ކ. މާލެ
|
29 މާރޗް 2021 | ހޯމަ 19:09
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ދިވެހި ފުލުހުންގެ ޚިދުމަތަށް 88 އަހަރު ފުރުން
ފުލުހުންގެ ޚިދުމަތަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ އައު ޤާނޫނު: ރައީސް
 
އާ ޤާނޫނުގެ ސަބަބުން ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރުމަށް މަގުފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވި
 
ފުލުހުންގެ ވެލްފެއާގެ ކަންތައްތައް މިހާރަށްވުރެ ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވި
 
ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފުލުހުންގެ އިސްވެރިންނާއި އެންމެހާ ފުލުހުންނާ އަދި ފުލުހުންގެ އާއިލާތަކަށް ރައީސް ފޮނުއްވި

މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ބަދަލުވުމަށްފަހު އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް ދާދިފަހުން ގެނެވުނު ބަދަލުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 88 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. އަލަށް އަމަލުކުރަން ފެށުނު ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ މައްޗަށް އަލިއަޅުވާލައްވައި، ރައީސް ވިދާޅުވީ އެ ޤާނޫނުގެ ސަބަބުން ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

އަދި އައު ޤާނޫނުގެ ބޭނުމަކީ ވެސް މިނިވަން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި، ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، ފުލުހުންނަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަމާއި، ޤާނޫނީ ބާރާއި، ޤާނޫނީ ހައިސިއްޔަތު، ފުލުހުންގެ މުއައްސަސާއަށާއި މުވައްޒަފުންނަށް ލިބިދިނުންކަމުގައި ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޤާނޫނަށް ގެނެވުނު ބަދަލާއެކު ފުލުހުންގެ ޚިދުމަތް އިތުރަށް ލާމަރުކަޒުވެ، ކޮމިޔުނިޓީ ޕޮލިސިންގެ އުސޫލުން، އަދި ރައްޔިތުންނާ ގާތުން ދެވޭ ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ބަދަލުވެގެންދާނެކަމަށާއި، އަދި ހަމައެއާއެކު ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރުވެގެންދިއުމަށް މަގުފަހިވެގެންދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބުގައި ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފުލުހުންގެ އިސްވެރިންނާއި އެންމެހާ ފުލުހުންނާ އަދި ފުލުހުންގެ އާއިލާތަކަށް ފޮނުއްވިއެވެ. ހަމަ އެހެންމެ ގައުމާއި ރައްޔިތުންގެ ޚިދުމަތުގައި ދިވެހި ފުލުހުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވައި އެންމެހާ ފުލުހުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ ޚިދުމަތަށް ނުކުންނަ ފަރާތްތަކަކީ ތަޢުލީމީ ގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން ޤާބިލު ބަޔަކަށް ހެދުމަށާއި ފުލުހުންގެ ވެލްފެއާގެ ކަންތައްތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ސަރުކާރުން އިތުރަށް މަސައްކަތް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް