ކ. މާލެ
|
25 މާރޗް 2021 | ބުރާސްފަތި 17:23
ހދ. ނެއްލައިދޫ ބަނދަރު މަސައްކަތް
ހދ. ނެއްލައިދޫ ބަނދަރު މަސައްކަތް
އެމްޓީސީސީ
ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ހަރަދު
ޕީއެސްއައިޕީ މަޝްރޫއުތަކަށް 533.3 މިލިއަން ރުފިޔާ ޚަރަދުކޮށްފި
މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8,441.5 މިލިއަން ރުފިޔާ ވަނީ އެޕްރޫވްކޮށްފައި
މަރޗް 18ގެ ނިޔަލަށް ސަރުކާރުން ވަނީ 4,928 މިލިއަން ރުފިޔާ ޚަރަދުކޮށްފައި
ފާއިތުވި އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ސަރުކާރުން ޚަރަދުކޮށްފައި ވަނީ 1,237.2 މިލިއަން ރުފިޔާ

މިއަހަރުގެ މަރޗް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް ސަރވިސް އިންވެސްޓްމެންޓް ޕްރޮގްރާމަށް 533.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8,441.5 މިލިއަން ރުފިޔާ އެޕްރޫވްކޮށްފައިވާއިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ސަރުކާރުން ޚަރަދުކޮށްފައި ވަނީ 1,237.2 މިލިއަން ރުފިޔާއެވެ.

ޚަރަދުތައް ކޮށްފައިވާ ދާއިރާތަކަށް ބަލާއިރު ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް ސަރުކާރުންވަނީ 25 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ބަނދަރުގެ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 125.1 މިލިއަން ރުފިޔާއެވެ. އަދި އެއަރޕޯޓްގެ އެކި މަޝްރޫއުތަކަށް އަހަރުގެ މިހާތަނަށް 18.6 ޚަރަދު ކޮށްފައިވާއިރު، ބްރިޖުގެ މަޝްރޫއުތަކަށް ސަރުކާރުންވަނީ 22.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

މީގެ އިތުރުން ތައުލީމީ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 8.1 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް 14.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފެނާއި ނަރުދަމާގެ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 28.7 މިލިއަން ރުފިޔާއެވެ. ސިއްހީ އަދި އިޖުތިމާއީ އެކި މަޝްރޫއުތަކަށް 1.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ނެޝަނަލް ސެކިއުރިޓީ އެންޑް ޕަބްލިކް އޯޑަރުގެ އެކި މަޝްރޫއުތަކަށް ޚަރަދުކޮށްފައިވަނީ 3.5 މިލިއަން ރުފިޔާއެވެ.

އޮފީސް އިމާރާތްތަކަށާއި ކައުންސިލްތަކަށް 1.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިމާރާތްކުރުމުގެ އެކި މަޝްރޫއުތަކަށް 36.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އޭގެ އިތުރުން ބިން ހިއްކުމާއި މަގު ހެދުމަށް ޕީއެސްއައިޕީ ބަޖެޓުން 69.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މަސްވެރިކަމާއި ދަނޑުވެރިކަަމުގެ އެކި މަޝްރޫއުތަކަށް 1.7 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މަރޗް 18ގެ ނިޔަލަށް ސަރުކާރުން ވަނީ 4,928 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެގޮތުން ރިކަރަންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 3,640.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 1,287.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ދައުލަތުގެ ލޯނުތައް ދެއްކުމަށް 223.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 62.2 މިލިއަން ރުފިޔާ ވަނީ ޓްރާންސްފަރ ކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 3,731.1 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ޓެކުހުގެ ގޮތުގައި ލިބުނު 3,155.6 މިލިއަން ރުފިޔާއާއި ނަން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު 565.2 މިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް ރިސީޕްޓްސްގެ ގޮތުގައި ލިބުނު 1.8 މިލިއަން ރުފިޔާ އަދި ގްރާންޓްސްގެ ގޮތުގައި ލިބުނު 9.2 މިލިއަން ރުފިޔާއެވެ.

- ކޮމެންޓް