އދ. މާމިގިލީ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއިން ބުނެފިއެވެ.
އާރްޑީސީއިން ކުރި ޓުވީޓެއްގައި ވަނީ، އދ. މާމިގިލީ މަގުހެދުމުގެ މަޝްރޫއުގެ މިވަގުތު ކުރިއަށްދަނީ މަގުތަކަށް ބޭނުންވާ ކޭބަލް ޖަންކްޝަން އަދި ކާރބްސުޓޯން އެޅުމުގެ މަސައްކަތްކަމަށް ބުނެފައެވެ. އެގޮތުން އަމީނީ މަގުގެ %97 އަދި ގެވެހި މަގުގެ %40 އެކްސްކަވޭޝަން މަސައްކަތް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
އދ.މާމިގިލީ މަގުތައް ހަދަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށެވެ. މިއީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢެވެ. އާރްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެރަށުގެ 6 މަގެއްގައި ތާރުއަޅާނެކަމަށެވެ. އެއީ ޖުމްލަ 4.89 ކިލޯމީޓަރުގެ މަގެވެ. މަގުތައް ހަދަނީ ބޭނުންކުރަން ފަސޭހަ އަދި ފެންބޮޑުވުން ކުޑަވާނެގޮތްތަކަށް ފަރުމާކޮށްގެންނެވެ. މަގު ފަރުމާކޮށްފައިވަނީ ވާރޭވެހުމުން ބިންގަނޑަށް ފެން ހިންދޭނެގޮތަށްކަމަށް ވެސް އާރްޑީސީން ބުނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ބޮޑަށް ވާރޭވެހި ފެންބޮޑުވެއްޖެނަމަ ފެން ހިންދުމަށް ސްޓޯމް ވޯޓަރ ސިސްޓަމާއި، ޕަމްޕް ސްޓޭޝަން އެރަށުގައި ބަހައްޓާނެއެވެ.
މާމިގިލި މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 14 މަސްދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ސަރުކާރުގެ ބަޖެޓުން 10 މިލިއަން ރުފިޔާ ޚަރަދުކޮށްގެނެނެވެ. މި މަސައްކަތަކީ 2020ގެ ބަޖެޓުގައި ހިމަނައިގެން ފެށި މަސައްކަތެކެވެ.