ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ ޤަވައިދަށް އަމަލުކުރަން ފަށައިފިއެވެ.
މާރޗް 25 ގައި ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވާ ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ ޤަވައިދަކީ، ދިވެހި ރައްޔިތުކަން ދޫކޮށްލުމާ ބެހޭގޮތުން ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތު އާންމުކޮށް ފަސޭހައިން ބެލޭނޭ ގޮތް ޤާއިމްކުރުމާއި، ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް ޢަމަލުކުރާނޭ ނިޒާމެއް ކަނޑައެޅުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ޤަވައިދެެކެވެ.
ދިވެހި ރައްޔިތުކަން ދުކޮށްލުމަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެތެރޭގައި، އުމުރުން 18 (އަށާރަ) އަހަރު ވެފައިވުން؛ ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ އެނގޭ މީހެއް ކަމުގައިވުން؛ އެހެން ޤައުމެއްގެ ރައްޔިތުކަން ލިބިފައިވުން، ނުވަތަ އެހެން ޤައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ފަރާތަކަށް ވުން ހިމެނެއެވެ.
18 އަހަރުން ދަށުގެ ދަރިއެއްގެ، ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދެވޭނީ، ކުއްޖާގެ މަންމައާއި ބައްޕައާ ދެމީހުންނަކީ ދިވެހި ރައްޔިތުން ކަމުގައި ވެފައި، މި ގަވާއިދުގެ ދަށުން ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދެނީ އޭގެ ތެރެއިން އެކަކު ކަމުގައިވާ ހާލަތުގައި، ކުއްޖާގެ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އަނެއް ބެލެނިވެރިޔާގެ ރުހުން ލިބިފައިވުން؛ ކުއްޖާއަށް އެހެން ޤައުމެއްގެ ރައްޔިތުކަން ލިބިފައިވުން، ނުވަތަ އެހެން ޤައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވުމާއެކު ދިވެހި ރައްޔިތުކަން ދޫކޮށްލުމާމެދު އެ ކުއްޖާގެ ރުހުން ލިބިފައި އޮންނާންވާނެއެވެ.
ދިވެހި ރައްޔިތކަން ދޫކޮށްލުމަށް ހުށަހަޅަންޖެހޭ ފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ, ދިވެހި ޕާސްޕޯޓުގެ ކޮޕީ, އޭނާގެ މިލްކުވެރިކަމުގައި ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ އެއްވެސް ބިމެއް އޮތް ނަމަ، އެ ބިމަކާ ގުޅޭ މަޢުލޫމާތާއި، އެ ބިން ދޫކޮށްލުމަށް އެދޭ ގޮތާއި، ބިން އެ ފަރާތަކަށް ބަދަލުކުރުމަށް ގަސްތުކުރާ ފަރާތުގެ މަޢުލޫމާތު, ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދޭ ފަރާތުގެ ކުށުގެ ރެކޯޑު, އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ, ނަން ބަދަލުކޮށްފައިވާ ފަރާތްތަކުން، ނަން ބަދަލުކުރިކަން އަންގައިދޭ ލިޔުމާއި، އެއްފަހަރަށް ވުރެ ގިނަ ފަހަރު ބަދަލުކޮށްފައިވާނަމަ ބަދަލުކޮށްފައިވާކަން އަންގައިދޭ ލިޔުންތައް, އެހެން ޤައުމެއްގެ ރައްޔިތުކަން ލިބިފައިވާނަމަ ނުވަތަ އެހެން ޤައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމުގެ ލިޔުން, ބިން ދޫކޮށްލުމުގެ އިޤުރާރު, ކައިވެނިކޮށްގެން އުޅޭ މީހެއްނަމަ، ކައިވެނީގެ ސެޓުފިކެޓުގެ ކޮޕީ, ކައިވެންޏެއް ކޮށްގެން އުޅޭ މީހެއް ނޫންނަމަ، ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ، ކައިވެނިކޮށްގެން އުޅޭ މީހެއް ނޫންކަން އަންގައިދޭ ލިޔުން ހުށަހަޅަން ޖެހެއެވެ.
