ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް ތިން ކަމެއް ކުރުމަށް އަމާޒުހިފާފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސްގެ މަޤާމަށް އިންތިޚާބުވި މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ.
މައްސަލަ ގަނޑެއްގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ވީއޭއެމުގެ އިންތިޚާބު ބުރާސްފަތި ދުވަހު ބޭއްވިއިރު، މި އިންތިޚާބު ރަނޭ ކާމިޔާބުކުރެއްވީ ހަ ކުލަބުގެ ތާއީދާއެކުއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ނުވަ ކުލަބަކަށް ލިބުނު ނަމަވެސް، ވޯޓުލުން ފެށުމުގެ ކުރިން ރައީސްގެ މަޤާމަށް ދެން ވާދަކުރެއްވި އިލްޔާސް ވަހީދު (އިއްލަ) އާއެކު ތިން ކުލަބަކުން ވަނީ ކޮންގްރެސް ދޫކޮށް ނުކުމެފައެވެ. އެހެންކަމުން އިންތިޚާބުގައި އިއްލައަށް ވޯޓެއް ލިބިފައެއް ނުވެއެވެ.
ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރަނޭ ވިދާޅުވީ ވީއޭއެމާ ހަވާލުވީ ވޮލީބޯޅަ އިތުރަށް ހަރުދަނާކުރުމަށް ތިން ކަމެއް ކުރުމަށް އަމާޒުހިފައިގެން ކަމަށެވެ. އެގޮތުން އެ ތިން ކަމަކީ ވީއޭއެމުގެ ހިންގުމުގައި ހުރި މައްސަލަތައް ޙައްލުކުރުމާއި، ޤައުމީ ވޮލީބޯޅަ ޓީމުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން އަތޮޅުތެރެއަށް ވޮލީބޯޅަ ފުޅާކުރުން ކަމަށެވެ.
ރަނޭ ވިދާޅުވީ އަތޮޅުތެރެއަށް ވޮލީބޯޅަ ފުޅާކުރުން ވިސްނާއިރު، މިހާރުވެސް ޤައުމީ ޓީމުގައި ގިނައީ އަތޮޅުތެރޭގެ ކުޅުންތެރިން ކަމަށާއި، ދިމާވާ ދަތިތަކަކީ އަތޮޅުތަކުގައި ވޮލީބޯޅައިގެ ވަޞީލަތްތައް ނެތުން ކަމަށެވެ. އެހެންކަމުން ކުޅިވަރާ ބެހޭ ވުޒާރާއެކު މަސައްކަތްކޮށް، އަތޮޅުތަކުގައި ގިނަ ކޯޓުތަކެއް އެޅުމަކީ އެއް އަމާޒުކަމަށްވެސް ވިދާޅުވިއެވެ.
އަދި ވީއޭއެމުގެ ހިންގުމުގައި ހުރި މައްސަލަތައް ޙައްލުކުރަން ޖެހޭއިރު، އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުވެސް އިޞްލާޙުކުރަން ޖެހޭ ކަމަށާއި، އަދި އެކަންކަން ކުރާނީ ކުލަބުތަކުގެ މަޝްވަރާގެ ދަށުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ވީއޭއެމުގެ އައު ހިންގާ ކޮމިޓީން އެންމެ އިސްކަމެއްދޭނީ ކުލަބުތަކާއެކު މަސައްކަތްކުރުމަށް ކަމަށްވެސް ރަނޭ ވިދާޅުވިއެވެ.
ކުރިއަށް އޮތް ހަތަރު އަހަރަށް ވީއޭއެމުގެ ރައީސްގެ މަޤާމަށް ރަނޭ އިންތިޚާބުވެވަޑައިގެންނެވިއިރު، މީގެ ކުރިން 2016 ވަނަ އަހަރު ބޭއްވި ވީއޭއެމުގެ އިންތިޚާބުގައި ރައީސަކަށް އިންތިޚާބުވެވަޑައިގަތް މުޙައްމަދު ލަތީފުގެ ޓީމުގައިވެސް ރަނޭ ހިމެނުނެވެ. އެގޮތުން އެ ފަހަރު ރަނޭ އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ޚަޒާންދާރެއްގެ ގޮތުގައެވެ. އެކަމަކު ފަހުން ސީނިއާ ނައިބު ރައީސަކަށް ރަނޭ ހަމަޖެއްސި ނަމަވެސް، 2018 ވަނަ އަހަރު ރަނޭ ވަނީ އިސްތިއުފާދެއްވާފައެވެ.
ގިނަ ދުވަސްތަކަކަށްފަހު ވީއޭއެމުގެ އިންތިޚާބު ބޭއްވި، ވޮލީބޯޅައިގެ އުއްމީދުތައް އާވެގެންދިޔައިރު، 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވޮލީއަށް އެކި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ވީއޭއެމުގެ މައްސަލަ ގޯސްވީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ވީއޭއެމުގެ އޭރުގެ އިންތިޚާބީ ހިންގާ ކޮމިޓީ އުވާލައި، ނޯމަލައިޒިން ކޮމިޓީއާ އެ އެސޯސިއޭޝަން ހިންގުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ) ހަވާލުކުރި ހިސާބުންނެނެވެ. އޭގެ ފަހުން ނޯމަލައިޒިން ކޮމިޓީއަކުން ވީއޭއެމް ހިންގި ނަމަވެސް، ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުޢިއްޔާ (އެފްއައިވީބީ) އިން މީގެ ކުރިން ވަނީ އެ ކޮމިޓީ ބަލައިނުގަންނަން ނިންމާފައެވެ. އެއާއެކު ވީއޭއެމުގެ މައްސަލަ ނިންމާފައިވަނީ އެފްއައިވީބީ އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ އުފެއްދި "އެޑްހޮކް ކޮމިޝަން" އިންނެވެ.