ކ. މާލެ
|
31 މާރޗް 2021 | ބުދަ 01:15
ފްރާންސްގެ ސިޓީއެއްގެ މަގުމަތީގައި މީހުން ހަރަކާތްތެރިވަމުން ދަނިކޮށް
ފްރާންސްގެ ސިޓީއެއްގެ މަގުމަތީގައި މީހުން ހަރަކާތްތެރިވަމުން ދަނިކޮށް
ރޮއިޓަރސް
ކޮވިޑް-19، ފްރާންސްގެ ހާލަތު
ފްރާންސްގައި ކޮވިޑްގެ ހާލަތު ގޯސްވެ 5000ށް ވުރެ ގިނަ މީހުން އައިސީޔޫގައި!
 
އަންގާރަ ދުވަހު އެކަނިވެސް ފްރާންސްއިން 30،000ށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައި
 
ފްރާންސްއަށް ކޮވިޑްގެ ތިންވަނަ ރާޅެއް ވަނީ ބިންދާލައިފައި - ސިއްހަތާއި ބެހޭ ވުޒާރާ

ފްރާންސްގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ 5000ށް ވުރެ ގިނަ މީހުނަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ފްރާންސްގެ ސިއްހަތާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އެގައުމުގެ ހޮސްޕިޓަލުތަކުގެ އައިސީޔޫގައި އެޑްމިޓްކޮށްގެން 5،072 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މިއީ މިއަހަރުގެ ތެރޭގައި ކޮވިޑް ޖެހިގެން އައިސީޔޫގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު މިހާ ގިނަވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން 5000ށް ވުރެ ގިނަ މީހުން އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ރިޕޯޓްކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އެ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު 7،148 މީހަކަށް އައިސީޔޫގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާދީފައެވެ.

އޭގެ ފަހުން އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ދަށްވެފައިވާއިރު، ކޮވިޑްގެ ދެވަނަ ރާޅާއިއެކު ވެސް އެގައުމުން އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދިން މީހުންގެ އަދަދު 4000 ގައި ވަނީ ހިފެހެއްޓިފައެވެ.

ފްރާންސްގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ އެގައުމަށް ކޮވިޑްގެ ތިންވަނަ ރާޅެއް ބިންދާލައިފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެކަމަކު މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ނުވިސްނާ ކަމަށެވެ. އަދި ވެކްސިނޭޝަން ޕްރޮގްރާމް އިތުރަށް ކުރިޔަށް އޮތް ދުވަސްތަކުގައި ފުޅާ ކުރާނެ ކަމަށް ފްރާންސްގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެއެވެ.

އަންގާރަ ދުވަހު އެކަނިވެސް އެގައުމުން 30،602 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއިއެކު އެގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4,585,385 (ހަތަރު މިލިއަން ފަސްލައްކަ އަށްޑިހަ ފަސްހާސް ތިންސަތޭކަ އަށްޑިހަ ފަހެއް) އަރައިފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް