ކ. މާލެ
|
30 މާރޗް 2021 | އަންގާރަ 19:02
މާޒިޔާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫވީ މޮޅުވީ 1-0 ން
މާޒިޔާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫވީ މޮޅުވީ 1-0 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ޔޫވީ އަތުން މާޒިޔާއަށް ހަނި މޮޅެއް
 
ޔޫވީ އަތުން މާޒިޔާ މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ 24 ޕޮއިންޓާއެކު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ހަތަރުވަނަ މިނެޓުގައި ޔޫވީގެ އިސްމާޢީލް އީސަ (މެސީ) ފޮނުވާލި ހިލޭ ޖެހުން މާޒިޔާގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ޔޫވީގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު) ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު، މެޗުގެ 22 ވަނަ މިނެޓުގައި މާޒިޔާގެ މުޙައްމަދު އުމެއިރަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފުގައި މާޒިޔާއިން ވަނީ ޔޫވީގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި އުމެއިރު ހުހަށްހުރެ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށްދިޔަ ނަމަވެސް، މެޗުގެ 74 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހައި، ލީޑު ނަގައިފައެވެ. ޔޫވީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަމްޕުއެވެ. އަދި އެ ލަނޑަށްފަހުވެސް ލީޑު ފުޅާކުރަން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ވަނީ ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މެޗު ދިޔަގޮތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި، ބޮޑު މެދުކެނޑުމަކަށްފަހު ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުން ރަނގަޅު ކަމަށެވެ.

ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ މި މެޗުން ބަލިވިކަމުގައި ވިޔަސް، ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، މި މެޗަކީ ކުޅުންތެރިންނަށް އިތުރު މޯޓިވޭޝަނަކަށް ވެގެންދާނެ ކަމަށެވެ. އަދި މި މެޗުގައި ހަމްޕު ޖެހި ލަނޑުން އެ ފެނުނީ ރަނގަޅު ފެންވަރުގެ ކުޅުންތެރިން ތިބުމުގެ ފައިދާ ކަމަށާއި، ލަނޑެއް ޖަހަން ބަލާއިރު ޔޫވީގެ ޗުމްޕުއަށްވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ކަމަށްވެސް ސާންތި ބުންޏެވެ.

ޔޫވީ އަތުން ހޯދި މޮޅާއެކު ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު 10 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް 10 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް 10 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. އަދި މާޒިޔާ އަތުން ބަލިވި ޔޫވީ އޮތީ ކުޅުނު 10 މެޗުން ލިބުނު 3 ޕޮއިންޓާއެކު، ތާވަލުގެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް