓަނުގެ ކުނި ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މުކުރިމަގު އަވަށުގެ މަސައްކަތް ވަނީ މުޅިން ނިންމާލާފައެވެ. މިހާރު ދަނީ މަތިމަރަދޫ، އަދި ތުނޑިއަވަށުގެ ކުނި ސާފުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

މީގެ އިތުރުން ގދ. ތިނަދޫން ސާފުކުރުމަށް ލަފާކޮށްފައިވާ 1500 ޓަނުގެ ކުނީގެ ތެރެއިން 1050 ޓަނުގެ ކުނި ޓްރާންސްފަރ ކޮށްފައިވާއިރު، އދ. މާމިގިލިން ސާފުކުރުމަށް ލަފާކޮށްފައިވާ 12،000 ޓަނުގެ ކުނީގެ ތެރެއިން 1850 ޓަނުގެ ކުނި ވަނީ ޓްރާންސްފަރ ކޮށްފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީން ސާފުކުރުމަށް ލަފާކޮށްފައިވާ 25،932 ޓަނުގެ ކުނީގެ ތެރެއިން 800 ޓަނުގެ ކުނި ޓްރާންސްފަރ ކޮށްފައިވާއިރު، ކުޅުދުއްފުށި ސިޓީން ސާފުކުރުމަށް ލަފާކޮށްފައިވާ 92،000 ޓަނުގެ ކުނީގެ ތެރެއިން 400 ޓަނުގެ ކުނި މިހާރު ވަނީ ޓްރާންސްފަރ ކޮށްފައެވެ. މީގެ އިތުރުން އދ. ފެންފުށީގެ މަސައްކަތްވެސް ވެމްކޯއިން ވަނީ ފަށާފައެވެ.

ވެމްކޯއިން 7 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ކުނި ގިނަ 20 ރަށުގެ ކުނީގެ މަސައްލަ ހައްލުކުރުމަށް އަމާޒު ހިފާފައިވާއިރު، ކުރިއަށް ރާވާފައިވާ މަސައްކަތްތަކުގެ ތަފްސީލުވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ގއ. ވިލިގިލިން ސާފުކުރުމަށް ލަފާކޮށްފައިވާ 704 ޓަނުގެ ކުނި ސާފުކުރުމުގެ މަސައްކަތް 7 ޖޫންގައި ފަށަން ތާވަލުކޮށްފައިވާއިރު، ތ. ކަނޑޫދޫން ސާފުކުރުމަށް ލަފާކޮށްފައިވާ 359 ޓަނުގެ ކުނި ސާފުކުރުމުގެ މަސައްކަތް 17 ޖުލައިގައި ފެށުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ތ. މަޑިފުށިން ސާފުކުރުމަށް ލަފާކޮށްފައިވާ 310 ޓަނުގެ ކުނި ސާފުކުރުމުގެ މަސައްކަތް 30 ޖުލައިގައި ފަށަން ތާވަލުކޮށްފައިވާއިރު، ދ. ކުޑަހުވަދޫއން ސާފުކުރުމަށް ލަފާކޮށްފައިވާ 800 ޓަނުގެ ކުނި ސާފުކުރުމުގެ މަސައްކަތް 24 އޮގްސްޓްގައި، ހދ. ވައިކަރަދޫން ސާފުކުރުމަށް ލަފާކޮށްފައިވާ 15،000 ޓަނުގެ ކުނި ސާފުކުރުމުގެ މަސައްކަތް 18 ސެޕްޓެމްބަރުގައި އަދި ހއ. ކެލާއިން ލަފާކޮށްފައިވާ 200 ޓަނުގެ ކުނި ސާފުކުރުމުގެ މަސައްކަތް 23 ސެޕްޓެމްބަރުގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިއީ ބުރަ ބޮޑު މައްސަލައެއްނަމަވެސް ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި 20 ރަށަކަށް ޖަމާވެފައިވާ ކުނިތައް އެއްކޮށް ރަށުން ބޭރުކޮށް ސާފުކުރުމުގެ މަޝްރޫއުމި ހާރު ވެމްކޯއާއި ހަވާލުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ކުރުމުގައި އެންމެ ގިނައިން މިވަގުތު ކުނި ޖަމާކޮށްފައި ހުރި ރަށްރަށުގެ ތެރެއިން ކުނީގެ މައްސަލަ ބޮޑުވެފައިވާ ރަށްރަށަށް އިސްކަން ދެއްވުމަށްވަނީ ނިންމަވާފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުނީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުނި މެނޭޖްކުރާނެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކާ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއީ ޚަރަދުބޮޑު ކަމެއް ނަމަވެސް މަސައްކަތްކުރަމުން އަންނަނީ އެއަމާޒަށް ކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
13%
50%
0%
25%
0%
13%
ކޮމެންޓް