ޅ.އަތޮޅުން ފެނުނު ކޮވިޑް-19ގެ ކްލަސްޓަރާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނުވުނު ކުޅުދުއްފުށި ސިޓީ އާއްމު ހާލަތަށް ގެނެސްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. އެހެންކަމުން މިމަހުގެ 28 ވީ އާދިއްތަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކުޅުދުއްފުށި ސިޓީ މިމަހުގެ 24 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނެވުނީ ޅ. އަތޮޅުން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާތީއެވެ. އަދި އެ ކޭހާ ގުޅިގެން އެރަށް މޮނިޓަރިންއަށް ލައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކޮށްފައިވާއިރު އިތުރު ކޭހެއް ފެނިފައިނުވެއެވެ.
ޅ. އަތޮޅުން އެންމެ ފުރަތަމަ ކޭސް ފެނުނީ ޅ. ނައިފަރުން މިމަހުގެ 23ވީ އަންގާރަ ދުވަހުއެވެ. އެއީ ރ. އުނގޫފާރުން އެރަށަށް ދިޔަ ނަރުހެކެވެ. އެ ރަށުން މިހާރު ޖުމްލަ ތިން މީހުން ޕޮޒިޓިވް ވެފައިވާއިރު އެ ކްލަސްޓަރާ ގުޅޭ ކޭހެއް ވަނީ ޅ. އަތޮޅު ހިންނަވަރުން ވެސް ފެނިފައެވެ. އޭގެ ތެރޭގައި ފެލިވަރުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ހިމެނޭތީ އެރަށުގެ ހާލަތު ވެސް މިހާރު އަންނަނީ ބަލަމުންނެވެ.