ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 16:24
އިންތިޚާބެއްގައި ވޯޓުލާން މީހުން ގޮސް
އިންތިޚާބެއްގައި ވޯޓުލާން މީހުން ގޮސް
ރާއްޖެ އެމްވީ
ކައުންސިލް އިންތިޚާބު ވޯޓުލުން
ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
އެމީހުންނަށް ވޯޓުލާން ދެވޭނީ އޮފިޝަލުންނަށް އެމީހުން ވޯޓުލާން ދާން ބޭނުންވާކަން އެންގުމަށްފަހު
އެމީހުން ވޯޓުލާން އަންނައިރު ކަރަންޓީނުގައި ނެތް އަދި ޕޮޒިޓިވް ހާލަތުގައި ނެތް މީހަކު އެހީތެރިއެއްގެ ގޮތުގައި ގެންނަންޖެހޭނެ
އެމީހުންގެ އަތަށް ވޯޓު ކަރުދާސްކޮޅު ނުލިބޭނެ

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާ ދުވަހު ކަރަންޓީނުގައި އަދި ކޮވިޑަށް ޕޮޒިޓިވްވެފައި ތިބޭ މީހުންނަށް ވޯޓުލެވޭނީ އެފޮއްޓަކަށް ވޯޓުލާން ގޮސްފައި ތިބި އެންމެން ވޯޓުލާ ނިމުމުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ އެދުވަހުގެ ހެނދުނު 7ން ހަވީރު 5 ޖަހަންދެންނެވެ. އަދި ވޯޓު ނެގުން ބަންދުވާތާ 30 މިނެޓް ފަހުން ވޯޓު ގުނަ ފަށާނެއެވެ.

އިންތިޚާބާއި ގުޅިގެން އީސީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޝަރީފް ވިދާޅުވީ އެދުވަހު ކަރަންޓީނުގައި އަދި ޕޮޒިޓިވްވެފައި ތިބި މީހުންނަށް ވެސް ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެކަމަށެވެ. އެމީހުން ވޯޓުލާން އަންނައިރު އަމަލުކުރާނެ އުސޫލެއް އާންމުކޮށްފައި ނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެމީހުން އަމަލުކުރަންޖެހޭނެ ގޮތަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައި އޮންނަ އުސޫލުކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ މާސްކު އެޅުމާއި ގައިދުރުކަން ގެންގުޅުންފަދަ ކަންކަން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންނަމަވެސް އެމީހުން އަމަލުކުރާނެ އުސޫލެއް އީސީން ތައްޔާރުކޮށްފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިއުސޫލުގައިވާ ގޮތުން އެދުވަހު ވޯޓުލާން އެފަދަ މީހުން އައުމަކީ އެމީހުންގެ އަމިއްލަކަމެކެވެ. ނަމަވެސް އެމީހުންނަށް ވޯޓުލާން ދެވޭނީ އޮފިޝަލުންނަށް އެމީހުން ވޯޓުލާން ދާން ބޭނުންވާކަން އެންގުމަށްފަހު ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވޯޓުލާން އަންނަން ޖެހޭނީ އެކަމާ ކަމާގުޅޭ ފަރާތްތަކަށް ދަންނަވައިގެން މިމަރުކަޒަށް ޕޮޒިޓިވްވެފައި ތިބި ދެމީހުން ނުތަވަ ކަރަންޓީނުގައި ތިބި ތިން ސަތޭކަ މީހުން އެބައާދޭ. އެއަންނަ މީހުން އަންނަ ގަޑިތައް އަންގަންޖެހޭނެ. ރަށެއްގައި ވެއްޖިއްޔާ ރަށެއްގައި ހުންނާނެތާ އެރަށެއްގައި ފޯކަލް ޕޮއިންޓްތަކެއް. އެމީހުންނަށް ކަރަންޓީނުގައި ހުންނަ މީހަކު ގުޅާފައި ބުނަންޖެހޭނީ ވޯޓުލާން ދާން ބޭނުމޭ. އެހެންވިއްޔާ އެމީހުން ވޯޓުލާ މަރުކަޒަށް އަންގާނެ މިވެނި ގެއަކުން ތިން މީހުން ވޯޓުލާ މަރުކަޒަށް އެބަދެއޭ. އެމީހުންނަށް ވޯޓުލުމަށް ކަނޑައަޅާފައި އިންނާނެ ގަޑިއަކީ އާންމު ގޮތެއްގައި 5 ގެ ފަހުން ބާކީ އިންނަ ގަޑީގައި. އޭގެ މާނައަކީ އާންމު ރައްޔިތުން ވޯޓުލާ ގަޑިތަކުގައި ކަރަންޓީނުގައި ތިބި މީހުންނާއި ޕޮޒިޓިވް މީހުންނަށް ވޯޓުލާކަށް ނުދެވޭނޭ.
އަހުމަދު ޝަރީފް/ އީސީގެ ރައީސް