12 އަހަރާއި 18 އަހަރާ ދެމެދުގެ ކުއްޖެއް ނަމަ މި ތަކެއްޗާއެކު އެކުއްޖާ ދިވެހި ރައްޔިތުކަން ދޫކޮށްލުމާމެދު ކުއްޖާގެ ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ.
އެއަށްފަހު ދިވެހި ރައްޔިތުކަން ދޫކޮށްލާ ފަރާތަކީ ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ އެނގޭ މީހެއްކަން ކަށަވަރު ކުރުމަށްޓަކައި މިނިސްޓްރީން އިންޓަރވިޔުއެއް ކުރާނެއެވެ.
ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމެއް ބަލައިނުގަނެވޭ ހާލަތްތަކުގެ ތެރޭގައި، ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް ބޭނުންވާ ފަރާތް ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުމާއި، ދިވެހިރާއްޖެ ހަނގުރާމައިގެ ހާލަތެއްގައި ވުމާއި، ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައި ވުމާއި، ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް ބޭނުންވާ ތަކެތި ފުރިހަމައަށް ހުށަހަޅާފައި ނެތުން ހިމެނެއެވެ.
ދިވެހި ރައްޔިތުކަން ދޫކޮށްލާ ލިޔުން ދޫކުރި ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި އެހެން ޤައުމެއްގެ ރައްޔިތުކަން ނުލިބިއްޖެނަމަ، އެ ލިޔުން ބާޠިލުވާނެއެވެ. އަދި އޭނާއަކީ ދިވެހި ރައްޔިތުކަން ގެއްލިފައިވާ މީހެއް ކަމުގައެއް ނުބެލެވޭނެއެވެ.
ދިވެހި ރައްޔިތުކަން ދޫކޮށްލާ ފަރާތަކީ އޭނާ ދިވެހި ރައްޔިތުކަން ދޫކޮށްލާއިރު، އެހެން ޤައުމެއްގެ ރައްޔިތުކަން ލިބިފައިވާ ފަރާތެއް ކަމުގައި ނުވާނަމަ، އޭނާއަށް އެހެން ޤައުމެއްގެ ރައްޔިތުކަން ލިބުނުހައި އަވަހަކަށް މިނިސްޓްރީއަށް އަންގާންވާނެއެވެ. އަދި 6 މަސް ވާއިރު އެކަން މިނިސްޓްރީއަށް އަންގައިފައި ނުވާނަމަ، އެ ފަރާތަކީ އެހެން ޤައުމެއްގެ ރައްޔިތުކަން ލިބިފައިނުވާ މީހެއް ކަމަށް ބަލައި، އެ ފަރާތަކީ ދިވެހި ރައްޔިތެއް ކަމުގައި ބެލެވޭނެ ކަމަށްވެސް މި ޤަވައިދުގައިވެއެވެ.
ދިވެހި ރައްޔިތުކަން ދޫކޮށްލައިފިނަމަ، ދިވެހި ރައްޔިތަކަށް ވީތީ ލިބިދޭ އެންމެހައި ޙައްޤުތަކާއި އިމްތިޔާޒުތަކާއި ޢިނާޔަތްތަކެއް އެ މީހަކަށް ގެއްލިގެންދާނެއެވެ.
މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތަކުން ދިވެހި ރައްޔިތުކަން ދޫކޮށްލި ކަމުގައި ވިޔަސް، ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ކުރިން އޭނާ އުފުލަންޖެހިފައިވާ މަދަނީ އިލްތިޒާމުތަކާއި ޖިނާއީ އިލްތިޒާމުތައް އަދާކުރުމަކުން އޭނާ ބަރީޢައެއް ނުވާނެއެވެ.