ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 07:45
އދ. ހަންޏާމީދޫ ކުނިކޮށި ސަރަހައްދު
އދ. ހަންޏާމީދޫ ކުނިކޮށި ސަރަހައްދު
ވެމްކޯ
ކުނީގެ މައްސަލަ ހައްލުކުރުން
ގަދަ ވިއްސާރާގައިވެސް ހަންޏާމީދޫއިން ފަސް ދުވަހުގެ ތެރޭގައި 350 ޓަނުގެ ކުނި ސާފުކޮށްފި
 
އިސްކަންދެނީ އެންމެ ގިނައިން ކުނި ޖަމާކޮށްފައި ހުރި ރަށްރަށުގެ ތެރެއިން ކުނީގެ މައްސަލަ ބޮޑުވެފައިވާ ރަށްރަށަށް
 
އަތޮޅުތެރޭގައި އެންމެ ކުނި ގިނައިން ޖަމާކޮށްފައިވާ 20 ރަށުގެ ކުނީގެ މައްސަލައަށް ކުރިއަށް އޮތް 7 މަސް ދުވަހުގެ ތެރޭގައި ހައްލު ގެނައުމަށް ދަނީ މަސައްކަތް ކުރަމުން
 
ދެމެހެއްޓެނިވި ގޮތެއްގައި ކުނީގެ މައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކުނި މެނޭޖްކުރެވޭނެ ވަސީލަތް ތަރައްޤީކުރުމަށް ދަނީ މަސައްކަތްކުރަމުން

ގަދަ ވިއްސާރާގައިވެސް ހަންޏާމީދޫއިން ފަސް ދުވަހުގެ ތެރޭގައި 350 ޓަނުގެ ކުނި ސާފުކޮށްފިއެވެ.

އަތޮޅުތެރޭގައި އެންމެ ކުނި ގިނައިން ޖަމާކޮށްފައިވާ 20 ރަށުގެ ކުނީގެ މައްސަލައަށް ކުރިއަށް އޮތް 7 މަސް ދުވަހުގެ ތެރޭގައި ހައްލު ލިބޭނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިމަސައްކަތް މިހާރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ވެމްކޯގެ ޓުވިޓަރ މެދުވެރިކޮށް ދަނީ ހާމަކުރަމުންނެވެ. 

ވެމްކޯއިން ކުރި ޓުވީޓްގައި ވަނީ 5 ދުވަހުގެ ތެރޭގައި އދ. ހަންޏާމީދޫއިން 350 ޓަނު ގެ ކުނި ސާފުކޮށްފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެހެންރަށްތަކެކޭވެސް އެއްގޮތައް ހަންޏާމީދޫއިންވެސް ސާފުކޮށްފައި ވަނީ ކުނިގޮނޑުގައި ޖަމާވެފައިހުރި ކުނިތަކެވެ. ވެމްކޯއިން މިހާރުދަނީ މި ރަށުގެވެސް ކުނި ނެގި ސަރަހައްދުގެ ވެލިގަނޑު އެއްވަރުކުރުމާއި، ސާފުކުރި ކުނީގެ ތެރެއިން ރަށުގައި ނައްތާލެވޭ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ. ވެމްކޯއިން ވަނީ ހަންޏާމީދޫގައި ކުނި ސާފުކުރުމުގެ މަސައްކަތްކުރުމުގައި ވިއްސާރަވުމުން އުނދަގޫތައް ކުރިމަތިވިޔަސް، 5 ދުވަހުގެ ތެރޭގައި 350 ޓަނުގެ ކުނި ސާފުކުރެވުމަކީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކުނީގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. މިއީ ބުރަ ބޮޑު މައްސަލައެއް ނަމަވެސް ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި 20 ރަށަކަށް ޖަމާވެފައިވާ ކުނިތައް އެއްކޮށް ރަށުން ބޭރުކޮށް ސާފުކުރުމުގެ މަޝްރޫޢު މިހާރު ވެމްކޯއާއި ޙަވާލުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ކުރުމުގައި އެންމެ ގިނައިން މިވަގުތު ކުނި ޖަމާކޮށްފައި ހުރި ރަށްރަށުގެ ތެރެއިން ކުނީގެ މައްސަލަ ބޮޑުވެފައިވާ ރަށްރަށަށް އިސްކަންދެއްވުމަށްވަނީ ނިންމަވާފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުނީގެ މައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ. ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށްޓަކާ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއީ ޚަރަދުބޮޑު ކަމެއް ނަމަވެސް މަސައްކަތްކުރަމުން އަންނަނީ އެއަމާޒަށްކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
29%
0%
0%
29%
14%
29%
ކޮމެންޓް
1 އޭޕްރިލް 2021 | ބުރާސްފަތި 11:55
އެހެންތޭ
ރަށުތެރެއަށް ކުނިއަޅާމީހުން އުޅޭރަށެއްތީ..