އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުކުރުމުގެ ގާނޫނާ ޚިލާފުވެފައިވާ މީހުންނާއި، އެކި ސަބަބުތަކާ ގުޅިގެން ލައިސަންސް ނުނަގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ މީހުންނަށް ލުއި ހޯދައިދިނުމަށް އެދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށައަޅުއްވާފައިވާ، މައްސަލަ ގަވާއިދު ކޮމިޓީއަށް ފޮނުވައިފިއެވެ.
އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މި ކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 32 މެންބަރުންގެ އިއްތިފާގުން މި މައްސަލަ ވަނީ ކޮމިޓީއަށް ފޮނުވިފައެވެ.
މައްސަލަ ހުށައަޅުއްވަމުން މެންބަރު ހަސަން ލަތީފް ވިދާޅުވީ އުމުރުން 18 އަހަރު ފުރުމުގެ ކުރިން ސައިކަލް ދުއްވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ނުނެގިފައި އެތައް ޒުވާނުންނެއް އެބަތިބި ކަމަށެވެ. މީގެ އިތުރުން، ލައިސަންސް ލިބުނު ކަމުގައިވިޔަސް ޓްރެފިކް ވައިލޭޝަންތަކާއި ގުޅިގެން ކުރެވޭ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެ ޖޫރިމަނާ އިތުރުވުމުގެ ސަބަބުން ލައިސަންސް ނުނެގިފައިވާ އެތައް ބަޔަކު ވެސް އެބަތިބި ކަމަށެވެ.
މެންބަރު ވިދާޅުވީ 2019 އާއި 2020 ވަނަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، 2019 ވަނަ އަހަރު 2365 މީހުން، އަދި 2020 ވަނަ އަހަރު 2658 މީހުން ޖޫރިމަނާ ކުރެވިފައިވާ ކަމަށާއި މީގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ 330 ކުދީން އެބަތިބި ކަމަށެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން މިފަދަ ޖޫރިމަނާތަކާ ގުޅޭގޮތުން ލުއި ގެނެސްދޭނެ އިންތިޒާމެއް ތައާރަފް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އެގާނޫނުގެ 9 ވަނަ މާއްދާގެ (ޅ) ގައި ވަނީ، އެ ގާނޫނުގެ ދަށުން ޖޫރިމަނާކުރެވޭ ފަރާތްތަކުގެ ތެރެއިން، ޖޫރިމަނާގެ އަދަދު 10،000 (ދިހަހާސް ރުފިޔާ)ށް ވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީއަތަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާ ކަމަށް. އެމާއްދާގެ (ބ)ގައި ވަނީ، އެ މާއްދާގެ (ޅ) ގައި ބަޔާންކުރާ "މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށްކޯޓުން ނެރޭ އަމުރު ތަންފީޒުކުރުމާ ގުޅޭ ގަވާއިދު"، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ވާނެކަމަށްހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
މެންބަރު ވިދާޅުވީ "މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ކޯޓުން ނެރޭ އަމުރު ތަންފީޒުކުރުމާ ގުޅޭ ގަވާއިދު"ގައި ކޮމިއުނިޓީ ސަރވިސްގައި ބައިވެރިވެވޭނެ ހާލަތްތަކާއި އެކަމުގައި އަމަލުކުރާނެ އުސޫލުތަކާއި، ކޮމިއުނިޓީ ސަރވިސްގެ ގޮތުގައި ކުރެވިދާނެ މަސައްކަތްތަކާއި، އެމަސައްކަތް ކުރެވިދާނެ ތަންތަން ކަނޑައަޅައި އެކަން ހިމަނަން ވާނެ ކަމަށެވެ. އަދި އެ މަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާ އަދާކުރުމުގެ ގޮތުން ފައިސާ އުނިކުރެވޭނޭ އުސޫލު ބަޔާންކުރުމާއި، ކޮމިއުނިޓީ ސަރވިސްގެ މަސައްކަތަށް ނުކުތުން ޝަރުތު ކުރެވުމާއެކު ލައިސަންސް ނެގުމަށް ހުރަހެއް ނޯންނާނެކަން ބަޔާންކުރަން ފެންނަ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ދައްކަންޖެހި ނުދައްކާވާ ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އުސޫލު ބަޔާން ކުރުމާއި، ޖޫރިމަނާ އެކުގައި މައާފުކުރެ ވޭނޭ ހާލަތްތައް ބަޔާން ކުރުމަކީ ވެސް މުހިއްމު ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ.