މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިގެން ތައްޔާރުކުރަމުން އަންނަ ހަކަތަ ސަމަކާރަ ބިލްޑިންގ ގައިޑްލައިނުގެ ޓްރެއިނިންގ އަންގާރަ ދުވަހު ފަށައިފިއެވެ.
އޮންލައިންކޮށް ފެށި، 3 ދުވަހުގެ މިޓްރޭނިންގ އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގައި އުފައްދާ ހަކަތައިގެ ބޮޑު ބައެއް އިމާރާތްތަކުގައި ބޭނުންކުރާކަމާއި، އިމާރާތެއް ހަކަތަ ސަމަކާރަ ކުރަން ބޭނުންނަމަ އެ އިމާރާތުގެ ބިންގަލާއެކު އެކަމުގެ އަމަލީ މަސައްކަތް ފެށެންޖެހޭކަން ފާހަގަ ކުރެއްވިއެވެ. އަދި މިގައިޑްލައިން އަދި އޮތީ ޑްރާފްޓެއްގެ ގޮތުގައި ކަމާއި، މިގައިޑްލައިން ޑްރާފްޓެއް ގޮތަށް އޮވެ ޓްރޭނިންގ ހިންގުމުގެ ބޭނުމަކީ ޓްރޭނިންގ ތެރޭގައި ހަދާ އެކްސަސައިޒް ތަކާއެކު ތިޔަބޭފުޅުންގެ ހުރި ޚިޔާލުވެސް ހިމަނައިގެން ގައިޑްލައިން ފުރިހަމަ ކުރުމުގެ މަޤުސަދުގައި ކަން ފާހަގަ ކުރެއްވިއެވެ.
މިޓްރެއިނިންގައި ރާއްޖޭގައި ޕްރެކްޓިސް ކުރާ 93 ޕްރޮފެޝަނަލުން ބައިވެރި ވެފައިވެއެވެ.
އިމާރާތުގެ ހަކަތަ ސަމަކާރަ ގައިޑްލައިނެއް ތައްޔާރުކުރުމުގެ މަޤްސަދަކީ އިމާރާތްކުރުމުގެ ދާއިރާ ކުރިއަރައިގެންދާ ދިއުމުގައި، ބިނާކުރާ އިމާރާތްތަކުގައި ކަރަންޓު ބޭނުންކުރަންޖެހޭ މިންވަރު ދަށްކުރުމަށް މިހާރަށްވުރެން ސަމަކާރަ ގޮތްތައް ޚިޔާރުކޮށް އިމާރާތްތަކުން އިސްރާފުވާ ކަރަންޓުގެ ނިސްބަތް ދަށްކުރުމެވެ. މި ގައިޑްލައިނަކީ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާއާ އެކު ތައްޔާރުކުރާ ގައިޑްލައިނެކެވެ.
މިގައިޑްލައިން ތައްޔާރުކުރަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ ހިލޭއެހީގެ ދަށުން، މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ އެކު ހިންގަމުން އަންނަ "ސްޓްރެންގތެނިންގ ލޯ ކާބަން އެނަޖީ އައިލެންޑް ސްޓްރެޓަޖީސް" މަޝްރޫޢުގެ ދަށުންނެވެ. މިމަޝްރޫޢުގެ މައިގަނޑު މަގުސަދަކީ އިމާރާތްކުރުމުގެ ދާއިރާއިން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމާއި، ރާއްޖޭގައި އުފައްދާ ހަކަތަ އޭގެ އެންމެ ހެޔޮގޮތު ގައި ބޭނުންކުރުމަށް ބާރުއެޅުމެވެ.