ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ބެޗެލަރސް އަދި މާސްޓާރސް ޑިގްރީ ނިންމާ ފަރާތްތަކަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް ތައާރަފު ކޮށްފިއެވެ.
މިޕްރޮގްރާމުގެ މަޤްސަދަކީ ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ތައުލީމު ހާސިލުކޮށް ރަނގަޅު ނަތީޖާ ހޯދާ ފަރާތްތަކަށް މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހޯދޭނެ މަަގުފަހިކޮށްދީ މިދާއިރާތަކުން މީހުން ބިނާކޮށް ކުރިމަގުގައި އޮފީހުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާނެ ގާބިލު މީހުން ތަމްރީން ކުރުން ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.
މިޕްރޮގްރާމުގެ ދަށުން އިންވެސްޓްމަންޓް މެނެޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޕެންޝަން އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާތަކުން މަސައްކަތުގެ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް މުސާރައާއި ޕެންޝަން ކޮންޓްރިބިއުޝަން ފަދަ އިނާޔަތްތައް ދިނުމަށް ހަމަޖެހިފައި ވުމުގެ އިތުރުން ކާމިޔާބު ކަމާއެކު ޕްރޮގްރާމު ނިންމާ ފަރާތްތަކަށް ޕެންޝަން އޮފީހުން ވަޒީފާގެ ފުރުސަތު ވެސް ތަނަވަސްވެގެން ދާނެއެވެ.
ޕްރޮގްރާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އުސޫލަކުން ކަމަށް ފެންޝަން އޮފީހުން ބުނެއެވެ.
ޕެންޝަން އޮފީހުގެ މައިގަނޑު މަސައްކަތަކީ ޕެންޝަން ފަންޑް ބަލަހައްޓައި އެ ފަންޑުން ފައިސާދޫކުރުމާއިއެކު ޕެންސަން ފަންޑްގައި ހުރި ފައިސާއިން އިންވެސްޓް ކުރުމެވެ.
ޕެންސަން ފަންޑަށް ކޮންމެ މަހަކު ވެސް މުވައްޒަފުގެ އަސާސީ މުސާރައިގެ ހަތް ޕަސަންޓާ، އެ އަދަދަށް ވާ ފައިސާ މުވައްޒަފަށް ވަޒީފާ ދިން ފަރާތުން ދޭ ފައިސާ ޖަމާ ކުރެ އެވެ. ޕެންޝަން ސްކީމުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ 86،000 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވާއިރު ފަންޑަށް މިހާރު ވަނީ 10 އަހަރަށް ވުރެން ގިނަ ދުވަސްވެފައެވެ.