ކ. މާލެ
|
30 މާރޗް 2021 | އަންގާރަ 23:59
ޓީސީ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސަސް މޮޅުވީ 1-0 ން
ޓީސީ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސަސް މޮޅުވީ 1-0 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ޓީސީ ބަލިކޮށް ސަސް ހަވަނައަށް
 
ޓީސީ އަތުން ސަސް މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ތާވަލުގެ ހަވަނައަށް ސަސް ޖެހިލީ 11 ޕޮއިންޓާއެކު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، ތާވަލުގެ ހަވަނައަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ޖެހިލައިފިއެވެ.

ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން ސަސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޓީސީގެ ބިދޭސީ ފޯވާޑް މެލްކަމް ކަސިއަސް ސްޓެވާޓަށް ވަނީ ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭނާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ސަސްގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފެވެ. އަދި އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައި ސަސްގެ ފޯވާޑް އަޖުނާނީ މުޙައްމަދު ފޮނުވާލި ހަމަލާއެއް ޓީސީގެ ގޯލްކީޕަރު މަމަދޯފް އާޒާދު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، މެޗުގެ 53 ވަނަ މިނެޓު ޓީސީގެ ސްޓެވާޓް ވަނީ ސަސްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު މި ހަމަލާގެ ހުރަހަކަށްވެސްވީ ސަސްގެ ގޯލްކީޕަރެވެ. އޭގެ ފަހުން މެޗުގެ 71 ވަނަ މިނެޓުގައި ޓީސީގެ ކެޕްޓަން މުޙައްމަދު އައްޒާމް ފޮނުވާލި ހަމަލާ ގޯލު ކައިރިން ބޭރަށް ދިޔައިރު، އޭގެ ތިން މިނެޓު ފަހުން ސަސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އައްޒާމް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސަސްއިން ކާމިޔާބުކޮށްފައިވަނީ 76 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޙްމަދު އައިހަމެވެ. އަދި އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރަން ޓީސީއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އެ ޓީމުގެ އައްޒާމް އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ، ސަސްގެ އިތުބާރު ޑިފެންޑަރު އަޙްމަދު ޝާފިއު (ޝާފީ) ވަނީ ގޯލު ރޮނގު މަތިން ދިފާއުކޮށްފައެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ޓީސީން ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި ސަސްގެ އައިހަމަށް ޓީސީގެ އަލީ ޝާމިސް (ތޮއްޕެ) ކުރި ފައުލަކާ ގުޅިގެން، އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.

މި މެޗަށްފަހު ވާހަކަދައްކަމުން ސަސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، އެހެންނަމަވެސް ފުރަތަމަ ހާފުގައި ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިފުނުނަމަ، އެއަށްވުރެ ފަސޭހަ މޮޅެއް ލިބޭނެ ކަމަށެވެ. އެކަމަކު މި މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި، ކުޅުންތެރިންގެ ފަރާތުން މޮޅެއް ހޯދުމަށް ބޭނުންވެފައި ތިބި މިންވަރު މި މެޗުން ފެނިގެންދިޔަ ކަމަށްވެސް މޯހަން ބުންޏެވެ.

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ބޮޑު މެދުކެނޑުމަކަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ކުޅުންތެރިންގެ ފަރާތުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުގައި ޓީސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފުން ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ޓީސީ އަތުން ހޯދި މޮޅާއެކު ތާވަލުގެ ހަވަނައަށް ސަސް ޖެހިލީ ކުޅުނު 10 މެޗުން ލިބުނު 11 ޕޮއިންޓާއެކުގައެވެ. އަދި މެޗުން މި ބަލިވި ޓީސީ ތާވަލުގެ ހަތްވަނައަށް ވެއްޓުނުއިރު، އެ ޓީމަށް 10 މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް