ކ. މާލެ
|
23 މާރޗް 2021 | އަންގާރަ 18:56
އާސަންދަ އޮފީސް
އާސަންދަ އޮފީސް
އާސަންދަ
އާސަންދަ ކުންފުނި
ބައެއް ފާމަސީތަކުން ބަލިމީހާއަށް އަގު ދަށް ބޭސް ދޫކުރުމަށްފަހު އަގު ބޮޑު ބޭހަށް އާސަންދައަށް ބިލްކުރޭ: އާސަންދަ
ތިން މަސްދުވަހުގެ ބޭހަށް އާސަންދައަށް ބިލްކުރުންފަދަ ފްރޯޑް މައްސަލަތައްވެސް ފާހަގަކުރެވިފައިވޭ

ބޭސް ދޫކުރުމުގައި ބައެއް ފާމަސީތަކުން ބަލިމީހާއަށް އަގު ދަށް ބޭސް ދޫކުރުމަށްފަހު އަގު ބޮޑު ބޭހަށް އާސަންދައަށް ބިލްކުރާކަންވެސް ފާއިތުވީ އަހަރުތަކުގެ ތެރޭގައިވަނީ ފާހަގަކުރެވިފައި ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ސްކީމްގެ ދަށުން ދޫކުރާ ބޭސް ހަމައަގަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެ ކުންފުނިން ބުނީ ބައެއް ފަހަރު ދިގު މުއްދަތަށް ބޭސްކުރާ ފަރާތްތަކަށް ތިން މަސްދުވަހަށް ޑޮކްޓަރު ލިޔެދެއްވާ ބޭސް ސިޓީއަށް ދެމަސްދުވަހަށް ބޭސް ދޫކުރުމަށްފަހު، ތިން މަސްދުވަހުގެ ބޭހަށް އާސަންދައަށް ބިލްކުރުންފަދަ ފްރޯޑް މައްސަލަތައްވެސް ފާހަގަކުރެވި މިފަދަ މައްސަލަތައް ބެލުމަށްފަހު، އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ގޮތުންނާއި ސްކީމްގެ ޚިދުމަތްތައް ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފޯރުކޮށްދިނުމަށް އާސަންދަ މޮބައިލް އެޕްލިކޭޝަނެއްވަނީ ތަޢާރަފްކޮށްފައިވާ ކަމަށާއި އާސަންދައިގެ 'ވިނަވި' ޕޯޓަލްބޭނުންކުރާ ހުރިހާ މަރުކަޒަކުން، ސްކީމްގެ ދަށުން ކޮންމެ ރައްޔިތަކުވެސް ހޯދާ ޚިދުމަތްތަކާ ނަގާފައިވާ ބޭސްތައް އެޕް މެދުވެރިކޮށް ޗެކްކުރެވޭނެ ކަމަށް އާސަންދަ އިން ބުންޏެވެ. މިގޮތަށް ޗެކްކުރާއިރު ޝައްކު އުފެދޭ އެއްވެސް ކަމެއް ފާހަގަވާނަމަ އެޕް މެދުވެރިކޮށް އާސަންދައަށް ޝަކުވާ ހުށަހެޅޭނެއެވެ.

އާސަންދަ ސްކީމްގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރެވެނީ ބޭސްފިހާރަތަކަށް ކަމަށް ވީހިނދު، ކޮންމެ ބޭހެއްވެސް ދިވެހިރާއްޖޭގައި ވިއްކޭނޭ އެންމެ މަތީ އަގު (އެމް.އާރް.ޕީ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭ އިން އަދި މިޤައުމުގަ ކަނޑައަޅާފަ ނުވިނަމަވެސް، އެއް ބޭހެއް އެކި ބޭސްފިހާރަތަކުން އެކި އަގުގައި ވިއްކަމުން ދާ މައްސަލަ ހައްލުކުރުމުގެ މަޤްޞަދުގައި، ސްކީމްގެ ތެރެއިން ބޭސްދޫކުރުމަށް ހުރިހާ ބޭހަކަށް ވަކި އަގުތަކެއް ފާއިތުވީ އަހަރުތަކުގެ ތެރޭގައި އާސަންދައިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން އޮކްޓޫބަރު 2019 ގައި، އޭރު އާސަންދަ ސްކީމްގެ ދަށުން ޚިދުމަތްދެމުންދިޔަ ހުރިހާ ބޭސްފިހާރައެއްގެ އެގްރީމެންޓް އާކޮށް ސޮއެކުރުމާއެކު، އެއް ބޭހެއް އެކި ބޭސްފިހާރައިން އެކި އަގުގަ ސްކީމްގެ ދަށުން ދޫކުރުމުގެ ބަދަލުގައި، ކޮންމެ ބޭސްފިހާރައަކުންވެސް އެއް ބޭހެއް ސްކީމްގެ ތެރެއިން ދޫކުރެވޭނީ އެއްއަގަކަށް ކަމަށް ހަމަޖެހިގެންދިޔައެވެ.

އެމް.އެފް.ޑީ.އޭ އިން ކޮންމެ ބޭހެއްވެސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުންވެސް، އާސަންދަ ސްކީމްގެ ތެރެއިން މިވަގުތު ދޫކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ތިންހާހަށް ވުރެ ގިނަ ބޭސް، ބޭސްފިހާރަތަކުން ލިބެން ހުންނަނަމަ، ސްކީމްގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.

ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަނީ ވަކިވަކި ބޭހަށްކަމުން، ކޮންމެ ޖެނެރިކެއްގެވެސް ސްޓްރެންތާއި ޑޯސޭޖް ފޯމް ދިމާވާނަމަ، މިހާރުވެސް އާސަންދަ ޕޯޓަލްގެ ތެރެއިން އެބޭސްތައް ފެންނަން ހުންނާނެއެވެ. އަދި މިހާރުވެސް އެއް ޖެނެރިކެއްގެ މިދެންނެވުނު ކެޓެގަރީގައި ހިމެނޭ، ރަޖިސްޓަރ ކުރެވިފައިވާ ބޭހެއް ނަމަ، ޕޯޓަލްގެ ތެރެއިން ދޫކުރެވެނީ އެބޭހަކަށް ކަނޑައެޅިފައިވާ އަގުގައެވެ. މިސާލަކަށް، ޕެރަސެޓަމޯލް 500 މިލިގްރާމްގެ ޓެބްލެޓްގެ އެކި ބްރޭންޑްތައް މިހާރުވެސް އާސަންދަ ލިސްޓުގައި ހިމެނިފައިވާނެއެވެ. އެމް.އާރް.ޕީ އައުމުންވެސް މިބޭސްތައް އާސަންދަ ލިސްޓުގައި ހިމެނޭނެއެވެ. ނަމަވެސް ދޫކުރެވޭނީ އެ ބްރޭންޑަކަށް ނުވަތަ އެ ބޭހަކަށް އެމް.އެފް.ޑީ.އޭ އިން ކަނޑައެޅިފައިވާ އެންމެ މަތީ އަގަށް ވުރެ ބޮޑު ނުވާ ގޮތަށެވެ.

ސްކީމްގެ ޚަރަދުކުޑަކުރުމަށް، ސްކީމްގެ ތެރެއިން ދޫކުރެވޭ ބޭހުގެ އަގުތައް ރިވިއުކުރުމުގެ މަސައްކަތަކީ އާސަންދައިން އަބަދުވެސް ކުރަމުންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން، އަގުގެ ފަރަގު ފާހަގަކުރެވޭ ބޭސްތައް އެތެރެކުރާ ފަރާތްތަކާއި އެކު އަގު ކުޑަކުރުމަށް އަބަދުވެސް މަޝްވަރާކުރެވެމުންދެއެވެ. މިހާރުވެސް މިފަދަ އެތައް ބޭހެއް ހަމަ އަގަށް ގެނައުމަށްޓަކައި އާސަންދަ ކުންފުނިން އަންނަނީ ބޭސް އެތެރެކުރާ ފަރާތްތަކާ މަޝްވަރާކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެހެންނަމަވެސް ބައެއް ބޭސްތަކަކީ ވަކި ބަޔަކަށް މާރކެޓް އެކްސްކޫލިސިވިޓީ ދެވިފައިވާ (އެއް ވެންޑަރ ފިޔަވާ އެހެން ވެންޑަރ އަކަށް އެތެރެ ނުކުރެވޭގޮތަށް ހުންނަ) ބޭސްތަކަކަށްވުމުން، އެފަދަ ބޭސްތައް ހަމައަގަށް ގެނައުމުގައި މިކުންފުންޏަށްވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. ނަމަވެސް، ފާއިތުވެދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި މިފަދަ މަރކެޓް އެކްސްކްލޫސިވިޓީ ދެވިފައިވާ ބޭހެއްކަމަށްވާ ޒޮވަންޓާ ބޭހުގެ އަގަށް ބަދަލުގެނައުމަށް އެ ބޭސް އެތެރެކުރާ ފަރާތާއިއެކު މަޝްވަރާކުރެވި، ވަނީ އެކަން ކާމިޔާބުކުރެވިފައެވެ. އެންމެ ބޭހެއްގެ އަގަށް މިގެނެވުނު ބަދަލުގެ ސަބަބުންވެސް، އަހަރަކު ގާތްގަޑަކަށް 12،000،000 (ބާރަ މިލިޔަން ރުފިޔާ) ސްކީމް ޚަރަދުން ކުޑަކުރެވޭނެއެެވެ.

- ކޮމެންޓް