ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގައި އަދި ވަކިން ޚާއްސަކޮށް މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުގައި އެކި ނަންނަމުގައި މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަމާއެކު ރައީސް ނަޝީދު ވަޑައިގެންނެވީއްސުރެ މިއަދާހަމައަށް އެކި ނަންނަމުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ވަޢުދުތައް އައީ ވަމުންނެވެ. މިއަދާއި ހަމައަށް ބޯހިޔާވަހިކަމުގެ 33 މަޝްރޫއެއް އިއުލާންކޮށް އެކި ފާޑުފާޑުގެ ކޮންޓްރެކްޓްތައް އެކުލަވާލާފައިވާއިރު، ފުލެޓްތައް އެޅުމަށް ދެ މިލިއަން އަކަފޫޓުގެ ބިން ހުޅުމާލެއިން ހިފެހެއްޓިފައިވާކަމީ ލިޔެޔެކިޔުންތަކުން ފެންނަން ހުރި ހަގީގަތެކެވެ. މި ބިމުގެ ބޮޑުމިން ވަޒަންކޮށްލާނަމަ އެއީ މާލޭގައި މިހާރު މީހުން ދިރިއުޅެމުންދާ ބިމުގެ ބޮޑުމިނާ އެއްވަރުގެ ސަރަހައްދެކެވެ.
އަޅުގަނޑު ހިއްސާކުރި މި ތަފާސްހިސާބުތައް އެންމެ ފުރަތަމަ ހާމަކުރައްވާފައިވަނީ، "ފްލެޓް ދޮންބެ"ގެ ނަމުން މަޝްހޫރުވެފައިވާ ރައީސް ނަޝީދެވެ. ރައީސް ނަޝީދު ވިދާޅުވާގޮތުން ނަމަ މިދެންނެވި 33 ޕްރޮޖެކްޓްގެ ތެރެއިން އެއްވެސް ޕްރޮޖެކްޓެއް ރަނގަޅަށް ބެލެހެއްޓިފައެއް ނެތެެވެ. މީގެތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ ވެރިންގެ ކަބަޑުތަކުގައި ހިރަފުސް ބުރާން ފައިލުކުރެވިފައިވާ ކަރުދާސްތަކަކަށް ވަނީ ބަދަލުވެފައެވެ. މި ކަރުދާސްތަކުން ހިރަފުސް ފޮޅައި އަލުން މީގެ ތެރެއިން ބޭނުންކުރެވޭނީ ކޮންކޮން ކަރުދާހެއްތޯ އަދި ބޭނުންނުކޮށް އެއްލާލަންވީ ކޮން ކަރުދާހެއްތޯ ބެލުމަށް ސަރުކާރަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. މިކަމަށްވެސް ދުވަސްކޮޅެއް ނަގާނެތާއެވެ. ތިން ބާރު ވަކިވެފައިވާ ޒަމާނީ ޑިމޮކްރެޓިކް މި ނިޒާމުގެ ތެރެއިން މިކަންވާން ދޫކޮށްލާނަމެވެ. މިހާރު ލޮލަށް ފެންނަން ހުރި މަޝްރޫޢަށް މި ހިސާބުން ނަޒަރު ހިންގާލާނަމެވެ. ދަންނަވަން މިއުޅެނީ "ހިޔާ" ހައުސިންގް ފްލެޓްތަކުގެ ވާހަކައެވެ.
ހިޔާ ހައުސިން ޔުނިޓްތަަކަކީ ގްރޭޓަރ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ނަމުގައި ޔާމީނުގެ ދައުރުގައި ފެށި އެންމެ ބިޔަ މަޝްރޫޢެވެ. 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 20ވަނަ ދުވަހު ސޮއިކޮށް 2017ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 19ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫގެ ފޮނި މީރުކަން ލިބިގަތުމަށް އެތައް ބަޔަކު ތިބީ ކެތްމަދުވެފައެވެ. ހިޔާ މަޝްރޫގެ ބައެއް ފްލެޓްތަކުގެ މަސައްކަތް ނިމި ބޭރުގައި ކުލަ ލުމާއެކު މިދެންނެވި އުންމީދުތައް އަދި މާބޮޑުވިއެވެ.