ޝަރީފް ވިދާޅުވީ އެމީހުންނަށް ވޯޓުލެވޭނީ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ. އެގޮތުން އެމީހުންނާ ވޯޓުލާ މަރުކަޒުތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބޭ އޮފިޝަލުން ހަވާލުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމީހުންގެ އަތަށް ވޯޓު ކަރުދާސްކޮޅު ނުލިބޭނެކަމަށެވެ. އެމީހުން ވޯޓުލާން އަންނައިރުގައި ކަރަންޓީނުގައި ނެތް އަދި ޕޮޒިޓިވް ހާލަތުގައި ނެތް މީހަކު އެހީތެރިއެއްގެ ގޮތުގައި ގެންނަންޖެހޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލާ އުސޫލުން އަމަލުކުރާނީ. އެމީހަކު ކައުންޓްކުރާނީ ބަލި މަޑުކަމެއްގެ ސަބަބުން ކަރުދާހުގައި ފާހަގަޖެހުމަށް ނުކުޅެދޭ މީހެއްގެ ގޮތުގައި. އެއީ ވޯޓު ކަރުދާހުގައި ފާހަގަ ޖަހާ ހިސާބުން ސްޓާފުންނާއި ވޯޓު ގުނާ މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އެބައޮތްތާ. އެހެންވީމާ އެކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ހުންނާނީ. އެމީހުން އިތުބާރު ކުރާ މީހަކު ގޮވައިގެން ގޮސް ދުރުފައި ހުރެފައި ވޯޓު ކަރުދާހާ ހަވާލުވާނީ ބަދަލުގައި އައި މީހާ. ބަދަލުގައި އައި އެމީހާ ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައި އެމީހާއަށް ދައްކާފައި ވޯޓު ފޮއްޓަށް ވޯޓު ލާނީ.
އަހުމަދު ޝަރީފް/ އީސީގެ ރައީސް

މީގެއިތުރުން ޝަރީފް ވިދާޅުވީ ވޯޓުލާ ދުވަހު ކަރަންޓީނުގައި އޮންނަ ރަށްތަކުގައިވެސް ވޯޓުލުމުގެ ކަންކަން ކުރިޔަށްދާނެ ކަމަށެވެ. އެރަށްރަށަށް ވޯޓު ފޮށިތަކާއި ސެކިޔުރިޓީ އުރައާއި ބޭލުމުން އެތަކެއްޗާ ހަވާލުވާނީ އެރަށެއްގައި ތިބޭ އީސީގެ އޮފިޝަލުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި އިންތިޚާބު ކުރިޔަށް ގެންދަންޖެހިފައިވާތީ ވޯޓު ލުމުގެ ކަންކަން ކުރިޔަށްދާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެވެ. އެކަމުގެ ސަބަބުން ވޯޓު ފޮށީގެ އަދަދު ވަނީ އިތުރުކޮށްފައެވެ. ކޮންމެ ވޯޓުލާ މަރުކަޒަކަށްވެސް މީހުން ވައްދާނީ ސެނެޓައިޒްކޮށްފައެވެ. އަދި ވައިރަސް ފެތުރިދާނެކަމަށް ބަލާ ކޮންމެ މީހަކުވެސް އަމިއްލަ ގަލަމެއް ވޯޓު ލާން ދާއިރު ގެންދިޔުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް