ކ. މާލެ
|
26 މާރޗް 2021 | ހުކުރު 18:46
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ދައުލަތަށް ލިބުނު އާމްދަނީ
އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ
 
މަރޗް 18ގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 3,731.1 މިލިއަން ރުފިޔާ
 
މިއަހަރުގެ މިހާތަނަށް ސަރުކާރުން 4,928 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ
 
ޕީއެސްއައިޕީ މަޝްރޫއުތަކަށް ސަރުކާރުން ވަނީ 533.3 މިލިއަން ރުފިޔާ ހަރަދުކޮށްފައި

މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް ދައްކާގޮތުން 2021 ވަނަ އަހަރުގެ މަރޗް 18ގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 3,731.1 މިލިއަން ރުފިޔާއެވެ. އެއީ ޓެކުހުގެ ގޮތުގައި ލިބުނު 3,155.6 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބުނު 321.3 މިލިއަން ރުފިޔާއެވެ.

ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި 5,064 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ޓެކުހުގެ ގޮތުގައި ލިބުނު 4,123.8 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބުނު 912.6 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރުގެ މިމުއްދަތުގައި ކެޕިޓަލް ރިސީޕްޓްގެ ގޮތުގައި 4.1 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ރިސީޕްޓްގެ ގޮތުގައި ލިބިފައި ވަނީ 1.8 މިލިއަން ރުފިޔާއެވެ. އަދި މިއަހަރު ގްރާންޓްސްގެ ގޮތުގައި 9.2 މިލިއަން ރުފިޔާ ލިބުނު އިރު، ފާއިތުވި އަހަރު ގްރާންޓްސްގެ ގޮތުގައި 31.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއަހަރުގެ މިހާތަނަށް ސަރުކާރުން 4,928 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެއީ ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި ހަރަދުކުރި 3,640.2 މިލިއަން ރުފިޔާ އާއި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި ހަރަދުކުރި 1,287.8 މިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރުން ވަނީ ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 4,198.8 މިލިއަން ރުފިޔާ އާއި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 1,652 މިލިއަން ރުފިޔާ ހަރަދުކޮށް، ޖުމްލަ 5,850.8 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ލޯނު ރިޕޭމެންޓްގެ ގޮތުުގައި މިއަހަރުގެ މިހާތަނަށް 223.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 62.2 މިލިއަން ރުފިޔާ ވަނީ ޓްރާންސްފަރ ކޮށްފައެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 533.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
100%
0%
0%
0%
0%
ކޮމެންޓް