މިދިޔަ ސަރުކާރުން މި މަޝްރޫޢުގެ ތަސައްވުރު ސިފަކޮށްދިން ގޮތުން މި މަޝްރޫޢުން ރާއްޖޭގެ ބޯހިޔާވަހިކަމަށް ބޮޑު އަދި އަވަސް ހައްލެއް ގެންނާނެ ކަމަށް އެންމެނަށްހެން ގަބޫލުކުރެވުނެވެ. ރާއްޖޭގައި ބިނާކުރެވޭ އެންމެ އުސް ހައުސިން ޔުނިޓްތަކުގައި އުޅެލަން އޭރު އެންމެން ތިބީ ކެތްމަދުވެ އެ ހުވަފެން ދެކޭށެވެ. އެހެންނަމަވެސް، މި ދެންނެވި ފޮނި ހުވަފެނުން ހޭލައްވާލައި އޭގެ ހަގީގީ ކުލަވަރު ފެނިގެން ދިޔައީ ޔާމީނުގެ ވެރިކަން ނިމުނު ހިސާބުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިޙާއި މި މަޝްރޫޢުގެ ކަންކަން ހަވާލުވި ހިސާބުންނެވެ. ކަންކަން ތިލަވެ ހާމަވެގެން ދިޔައިރު އެތައް ބަޔަކަށް ވުޖޫދުގައިވެސް ނުވާ ފުލެޓްތަކެއް ހިބައިން ދީފައި ލިޔެކިޔުންތައްވެސް ވަނީ ހަވާލުކޮށްފައެވެ.
އެއް ކޮޓަރިއާއި، ދެކޮޓަރިއާއި، ތިން ކޮޓަރި، އެކަނިވެރި މައިންނާއި، ޑޮކްޓަރުންނާއި ނަރުހުންނާއި، ނުކުޅެދޭ މީހުންނާއި އަލަތު ކައިވެނިކުރާ މީހުންނާއި މިހެންގޮސް ނަން ހުސްކުރާވަރަށް ކެޓަގަރީ ހަދައި ފުލެޓް ލިބުނުކަމުގެ ލިޔެކިޔުންތައް ވަނީ ދީފައެވެ. ހަޑިހޭވުމަށް ފަހު ތިމަންނާމެން އަޅައިދިން ފުލެޓް ކޮބާހޭ ކިޔައިގެން މިވެރިން މިއަދު މަގުމައްޗައް އެބަނިކުމެއެވެ. އެހެން ބުނާއިރު މިވެރިން ވެރިކަމުން ފޭބިއިރު ހިޔާ މަޝްރޫއުގެ ނިމިފައިވަނީ އެންމެ 40 އިންސައްތަކަން ރައްޔިތު މީހާއަށް އަންގައިދިނުމުގެ ހިތްވަރާއި ތެދުވެރިކަމެއް ނެތެވެ.
މިދަނޑިވަޅުގައި ރައީސް ސާލިހުގެ ސަރުކާރުން އިސްކުރީ ހިކުމަތްތެރިކަމެވެ. މިހަަޑި ސާފުކުރުމަށް މުސްތަގިއްލު ކޮމިޝަނެއް އެކުލަވާލައި މަސައްކަތުގެ ފުރިހަމަ ބާރު ކޮމިޝަނަށް ދިނެވެ. ކޮމިޝަނުގެ މަސައްކަތްތައް ފަށައި ކުރިން އެކުލަވާލި ފުލެޓް ލިސްޓުގެ ކަންކަން ބަލަން ފެށުމުން ގިނަ މައްސަލަތަކަކާއި، ދެކޮޅު ނުޖެހޭ އެތައްކަމެއް ފެންމަތިވާން ފެށިއެވެ. އެގޮތުން 7،000 ހައިސިން ޔުނިޓްގެ ބޮޑު މަޝްރޫއެއް ނިންމައިފިކަމަށް ދައުވާކުރި އިރު، އެއްވެސްކަހަލަ ކޮމާޝަލް ބޭނުމަކަށް ތަންކޮޅެއް ދޫކޮށްފައި ނެތުމުން މިކަމަށް އުނިކޮށްފައި މީގެ ތެރެއިން ދިރިއުޅުމަށް ދޫކުރެވެން އޮތީ ހަ ހާހެއްހާ ފްލެޓްކަން އެނގުނީ މި ހިސާބުންނެވެ.
