ކ. މާލެ
|
5 މެއި 2017 | ހުކުރު 04:59
މޯލްޑިވް ގޭސް ގެ މުވައްޒަފަކު ގެއަކަށް ގޭސްފުޅި ސަޕްލައި ކޮށްދޭއިރު އެއް އަތުގައި ގޭސްފުޅި އަނެއް އަތުގައި ޕީޕީއެމްގެ ބައްދަލުވުމެއް ޕްރޮމޯޓު ކުރާ ނޯޓިސް
މޯލްޑިވް ގޭސް ގެ މުވައްޒަފަކު ގެއަކަށް ގޭސްފުޅި ސަޕްލައި ކޮށްދޭއިރު އެއް އަތުގައި ގޭސްފުޅި އަނެއް އަތުގައި ޕީޕީއެމްގެ ބައްދަލުވުމެއް ޕްރޮމޯޓު ކުރާ ނޯޓިސް
ޓްވިޓަރ
ކައުންސިލް އިންތިޚާބު
ވޯޓު ދޭންވީ ކޮން ކޮޅަކަށް؟
ސަރުކާރުން ގެންނަ ކަމަށް ބުނާ ތަރައްގީގެ ފައިދާ ރައްޔިތުންނަށް އިހުސާސު ކުރެވޭތަ؟
ތަރައްގީ އާ ކައުންސިލް މެޖޯރިޓީއާ އޮތީ ކޮން ގުޅުމެއް؟
ވޯޓަކީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާ މެދު ރައްޔިތުން ދެކޭ ގޮތް ހާމަ ކުރަން ލިބޭ އެންމެ މުހިންމު ފުރުސަތު

ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަކީ ސަރުކާރަށް ވަރަށް މުހިންމު ވޯޓެކެވެ. ވޯޓު މުހިންމުވާ ސަބަބަކީ، ވޯޓުގެ ނަތީޖާ ސަރުކާރު ކޮޅަށް ބުރަ ވެއްޖެނަމަ، ސަރުކާރުގެ ސިޔާސަތުތަކާއި، ސަރުކާރު ހިންގަމުންދާ ގޮތް ރައްޔިތުން ބަލައިގަންނަ ކަމަށް ދުނިޔެއަށް ދެއްކޭނެއަތީއެވެ. އެއާއެކު، އިދިކޮޅު ސިޔާސީ ޕާޓީތަކުން ސަރުކާރު ރަނގަޅެއް ނޫނޭ ބުނެ ގައުމު އިސްލާހު ކުރުމަށް އެކުގައި ކުރަމުންދާ މަސައްކަތްތަކައް ރައްޔިތުންގެ ތާއީދު ނެތްކަން ދައްކަން ސަރުކާރަށް ފުރުސަތު ތަނަވަސްވާތީއެވެ.

އިންތިޚާބު ބޯމަތިވެފައިވާއިރު، ކެޕްމޭން ކުރުމާއި ތާއީދު ހޯދުމުގެ ހަރަކާތްތައް ހިންގުމުގައިވެސް ހަމަހަމަ ފުރުސަތުތަކެއް ނެތް ކަމުގެ ޝަކުވާތާތައް އިދިކޮޅު ޕާޓީތަކުން ކުރަމުންދާއިރު، މިނިވަން ކަމާއެކު ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންނެވޭ ގޮތައް ހުންނެވި އިދިކޮޅު އެއްވެސް ޕާޓީއެއްގެ ލީޑަރަކު ނެތެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ލީޑަރު ހުންނެވީ ޖަލު ހުކުމެއްގައި ގައުމަށް ވަޑައިގެންނެވޭނެ ގޮތެއް ނެތިފައެވެ. އެންމެ ބޮޑު ވަރަކަށްވެސް ރައްޔިތުންނާ ހަމައަށް އެމަނިކުފާނަށް ގާތްވެވެނީ، ވީޑިއޯ މެސެޖެއްގެ ޒަރީއާއިންނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު މުޖްތަމައަށް "ނުރައްކާ" މީހަކަށްވެ، ޖަލުގައި ބަންދުކޮށްފައެވެ. އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޖަލުގައެވެ. އިދިކޮޅު އިއްތިހާދުގައި ބައިވެރިވެ ވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫނުވެސް ހުންނެވީ ގައުމުން ބޭރުގައި "އަރުވާލެއްވިގެން" ނެވެ. މީން އެއްވެސް ބޭފުޅަކަށް ކެމްޕޭންގައި ބައިވެރިވި ވަޑައިގެން ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވޭނެ މަގެއް ނެތެވެ. މިކަން މިހެން އޮތް އިރު، ސަރުކާރަށް ބުރަވާ ގޮތައް ވޯޓުގެ ނަތީޖާ ނުކުމެއްޖެ ނަމަ، ސިޔާސީ ލީޑަރުންނާ މެދު ކަންކަން ހިންގަމުންދާ ގޮތަކީވެސް ރައްޔިތުން ބަލައިގަންނަ ގޮތެއް ކަމަށް ބުނަން ސަރުކާރަށް ފުރުސަތު ލިބޭނެއެވެ.

