ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމުން ތ.ކަނޑޫދު ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލުކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ، ތ. ކަނޑޫދޫ ރަށު ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާފައިވާ އެރަށު އުސްގެ، ހަސަން މޫސާއަކީ ސާބިތު ދަރަންޏެއް އޮތް މީހެއް ކަމަށްވާތީ، އޭނާގެ ޝަރުތު ހަމަވުމާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލައެކެވެ.
ހަސަން މޫސާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަމަށްބުނެ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ދިން މައުލޫމާތަށް ބިނާކޮށް، އޭނާގެ ކެންޑިޑަސީ އީސީން ބާތިލުކުރީ، ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
އެކަމަކު ހަސަން މޫސާގެ ކެންޑިޑެސީ އީސީން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. އެގޮތަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައެޅީ، ކެންޑިޑޭޓެއް ކަމަށް ބަލައިގަތުމަށް އޮންނަ 48 ގަޑިއިރުގެ ތެރޭގައި އޭނާ އަކީ ކެންޑިޑޭޓެއްކަމަށް ބަލައިގަތުމަށްފަހު، އޭގެ ފަހުން ލިބުނު މައުލޫމާތަކަށް ބިނާކޮށް ކެންޑިޑެސީ ބާތިލްކުރުމުންނެވެ. 48 ގަޑިއިރު ފަހުން ކެންޑިޑެސީ ބާތިލްކުރެވޭނީ ސުޕްރީމް ކޯޓުގެ ހުކުމަކުން ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެއެވެ.
އެހެންކަމުން އީސީން ވަނީ މައްސަލައިގައި ގޮތެއް ނިންމުމަށް އަލުން ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ސުޕްރީމް ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމްގައި ވާގޮތުން، ހަސަން މޫސާގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ދުވަސްކަމުގައިވާ، 17 ފެބްރުއަރީ 2020 ވީ ދުވަހުގެ ނިޔަލަށް، ފ.ބިލެއްދޫ ކޯޓުން ހުކުމް ކޮށްފައިވާ ސާބިތު ދަރަނީގެ މައްސަލައެއްގައި، ދައްކަންޖެހި ނުދައްކާ 86،148.28 ހުއްޓެވެ.
އެހެންކަމުން، ހަސަން މޫސާއަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އިންތިޚާބުގެ ކެންޑިޑޭޓުކަމުގެ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް، ސުޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައިވެއެވެ.
ސުޕްރީމްކޯޓުގެ މި ޙުކުމާއެކު، އެ ގޮނޑިއަށް ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، ތ.ކަނޑޫދޫ، ރީހުއްސަބާ، އަޙްމަދު ރީހާން އިންތިޚާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މައްސަލަ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ދެން އިތުރަށް އެ ކައުންސިލުގެ ވޯޓު ކަރުދާސް ޗާޕު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް މީގެ ކުރިން ވިދާޅުވެފައިވެއެވެ.