ދެން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ނޫސްވެރިން މި ދެންނެވި ފްލެޓްތައް ބަލާލުމަށް ދިއުމުގެ ފުރުސަތު ދިން ދުވަސްތަކެވެ. އެދުވަހު މި ފުލެޓްތަކަކީ ބޭރުން ކުލަ ފޮއްޓެކޭ އަދި އެތެރެއިން އަލިފާން ފޮއްޓެކޭ އަޅުގަޑު ބުނުމުން އިދިކޮޅުގައި ތިބި ބޭފުޅުންނަށް އެކަން ހަޖަމެއް ނުވިއެވެ. އެހެންމަވެސް، އޭރުވެސް އަޅުގަނޑު އެހެން ބުނީ އެތަނަށް ވަނުމުން ފެނުނު މަންޒަރުތަކަށް ބިނާކޮށެވެ. މިފަދަ ތަނެއްގައި އެތައް ހާސް ބަޔަކު އެއްފަހަރާ ދިރިއުޅެން ފެށުމުން ކަން ވެގެންދާނެގޮތް އެންމެ ފަސޭހައިން ސިފަކޮށްލެވޭނީ އެހެންކަމަށް ގަބޫލު ކުރެވޭތީއެވެ. ފުލެޓް ލިބުނު މީހުން އެތަންތަނަށް ވަދެ އަމިއްލަޔަށް މިކަން ވަޒަންކޮށްލުމަށް އަޅުގަނޑު ދޫކޮށްލާނަމެވެ. ދެން ގިނަ ދުވަހެއް ނެތެއް ނޫންތޯއެވެ. ސަރުކާރުން މިހާރު ވަނީ ކޮމިޓީން އެންމެ ފަހުން ފާސްކުރި ލިސްޓުގައި ތިބި އެންމެނަށް އަންނަ މަހު ފުލެޓް ހަވާލު ކުރާނެކަން އިއުލާންކޮށްފައެވެ.
ލިސްޓުގެ ވާހަކަދައްކާއިރު، މި ލިސްޓަކީވެސް ހަޑިހާވާފައިވާ އަނެއް ކަންތަކެވެ. މި ލިސްޓު މިދިޔަ ސަރުކާރުން އެކުލަވާލިއިރު ދިރިއުޅުމުގެ ހާލަތެއް ލިބޭ އާމްދަނީއެއް އެޔެއް މިޔެއް ބަލާފައެއް ނެތެވެ. މި ސަބަބަށްޓަކައި މިކަންވެސް ހާމަކުރަން ޖެހުނީ މި ސަރުކާރަށެވެ. މިހުރިހާކަމެއްކޮށް ނިމި އިންސާފުވެރި ލިސްޓެއް އާންމުކުރި އިރު މިކަމުގައިވެސް ރައްޔިތުންގެ ޝަކުވާތައް އުތުރި އަރަން ފެށިއެވެ. ލިސްޓާއި މެދު ކަންބޮޑުވުން ފާޅުކޮށް މަގުމަތީގައި ހިނގާލުންތައްވެސް ބޭއްވިއެވެ. އެކަމަކު މިވަގުތު ރައްޔިތުން ބޭނުންވަނީ ކޮންމެވެސް ކަހަލަ ބޯހިޔާވަހިކަމެއް ކަމަށް ދެކި ސަރުކާރުން ނިންމީ މިހާރު އޮތް ގޮތަށް ފުލެޓްތައް ބަހާލާށެވެ. ފުލެޓް ދޫކޮށްލަން ބޭނުން ބަޔަކަށް އެ ފުރުސަތުދީ ދޫކޮށްލާ ފްލެޓަށް އައު ސަރުކާރުގެ ފުލެޓް ސްކީމުން އެއަށްވުރެ ރަނގަޅު ފުލެޓެއް ލިބޭނެކަމުގެ ޔަގީންކަމާއެކުއެވެ. މިދިޔަ ސަރުކާރުގެ ގަޑުބަޑު ސާފުކުރެވުނުވަރަކަށް ސާފުކުރުމަށްފަހު މިހާރު މިއޮތީ ފަހު މަރުޙަލާއަށް އައިސްފައެވެ. އެކަމަކު އުފެދޭ ސުވާލަކީ މިވަރުން ފުއްދާލަންވީ ތޯއެވެ؟ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިއްޖެތޯއެވެ؟
މިސަރުކާރުންވެސް ވެރިކަމަށް އައީ ބޯހިޔާވަހިކަމުގެ ފޮނި ވައުދުތަކަކާ އެކުއެވެ. މީގެ ތެރެއިން ދެ މަޝްރޫއެއްގެ މަސައްކަތް މިހާރު ފެށި މަސައްކަތް މޯބަލައިޒްކުރުމާއި މިވަނީ ކައިރިވެފައެވެ. އެހެންނަމަވެސް، ކުރިން ގަޑުބަޑުކަމުގައި ސިފަކުރި ހައުސިން ޔުނިޓްތަކާއި މި ހައުސިންތަކާއި ހުރި ތަފާތު އަޅާ ކިޔާލުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެެވެ. މިފަހަރު އަޅާނީ އަލިފާން ފޮށިތަކެއް ނޫންކަން ސަރުކާރުން އެންމެ ފުރަތަމަވެސް މިވަނީ ޔަގީންކޮށްދީފައެވެ. ފުރިހަމަ ޒަމާނީ ވަސީލަތްތަކާއެކު ފަސޭހައިން އެއްތަނަކުން ޚިދުމަތްތައް ލިބޭގޮތަށް ފަރުމާކުރެވޭ ބޯހިޔާވަހިކަމުގެ ފުލެޓްތަައް ތަފާތުވާ އެއް ސަބަބަކީ މިއީއެވެ.
މީގެ އިތުރުން ލިބޭ އާމްދަނީއަށް ރިޢާޔަތްކޮށް އެކި ފަންތީގެ ބޯހިޔާވަހިކަން ދޭން ވަނީ ނިންމާފައެވެ. ކުރީ ސަރުކާރުން އެކި ނަންނަމުގައި ހެދި ކެޓަގަރީތަކަށްވުރެ މިއީ "ރިއަލިސްޓިކް" އަދި ނަތީޖާ ގެނުވާނެ ކަމެއްކަމުގައި ގަބޫލުކުރަންޖެހެއެވެ. އެހެންނަމަވެސް، މި ދެކެވެނީ އަދި ހުވަފެންތަކެއްގެ ވާހަކައެވެ. ރާއްޖޭގައި ބޯހިޔާވަހިކަމުގެ ކާމިޔާބު މަޝްރޫއެއް މިހާތަނަށް ހިންގާފައިވަނީ މިހާރު ވެރިކަމުގައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރަކުން އެކަންޏެވެ. އެހެންކަމުން މިފަހަރުވެސް މި ހުވަފެން އެމްޑީޕީއން ހަޤީޤަތަކަށް ހަދާދޭނެކެމަށް ރައްޔިތުންކުރާ އުންމީދު ވަރަށް ބޮޑޭ ދަންނަވަން ޖެހެއެވެ.