ކ. މާލެ
|
26 މާރޗް 2021 | ހުކުރު 18:41
ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ
ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ
ޓްވިޓަރ
އަސްކަރިއްޔާގައި މިންތީގެ ހަމަހަމަކަން
ދިވެހި އަސްކަރިއްޔާގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ގިނަ މަސައްކަތްތަކެއް
 
ދިވެހި ޤައުމީ ދިފާޢީ ބާރުގައި އަންހެން ސިފައިން ޙަރަކާތްތެރިވާން ފެށިތާ 32 އަހަރު ވެގެންގޮސްފި
 
އަސްކަރިއްޔާގެ ތެރެއިން އަންހެނުންގެ ހުނަރު ތަރައްޤީކުރުމަށާއި ލީޑަރޝިޕް ދެއްކުމަށް ހަރުދަނާ ފުރުޞަތު ދޭންޖެހޭ
 
އަސްކަރިއްޔާގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭ

އދ އިން ބޭއްވި ޕެނަލް ޑިސްކަޝަނަކަށް ފޮނުއްވި ވީޑިޔޯ މެސެޖެއްގައި ރާއްޖޭގެ އަސްކަރިއްޔާގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތާ ބެހޭ މަޢުލޫމާތު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ބައިނަލްއަޤްވާމީ ޖަމާޢަތާ ޙިއްސާކުރައްވައިފިއެވެ.

މިނިސްޓަރ މާރިޔާ މިމަޢުލޫމާތު ޙިއްސާކުރެއްވީ، އދ ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 65 ވަނަ ސެޝަންގެ ހަވާސާގައި، ލެޓްވިއާއިން އިންތިޒާމްކޮށްގެން، ރާއްޖެއިން ކޯހޯސްޓްކުރާ ގޮތަށް ބޭއްވި "ރޯލް އޮފް ވިމެން ލީޑަރސް އިން ދަ މިލިޓަރީ އެންޑް ޕީސްކީޕިންގ" ޕެނަލް ޑިސްކަޝަނަށް، ފޮނުއްވި ވީޑިޔޯ މެސެޖު މެދުވެރިކޮށެވެ. މިޕެނަލް ޑިސްކަޝަންގައި ކެނެޑާ، ލައިބީރިޔާ، ނޯވޭ އަދި ލެޓްވިޔާއަށް ނިސްބަތްވާ އަންހެން ބްރިގޭޑިއަރ ޖެނެރަލުންނާއި ކާނަލުންވަނީ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ، އަސްކަރިއްޔާގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހިފައިވާ ކަމަށާއި، މިކަން ކުރެވޭނީ ލާމަސީލު އަންހެން ލީޑަރުން ބިނާކޮށް، އަސްކަރިއްޔާގެ ތެރެއިން އަންހެނުންގެ ހުނަރު ތަރައްޤީކުރުމަށާއި ލީޑަރޝިޕް ދެއްކުމަށް ހަރުދަނާ ފުރުޞަތުތަކެއް ދީގެން ކަމަށް ބޭރުގެ މާހިރުން ކޮށްފައިވާ ދިރާސާތަކުންވެސް ދައްކާ ކަމަށެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ޤައުމީ ސަލާމަތަށް ހުރި ޒަމާނީ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި ދެޖިންސުގެ ރައްޔިތުން ޝާމިލްވާހެން އެއް ބާރެއް ލައިގެން މަސައްކަތްކުރަންޖެހޭ ކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށެވެ.

128 އަހަރުގެ ދިގު ތާރީޚެއް އޮތް ދިވެހި ޤައުމީ ދިފާޢީ ބާރުގައި އަންހެން ސިފައިން ޙަރަކާތްތެރިވާން ފެށިތާ 32 އަހަރުވެގެންގޮސްފައިވާއިރު، އަންހެން ސިފައިންގެ ދައުރު ފުޅާކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި، ރެކޯޑު ޢަދަދަކަށް އަންހެން ސިފައިން ރެކްރޫޓްކޮށްފައިވާ ކަމަށާއި، މިއަހަރުގެ ޖަނަވަރީމަހު އެކަނިވެސް، ރެކޯޑު ޢަދަދަކަށް އަންހެން ސިފައިން ޕްރޮމޯޝަން ޙާސިލްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ދިވެހި އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމް ޙާސިލްކުރެއްވި އަންހެން އޮފިސަރުންގެ ތެރެއިން 2 އޮފިސަރުން، އެމް.އެން.ޑީ.އެފްގެ ލަފާދޭ މަޖިލީހަށް އައްޔަންކުރެއްވުމަށްޓަކައި، އުޞޫލަށް ބަދަލު ގެންނަވާފައިވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިއަދު، އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައި އަންހެން ސިފައިން ތަމްޞީލުވާނެކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

އަންހެން ސިފައިންގެ ހުނަރު ތަރައްޤީކުރަން އިތުރު ފުރުޞަތުތައް ހޯއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވަނީ، ދުނިޔޭގައި އަސްކަރީ ތަމްރީނުދޭ އެންމެ ދުވަސްވީ އަދި އެންމެ ޤަދަރުވެރި އެއް މަރުކަޒު ކަމަށްވާ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓަށް، މީގެ ކުރިން، ހަމައެކަނި ފިރިހެން ކެޑޭޓުން ފޮނުވުމުގެ ޒަމާންވީ ސަޤާފަތް އުވާލައި، ފުރަތަމަ ފަހަރަށް، ކޮމިޝަނިންގ ކޯހަކަށް ފޮނުވި ދިވެހި އަންހެން އޮފިސަރ ކެޑޭޓު، ފިރުޝާނާ ތައުފީޤު، "ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑަންޓް އެވޯޑް"ގެ މަތިވެރި ޝަރަފު ޙާސިލްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

އަސްކަރިއްޔާގެ ބޭރުން، މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކަށްވެސް މިނިސްޓަރ މާރިޔާ ބައްލަވާލެއްވިއެވެ. މިގޮތުން، ލޯކަލް ކައުންސިލް އިންތިޚާބުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްޞަކުރެއްވުމާއި، ސުޕްރީމް ކޯޓުގެ ބެންޗަށް އަންހެން 2 ފަނޑިޔާރުން އައްޔަންކުރެއްވުމާއި، މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމް ހިމެނޭހެން ގިނަ ޢަދަދެއްގެ އަންހެން ވަޒީރުން އައްޔަންކުރެއްވުން ފަދަ ކުރިއެރުންތައް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް