އަންގާރަ ދުވަހު މާލެ ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 91 ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އަންގާރަ ދުވަހު ރާއްޖެ އިން 128 މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 91 މީހުންގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 11 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 26 މީހުންނެވެ. މިއާއިއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 22،790ށް އަރާފައެވެ.
ބަލިޖެހުނު މީހުންގެ ތެރެއިން 20،226 މީހުން ބަލިން ފަސޭހަވެފައިވާއިރު، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،491 މީހުންނެވެ. އޭގެ ތެރެއިން އެޑްމިޓްކޮށްގެން 102 މީހުންނަށް ދަނީ ފަރުވާދެމުންނެވެ. ހޯމަ ދުވަހާއި އަޅާބަލާއިރު، އަންގާރަ ދުވަހު އެޑްމިޓްކޮށްގެން އިތުރު 11 މީހުންނަށް ވަނީ ފަރުވާދޭން ފަށާފައެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު 66 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ކޮވިޑް-19ގެ ތިން ވަނަ ރާޅާއި ކުރިމަތިލަމުންދާއިރު، މިއީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ އެންމެ ނުރައްކާތެރި ރާޅުކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އަދި މިހާރު ރާއްޖޭގައި އަޅާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެގޮތުގައި ބޭއްވުން މުހިންމުކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެފައިވާއިރު، އެކަމަނާ ވަނީ ރާއްޖޭގައި އަދިވެސް ކޮވިޑް-19ގެ ނުރައްކާ ކުޑަނޫންކަމަށް ފާހަގަކުރައްވާފައެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮންނަތާ އަހަރެއް ވެފައިވާއިރު، ބަލިން ރައްކާތެރިވުމަށް ތަފާތު ގިނަ ފިޔަވަޅުތައް ވަނީ އަޅާފައެވެ. މިފަހުން ކޭސްތައް އިތުރުވާން ފެށުމާއިއެކު ފިޔަވަޅުތައް ވަރުގަދަކުރި ނަމަވެސް ފިޔަވަޅުތަކުގެ އެންމެ އެކަށޭނަ ނަތީޖާ ނުނެރެވޭ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ.