އޭޕްރިލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެލްކޭޖީއިން މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔެވުން ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމާ އިއުލާން މިކުރީ ގްރޭޑް 6ން ދަށުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ފަހުއެވެ. މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ބަދަލުކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެންނެވެ. އެހެން ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއިއެކު މިނިސްޓްރީން މިވަނީ ސްކޫލަތައް ހާޒިރުކޮށް ކުދިންނަށް ކިޔަވައިދިނުމަށް ނިންމާފައެވެ.
ކޮވިޑް-19ގެ ސަބަބުން ދިރާސީ އަހަރަށް ބަދަލުތަކެއް ގެނެސް ދެވަނަ ޓަރމުގެ ކިޔެވުން ފެށުމަށްޓަކައި ނިއު ނޯމަލްގައި، ސަލާމަތާއި ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކަކާއިއެކު ސްކޫލުތައް އަލުން ހުޅުވިގެން ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ބޭބީ ނާސަރީއާއި ގްރޭޑް 12 އާ ދެމެދުގެ ހުރިހާ ގްރޭޑެއްގެ ކުދިންވެސް ސްކޫލަށް ހާޒިރުވެގެން މުޅި ރާއްޖޭގައި ކިޔަވައިދޭން ފެށިތާ މާގިނަ ދުވަސްތަކެއްނުވެ ރާއްޖޭގައި ވަކިން ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މިދިޔަ އަހަރު މެދުކަނޑާލުމަށް ފަހު ޖުލައި 1 ގައި ވަނީ މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 ން 12 އަށް ކިޔަވައިދީފައެވެ. އަދި މިދިޔަ އަހަރު ބޮޑުބައި މާލޭ ސްކޫލްތަކުގައި ކިޔެވުން ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ވަކިން ޚާއްސަކޮށް ދަށް ގްރޭޑްތަކުގެ ކުދިންނަށް ކިޔަވައިދީފައިވަނީ އޮންލައިންކޮށެވެ. ސްކޫލަށް ގެނެސްގެން ކިޔަވައިދިނީ ގްރޭޑް 9ން މަތީ ގްރޭޑްތަކުގެ ކުދިންނަށެވެ.