ކ. މާލެ
|
30 މާރޗް 2021 | އަންގާރަ 15:42
ވީއޭއެމުގެ ރައީސްގެ މަޤާމަށް ވާދަކުރައްވާ މުޙައްމަދު ރަނޭޝް (ރަނޭ) އާއި އިލްޔާސް ވަހީދު (އިއްލަ)
ވީއޭއެމުގެ ރައީސްގެ މަޤާމަށް ވާދަކުރައްވާ މުޙައްމަދު ރަނޭޝް (ރަނޭ) އާއި އިލްޔާސް ވަހީދު (އިއްލަ)
ރާއްޖެއެމްވީ
ވީއޭއެމުގެ އިންތިޚާބު
ވީއޭއެމުގެ ރައީސްކަމަށް ރަނޭ އާއި އިއްލަ
ކުރިއަށް އޮތް ވީއޭއެމުގެ އިންތިޚާބު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު
ރައީސްކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ އަންގާރަ ދުވަހުގެ މެންދުރު 12:00 އަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސްގެ މަޤާމަށް މުޙައްމަދު ރަނޭޝް (ރަނޭ) އާއި އިލްޔާސް ވަހީދު (އިއްލަ) ކުރިމަތިލައްވައިފިއެވެ.

ވޮލީބޯޅައިގެ މައި ޖަމުޢިއްޔާ (އެފްއައިވީބީ) އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ އުފައްދާފައިވާ "އެޑްހޮކް ކޮމިޝަން" އިން ވީއޭއެމުގެ މައްސަލަ ނިންމައި، އައު އިންތިޚާބަކަށް ދިޔުމަށް ގައިޑްލައިނެއް އެކުލަވާލުމާއެކު، އަންނަ ބުރާސްފަތި ދުވަހު އިންތިޚާބު ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ. އެއާއެކު މިދިޔަ އާދީއްތަ ދުވަހު ވީއޭއެމުން ވަނީ ކުރިއަށް އޮތް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލާފައެވެ.

އެ މުއްދަތު އަންގާރަ ދުވަހުގެ މެންދުރު 12:00 އަށް ހަމަވިއިރު، ވީއޭއެމުގެ ރައީސްގެ މަޤާމަށް ކުރިމަތިލެއްވީ ދެ ބޭފުޅުން ކަމަށާއި، އެއީ މީގެ ކުރިންވެސް އެ މަޤާމަށް ކުރިމަތިލައްވާނެކަން އިޢުލާންކުރެއްވި ރަނޭ އާއި އިއްލަކަން "ރާއްޖެ.އެމްވީ" އަށް ވަނީ ކަށަވަރުވެފައެވެ.

ވީއޭއެމުގެ ރައީސްގެ މަޤާމަށް ރަނޭ ކުރިމަތިލެއްވިއިރު، އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ވީއޭއެމުގެ އިންތިޚާބުގައި ރައީސަކަށް އިންތިޚާބުވެވަޑައިގަތް މުޙައްމަދު ލަތީފުގެ ޓީމުގައި ރަނޭ ހިމެނުނެވެ. އެގޮތުން ރަނޭ އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ޚަޒާންދާރެއްގެ ގޮތުގައެވެ. އެކަމަކު ފަހުން ސީނިއާ ނައިބު ރައީސަކަށް ރަނޭ ހަމަޖެއްސި ނަމަވެސް، 2018 ވަނަ އަހަރު ރަނޭ ވަނީ އިސްތިއުފާދެއްވާފައެވެ.

މަޢުލޫމާތު ލިބޭ ގޮތުން އިންތިޚާބުގައި ވާދަކުރާ ރަނޭގެ ޓީމުގައި ކުރީގެ ކުޅުންތެރިޔާ އަދި ފަހުން ޤައުމީ ވޮލީބޯޅަ ޓީމުގެ މެނޭޖަރަކަށްވެސް މަސައްކަތްކުރި މުޙައްމަދު ރާމިޒް (ރާމްބެ) އާއި، ޤައުމީ ވޮލީބޯޅަ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ދާދި ފަހުންވެސް މަސައްކަތްކުރި އަޝްރަފު އަލީ (އަޝްރާ) އާއި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުޙައްމަދު ނަދީމް (ނަދީމްބެ) ހިމެނެއެވެ.

ދެން މި އިންތިޚާބުގައި ރައީސްގެ މަޤާމަށް ކުރިމަތިލެއްވި އިއްލަ ވަނީ މީގެ ކުރިން 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް ވީއޭއެމުގެ ނައިބު ރައީސްގެ މަގާމު އަދާކުރައްވާފައެވެ. އަދި މީގެ ކުރިން ނިއު ރޭޑިއަންޓާއި ވިޗެންޒާއަށްވެސް ކުޅެފައިވާ އިއްލަ އޭރު ހިމެނިފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލިބަރޯ ކުޅުންތެރިންގެ ތެރޭގައެވެ. އެގޮތުން ސްކޫލުތަކުގެ މެދުގައި ވޮލީބޯޅައިގެ ފޯރި ގަދަވެގެންދިޔައިރު، އީޕީއެސް ސްކޫލުން ވޮލީބޯޅައިގެ ތަށި މިލްކުރިކުރި ޓީމުގެ ލިބަރޯއަކީވެސް އިއްލައެވެ. މީގެ އިތުރުން އެންއެސްއޭ ވޮލީބޯޅަ ޕޫލުން ފެށިގެން ވޮލީބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އިއްލައަކީ ވޮލީބޯޅައިގެ ރެފުރީއެއްގެ އިތުރުން ވޮލީބޯޅަ ކޯޗެއްވެސް މެއެވެ.

ވީއޭއެމުގެ ރައީސްކަމަށް ރަނޭ އާއި އިއްލަ ވާދަކުރައްވާއިރު، މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމުތަކަކީ ރައީސާއި، ނައިބު ރައީސާއި، ޚަޒާންދާރާއި، ޓެކްނިކަލް އެންޑް ޑިވެލޮޕިމެންޓް ކޮމިޝަނުގެ ތިން މެންބަރުންނާއި، ރޫލްސް ކޮމިޝަނުގެ ތިން މެންބަރުންގެ އިތުރުން ބީޗްވޮލީ ކޮމިޝަނުގެ ހަ މެންބަރުންނެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ވީއޭއެމުގެ އިންތިޚާބު ބާއްވާއިރު، އިންތިޚާބުގެ ކަންތައްތައް ކުރިއަށްގެންދާނީ 2015 ވަނަ އަހަރުގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ކަމަށް ކުލަބުތަކުން ވަނީ ފާސްކޮށްފައެވެ. ވީއޭއެމުގެ އިންތިޚާބު ބާއްވަން އެފްއައިވީބީން ގައިޑްލައިނެއް އެކުލަވާލިއިރު، މި އިންތިޚާބުގައި ވޯޓުލެވޭނީ ނުވަ ކުލބަކަށް ކަމަށްވެސް އެ އިދާރާއިން ވަނީ ނިންމާފައެވެ. އެ ކުލަބުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބު، ޕޮލިސް ކުލަބު، އައްޑޫ ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ހޯކްސް، ގުޑީސް ސްޕޯޓްސް ކުލަބު، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޔޫތު ނިއު ޖަނަރޭޝަން އަދި ކުލަބު ހާފް ލައިން ލިންކޭޖެވެ.

- ކޮމެންޓް