އިންތިޚާބުގައި ސަރުކާރުން ގެންގުޅެމުންދާ ސްލޯގަން އަކީ ތަރައްގީ ކަމަށް ވިޔަސް، އާއްމު ރައްޔިތުންނާ ހަމައަށް އެ ތަރައްގީގެ ހެޔޮ ނަތީޖާ ތިލަވަމުން ނުދާ މައްސަލަ އެބައޮތެވެ. އަނެއް ކޮޅުން ތަރައްގީ ކުރެވޭނީ ކައުންސިލްތައް ލިބިގެން ކަމަށް ބުނެ ދައްކާ ވާހަކަތަކުގައިވެސް ދެކޮޅު ނުޖެހޭ ކަންކަން އެބަހުއްޓެވެ. މާލެ ތަރައްގީ އެބަވެއެވެ. އޮތީ އެމްޑީޕީގެ މެޖޯރިޓީއެވެ. އައްޑޫގައި މެގަ ޕްރޮޖެކްޓްތަކެއް ފަށައިފިއެވެ. ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕިއަށެވެ. ހަމަ އެހެންމެ، ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ އޮވެމެ ހަމަ އެއް ކަމެއް ނުވާ ރައްތައް ބައިވަރެވެ. އެހެން ކަމަށް ވާނަމަ ކައުންސިލްގެ އަގްލަބިއްޔަތު ލިބުމާ ތަރައްގީ އާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟

ތަރައްގީ ވަމުން ދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ތަރައްގީގެ ފައިދާ ދިރިއުޅުމުގެ ފަސޭހަތަކުގެ ގޮތުގައި ރައްޔިތުންނަށް އިހްސާސް ނުކުރެވި، ޚިދުމަތުގެ އަގައް އަތުން ދައްކަންޖެހޭ އެއްޗެއް ބޮޑުވުމުގެ މައްސަލަ އިންތިހާއަށް ރައްޔިތުންނަށް ވަނީ ކުރިމަތިވެފައެވެ. އަސާސީ ކާބޯތަކެތި ރައްޔިތުންގެ އަތްފޯރާ ފަށުގައި ބެހެއްޓުމަށް ޒަމާނުއްސުރެ ދެމުން އައި ސަބްސިޑީ ކަނޑާލާއި، ކަރަންޓާ ފެނަށް ދެމުން އައި އެހީވެސް ކަނޑާލުމުގެ ސަބަބުން ދިރިއުޅުމުގެ އަގު އިންތިހާއަށް އުފުލިފައިވާކަމީ ހަގީގަތެކެވެ. އަނގަޔާ އަތާ ދިމާނުވާ ކަމުގެ ޝަކުވާ ކުރަމުންދާއިރު، ވޯޓުގެ ނަތީޖާ ސަރުކާރުގެ ކޮޅަށް ބުރަވެއްޖެނަމަ، އެ ސިޔާސަތު ތަކަކީވެސް ރައްޔިތުން އެންޑޯޒް ކުރާ ސިޔާސަތު ތަކެއް ކަމަށް ސަރުކާރުން ބުނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ތަފާތު ކުރުމާއި، ސަރުކާރުގެ މީހުންގެ ގޮތުގައި އުޅޭ މީހުންނަށް މޮޅު ގޮތް ހަދައި ދިނުމުގެ އުސޫލް އެންމެންގެ ލޯމަތިން ފެނި އެ ކަންމުގައި ހިތްހަމަ ނުޖެހުން ފާޅު ކުރާ މީހުން މަދެއް ނޫނެވެ. ވަކި ބަޔަކަށް ވަޒީފާ ހަމަޖައްސައި ދިނުމާއި، ވަކި ބަޔަކު ވީމާ ވަޒީފާއިން ކަނޑާލާ މައްސަލައާއި، ވަކި ބަޔަކަށް މޮޅުވާ ގޮތައް ސަރުކާރު ތެރެއިން ކަންކަން ހަމަޖެހިގެންދާ ވާހަކަ އަކީވެސް އައު ވާހަކައެއް ނޫނެވެ. ވޯޓުގެ ނަތީޖާ ސަރުކާރު ކޮޅަށް ބުރަވުމުން އެއީވެސް ރައްޔިތުންނަށް ހެޔޮ ގޮތެއް ކަމުގައިވެ ސިއްކަ ޖެހުނީއެވެ.

ދައުލަތުގެ "މިނިވަން" މުއައްސަސާތަކުގެ ތެރެއަށް ސަރުކާރުގެ ނުފޫޒް ފޯރުވާ ސަރުކާރުން ބޭނުންވާ ގޮތަކަށް އެ މުއައްސަސާތަކުން ކަންކަން ކުރަމުންދާ ވާހަކަ ނީވޭ މީހަކު ނުހުންނާނެއެވެ. އެންމެ ފަހުން ފެންމަތިވެގެން އުޅޭ ގާސިމް އިބްރާހީމްގެ "ކަރަޕްޝަން" ގެ މައްސަލައިގައި ކަންކަން ހިނގި ގޮތާއި ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެމްބަރަކު ފައިސާ ބެހި ކަމަށް އެއްބަސްވެފައި އޮތް އިރުވެސް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ދެން ކަންހިނގާ ދިޔަ ގޮތް އެއީ އިއްޔެ މެންދުރުގެ ކަމެކެވެ. އަނެއްކޮޅުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް މެމްބަރު މަހުލޫފްގެ މައްޗަށް ކުށް ސާބިތުވެ، ޖަލު ހުކުމެއް ފުރިހަމަ ކުރަން މަޖުބޫރު ކުރި އިރު، ބެރިކޭޑް މަތިން ފުމުނު މެމްބަރު އުފަލާ އަރާމުގައި އެބަ އުޅުއްވައެވެ. ތަފާތަކީ މަހުލޫފަކީ ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅަކަށް ވެފައި، އަނެއް ބޭފުޅާއަކީ ސަރުކާރަށް ސަނާ ވިދާޅުވެގެން އުޅުއްވާ ބޭފުޅަކަށް ވުމެވެ. އެކި އެމީހުންނަށް އެކި ގޮތައް ގާނޫނު އަރާ ހަމަކުރާ އުސޫލަކީވެސް ރައްޔިތުންނަށް ކަމުދާ އުސޫލެއް ކަމަށް މި ވޯޓުގެ ނަތީޖާ ސަރުކާރު ކޮޅަށް ބުރަ ވެއްޖެނަމަ ނިމިގެންދާނެއެވެ.

ރާއްޖޭގެ ބާރުތަކަކީ ވަކިވެފައި އޮންނަ މިނިވަން ތިން ބާރު ކަމަށް ގާނޫނު އަސާސީގައި ލިޔެވިފައި އޮތަސް އެހުރިހާ ބާރުތައް އެކެއްގެ މުށުތެރެއަށް ޖަމާވެފައިވާ ކަމީ އިތުރު ހެއްކެއް ބޭނުންވާނެ ކަމެއްތޯއެވެ؟ ބޭނުން ގާނޫނެއް ބޭނުން ގޮތަކަށް މަޖިލިސް ތެރެއިން ފާސް ކުރުމާއި، ސަރުކާރުގެ ވެރިއަކު ޖަވާބުދާރީ ކުރުމަށް މަޖިލިހަށް ހާޒިރު ކުރެވޭނެ ހުރިހާ ދޮރުތަކެއް ބަންދު ކޮށްފައިވުމާއި، ރައްޔިތުން ހިތްދަތިވާ ކަންކަމުގައި ހުށަހެޅަން އުޅޭ ފެޓިޝަންތަކާއި ކުއްލި މައްސަލަތައް ނެރެ ބޭރުކުރާ މަންޒަރުތަކުން މިކަން އޮތް ގޮތް ރަނގަޅަށް ސާފުވެއެވެ. މި ވޯޓަކީ މި އުސޫލަކީވެސް ރައްޔިތުންނަށް ވަރިހަމަ އުސޫލެއް ކަމަށް އެއް ގޮތަކުން ނިމިގެންދާނެ ވޯޓެކެވެ. އެއީ ސަރުކާރު ކޮޅަށް ވޯޓު އެނބުރިއްޖެ ނަމައެވެ.

މިކަންކަމުގެ އިތުރުން، މިބޭއްވެނީ، ކައުންސިލް ތަކުގެ އިންތިޚާބުކަން ހަނދާނެއް ނުނެތެއެވެ. ލާމަރުކަޒީ ނިޒާމުން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ މަގްސަދުގައި އުފައްދާފައިވާ ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގެންފައިވާ މިންވަރު މިހާރު ކައުންސިލް މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކަށް އޮތްބާރުތައް މާލެއަށް އޮތީ އަނބުރާ ގެނެސްފައެވެ. އެންމެ ކުޑަމިނުން ރަށުގެ މިސްކިތްވެސް ބަލަހައްޓަނީ މާލޭންނެވެ. މަގުތަކާއި، ނަރުދަމާއެއް އޮތްނަމަ އެއާއި، ރަށުގެ ބިމާއި ވަސީލަތްތަކާއި ވަޒީފާތައްވެސް ކޮންޓްރޯލް ކުރަނީ މާލޭންނެވެ. މިފަހަރުގެ އިންތިޚާބު ސަރުކާރު ކޮޅަށް އެނބުރުމުން މިއީވެސް ހަމަ ރަނގަޅު ގޮތްތައް ކަމަށްވެ ނިމުނީއެވެ.

މިފަދަ އެތައް ކަމެއް މިހެން ހުރި ނަމަވެސް، ވޯޓު ދޭނެ ގޮތެއް އެނގޭނީ ރައްޔިތުންނަށެވެ. އެއީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގަކަށްވާތީއެވެ. ވޯޓަކީ އޭރަކު އޮންނަ ސަރުކާރަކުން ކަންކަން ކުރަމުންދާ ގޮތައް ރައްޔިތުން ގްރޭޑް ދިނުމަށް ލިބޭ ހަމައެކަނި ފުރުސަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
5 މެއި 2017 | ހުކުރު 20:08
Heyo bas
Konme meehaku liunas miee kan oiy gotheve