ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ގަރލްސް ޓު ކޯޑް ތިނަދޫ ޕްރޮގްރާމް ނިންމާލައިފިއެވެ.
ދިރާގުން ބުނީ މި އަހަރުގެ 12 ޖެނުއަރީ އިން ފެށިގެން 15 މާރިޗާއި ހަމައަށް ކުރިއަށް ގެންދިޔަ ގަރލްސް ޓު ކޯޑް ތިނަދޫ ސީރީސްގެ ދެވަނަ ޕްރޮގްރާމް ނިންމުމުގެ ހަފްލާ ވާރޗުއަލްކޮށް ބާއްވާފައިވާ ކަމަށެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ހަފްލާގައި، ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ވަނީ ހަވާލު ކުރެވިފައެވެ. އަދި ކޯހުގެ ބައެއްގެ ގޮތުގައި ދަރިވަރުން ތައްޔާރުކުރި ވެބްސައިޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ 3 ވެބްސައިޓް ވެސް ދައްކާލާފައިވާ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ މިއަހަރު ހިންގުނު މި ޕްރޮގްރާމްގައި 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންއަށް މުޅިން އައު، ޖުމްލަ 17 ދަރިވަރުން ތިނަދޫ އިން ބައިވެރިވެފައިވާ ކަމަށެވެ.
ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ގާރލްސް ޓު ކޯޑް ތިނަދޫ ޕްރޮގްރާމްގައި ބައިވެރިވެ ފުރިހަމަ ކުރި ކުދިންނަށް ދިރާގުގެ ފަރާތުން ޑައިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އާތިފާ އަލީ މަރުހަބާ ވިދާޅުވިއެވެ. އަދި ޕްރޮގްރާމުގައި ދަސްވި ހުނަރުތަކާއެކު އެކުދިން މުސްތަގުބަލުގައި ކުރިއަށްގެންދާނެކަމަށް އުންމީދުކުރާ ވާހަކަ ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ދިރާގާއި ގުޅިގެން ވިމެން އިން ޓެކް މޯލްޑިވްސް އިން ޓެކް ދާއިރާގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
ކޯހުގައި ކިޔަވާދެއްވި އާމިނަތު ފަރުޝާނާ ވިދާޅުވީ އަންހެން ކުދިންގެ އައިސީޓީ ހުނަރު އިތުރުކުރުމަށް ހިންގި މި ޕްރޮގްރާމްގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. އެކަން ދޭހަވަނީ ޕްރޮގްރާމްގެ ބައިވެރިން މިކަން ދަސްކުރުމަށް ހުރި ޝައުގުވެރިކަމާއި ދަސްކުރެވުނު މައުލޫމާތުގެ ބޭނުން ހިފައިގެން ތައްޔާރުކުރެވުނު ވެބްސައިޓްތަކުގެ ފެންވަރުގެ ސަބަބުންނެވެ.
ޕްރޮގްރާމްގެ ޝަރަފުވެރި މެހެމާނު، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު ޝިފާޒު، ވިދާޅުވީ މި ޕްރޮގްރާމުން ދަސްކުރެވުނު ކޯޑިން ސްކިލްއަކީ ކުދިންގެ މުސްތަގްބަލުގައި ވަޒީފާއަކާ ހަމައަށް ދާއިރުގައި ވެސް ނުވަތަ އަމިއްލަ މަސައްކަތެއް ކުރިނަމަވެސް ފައިދާހުރި އަދި ބޭނުން ހިފޭނެ ހުނަރެއްކަމަށެވެ. އަދި ކޯޑިންނާއި ޓެކްނޮލޮޖީގެ ހުނަރަކީ ކުދިންގެ ވިސްނުން އިތުރަށް ތަރައްގީ ކުރުމަށް ލިބިދޭ ބާރެއްކަމަށެވެ.
ބައިވެރިވި ދަރިވަރުންގެ ފަރާތުން މަރިޔަމް ދީމާ ހަސަން މި ހަފްލާގައި ވާހަކަ ދެއްކިއެވެ. ދީމާ ބުނި ގޮތުގައި ކޯޑިންގ އަކީ ވަރަށް އުނދަގޫ ހުނަރެއްކަމަށް ކުރިން ހީކުރިނަމަވެސް މި ޕްރޮގްރާމުގެ ޒަރީއާއިން މިހުނަރު ދަސްވިކަމަށްޓަކައި އުފާކުރެއެވެ. އަދި މި ޕްރޮގާމުން ވަރަށް ގިނަ އައު ކަންތައްތަކެއް ދަސްވެއްޖެކަމަށާއި، ކޯޑިން އާއި ޕްރޮގްރާމިންގ އަކީ އަންހެން ކުދިންނަށް ކުރަން ވަރަށް ރަނގަޅު ކަމެއްކަމަށް ދީމާ ބުންޏެވެ.
މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.